ރާއްޖެއާއި ޖަޕާނާ ދެމެދު މިހާރަށްވުރެވެސް ގާތް ގުޅުމެއް ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ގައުމީ ދުވަހާ ގުޅިގެން އެ ގައުމުގެ އެމްޕެރާ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރު ޝިގެރޫ އިޝިބާއަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ތަހުނިޔާގެ ސިޓީފުޅުތައް ފޮނުއްވާފައެވެ. އެ ސިޓީފުޅުތަކުގައި ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ސިޓީފުޅުތަކުގައި ވަނީ ޖަޕާނުގެ އެމްޕެރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައި ކަމަށެވެ.
ޖަޕާނުގައި ގައުމީދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަން ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބުރުވަރީ 23 ގައެވެ.