ދުނިޔެ

ޖަޕާނުގެ ޖަންގައްޔެއްގައި ރޯވެ ހާހަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

މުހައްމަދު އައުޒަމް

ޖަޕާނުގެ ޖަންގައްޔެއްގައި އަލިފާން ރޯވުމުގެ ސަބަބުން، ހާހަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ޖަޕާނުގެ އުތުރު ސަރަހައްދުގައި އޮންނަ އޮފުނާޓޯގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރެން ފަށާފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ހާހަކަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ޖަޕާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

ޖަޕާނަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަށް މިހާދިސާ ވެފައިވާއިރު މީގެ ކުރީން 1992 ވަނަ އަހަރު އެ ގައުމުގެ ހޮއްކައިޑޯގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގައި 1030 ހެކްޓަރުގެ ސަރަހައްދެއް އަނދައިފައިވެއެވެ.

އޮފުނާޓޯގެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު 1200 ހެކްޓަރުގެ ސަރަހައްދަކަށް ފެތުރޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

އަލިފާން ނިއްވުމަށް 1700 އަށްވުރެ ގިނަ ފަޔާ ފައިޓަރުން ހަރަކާތްތެރި ވަމުން އަންނައިރު ޖަޕާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ވަނީ ރެސްކިއު ޓީމުތައްވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ބުނެފައެވެ.