ދުނިޔެ

ޖަޕާނުގެ ފޮރިން މިނިސްޓަރު ހިމެނޭހެން އެގައުމުގެ 8 މީހަކު ރަޝިޔާއަށް އެތެރެވުން މަނާކޮށްފި

މުހައްމަދު އައުޒަމް

ޖަޕާނުގެ ފޮރިން މިނިސްޓަރު، ހިމެނޭހެން އެގައުމުގެ 8 މީހަކު ރަޝިޔާއަށް އެތެރެވުން މަނާކޮށްފިއެވެ.

ރަޝިޔާއިން ހޯމަ ދުވަހު އާންމުކޮށްފައިވާ ލިސްޓެއްގައި ވާ ގޮތުން އެ ގައުމަށް އެތެރެވުން މަނާކޮށްފައިވާ ޖަޕާނުގެ 8 މީހުންގެ ތެރޭގައި އެގައުމުގެ ފޮރިން މިނިސްޓަރ ޓަކޭޝީ އިވައިގެ އިތުރުން ޖަޕާނުގައި ކާރު އުފައްދާ އިސުޒޫގެ ރައީސް ޝިންސޫކޭ މިނަމީ އާއި ޖައިކާގެ ނައިބު ރައީސް ވެސް ހިމެނެއެވެ.

ރަޝިޔާއިން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައި ވަނީ އެ ގައުމާއި ޔުކެރޭން ކުރަމުންދާ ހަނގުރާމައިގައި ޖަޕާނުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި ވެސް ޖަޕާނުގެ 13 މީހެއްގެ ނަން އާންމުކޮށް ރަޝިޔާއިން ވަނީ އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ޓޮޔޯޓާގެ ޗެއާމަން ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.