ދުނިޔެ

ޖަޕާނުގައި އަލަށް ތައާރަފުކުރި ފައިސާ ނޫޓު ފޯޖުކުރި މީހަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ޖަޕާނުގައި އަލަށް ތައާރަފުކުރި ފައިސާ ނޫޓު ފޯޖުކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޖަޕާނުގެ ފުލުހުން ވަނީ އެ ގައުމުގައި އަލަށް ބޭނުންކުރަން ފެށި ފައިސާގެ ނޫޓުތަކުގެ ތެރެއިން 10،000 ޔެންގެ ނޫޓު ބޭނުންކޮށްގެން ވިޔަފާރިކުރި މީހަރު ހޯދައި އޭނާ ހައްޔަރުކޮށްފައެވެ.

މިމަހުގެ 10 ވަނަ ދުވަހު އެ މީހާ ޓޯކިއޯގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފޯޖުކޮށްފައިވާ ނޫޓު ދީފައިވާ ކަމަށް ފާހަގަވުމުން ފުލުހުން ވަނީ އޭނާ ހޯދައި ހައްޔަރުކޮށް ތަހުގީގު ފަށައިފައެވެ.

ޓޯކިއޯގެ ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އުމުރުން 27 އަހަރުގެ މިޒުކީ ސައިޓޯ ނަމަކަށް ކިޔާ އެ މީހާ ވަނީ ގޭގައި ފައިސާ ޕްރިންޓުކޮށްފައި ކަމަށެވެ. އެގޮތުން އޭނާގެ އެޕާޓްމަންޓުން 50 އަށްވުރެ ގިނަ 10،000 ޔެން އާއި 5،000 ޔެންގެ ނޫޓުތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މީގެ ކުރިންވެސް ވިޔަފާރިކުރުމަށް ފޯޖުކޮށްފައިވާ ފައިސާ ބޭނުންކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޖަޕާނުން އެ ގައުމުގައި ބޭނުންކުރާ ފައިސާގެ ނޫޓުތަކުގެ އާ ނޫޓުގެ ގޮތުގައި 10،000 ގެ އިތުރުން 5،000 އާއި 1،000 ޔެންގެ ނޫޓުތައް ތައާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.