ދިވެހި ޕްރިމިއާ ލީގު

މައިންޑް ގޭމެއް ނޫން: މާޒިޔާ މާ ބޮޑަށްވެސް މޮޅު!

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކައިރިން ކޮންމެކޮންމެ ދުވަހަކު މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މާޒިޔާ މޮޅޭ ބުނަނީ ފައިދާއެއް ނަގަން "މައިންޑް ގޭމް"އެއް ޖައްސަން ނޫން ކަމަށް ބުރު ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މި ސީޒަނުގައި މިހާތަނަށް މާޒިޔާ ބަލިކުރި ހަމައެކަނި ޓީމަކީ ބުރު ސްޕޯޓްސް ކްލަބެވެ. އެ ޓީމުން ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ބަލިކޮށްފައިވާ އިރު، ނިޒާމްބެ އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ބުނީ މާޒިޔާގެ ހާލަތު މިހާރު ބަދަލުވެއްޖެ ކަމަށެވެ.

އެގޮތުން މާޒިޔާގެ ކޯޗުވެސް ބަދަލުވެ، ފިލޯސަފީވެސް މިހާރު ބަދަލުވެފައިވާ ކަމަށާއި ސާފް ޗެމްޕިއަންޝިޕަށް މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމާއެކު ދިޔުމަކީވެސް އެ ޓީމަށް ލިބޭ ފައިދާއެއް ކަމަށް ބުންޏެވެ.

"މާޒިޔާއަކީ މިދިޔަ 11 ވަރަކަށް އަހަރު ތެރޭގައި އެންމެ ރަނގަޅު ސްކޮޑު އޮވެގެން، އެންމެ ރަނގަޅަށް ސީޒަނަށް ތައްޔާރުވާ ޓީމު. މާޒިޔާއަކީ އެއްގޮތަކަށްވެސް ފަސޭހަ ޓީމެއް ނޫން. ކޮންމެ ކޮންމެ ދުވަހަކު އަރައި އެ މީހުންނާ ދެކޮޅަށް ބޭނުން ގޮތަކަށް ކުޅެލެވޭނެ ޓީމެއް ނޫން މާޒިޔާއަކީ. މާޒިޔާ ދެކޮޅަށް ތައްޔާރުވާންޖެހޭ ތައްޔާރުވަންތަކާއި އައިސްދާނެ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ. އެކަމަށް ތައްޔާރުވާންޖެހޭ ވަރަށް ތައްޔާރުވެފައި މިއޮތީ،" މާޒިޔާގެ ފެންވަރަށް ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.

ކުރިން ޓީސީ ސްޕޯޓްސް ކްލަބާއެކު ރާއްޖޭގެ ލީގު ކާމިޔާބު ކުރި ނިޒާމްބެ ބުނީ، މާޒިޔާ މޮޅުކޮށް ވާހަކަދައްކަނީ "މައިންޑް ގޭމް" އެއް ޖައްސައިގެން ޕްރެޝަރު ކުރަން ނޫން ކަމަށާއި އެއީ ހަގީގަތަށްވާތީ ކަމަށެވެ.

"(މައިންޑް ގޭމެއް ނޫން) މި ބުނެދިނީ ކަން އޮތް ގޮތް، އެ މީހުންނަކީ ވަރުގަދަ ޓީމެއް. ގަބޫލުކުރަންޖެހޭ. ގާތްގަނޑަކަށް ގައުމީ ޓީމުގެވެސް 14 ވަރަކަށް ކުޅުންތެރިން އެބަ ތިބި މާޒިޔާ ސްކޮޑުގައިވެސް. އެހެންވީމަ ގަބޫލުކުރަންޖެހޭ އުނދަގޫވާނެ މެޗެއްކަން މާޒިޔާ މެޗަކީ. އެބަހުރި ބައިވަރު ކަންކަން، ދެކޮޅުން އެއްކޮޅުން އަނެއްކޮޅަށް ހަމަލާ ދެވޭނެ، އަދި އެއްކޮޅުން އަނެއްކޮޅަށް ސަމާލުވާން ޖެހޭނެވެސް ކަންތައްތައް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މާޒިޔާއަކަށްވެސް ބުރަކަށްވެސް މެޗަކަށް މާބޮޑު ޕްރެޝަރެއް ނޯންނާނެ ކަމަށާއި ދެ ޓީމުގެ ކުޅުންތެރިންނަށްވެސް "ފްރީ މައިންޑް" އެއްގައި ކުޅެލުމަށް މާހައުލު އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. މާޒިޔާގެ އުންމީދުތައް މަތިވުމަކީ ޕްރެޝަރު ބޮޑުވާނެ ކަމެއްތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުންވެސް ނިޒާމްބެ ބުނީ އެ އުންމީދުތައް ހުރުމަކީ ޕްރެޝަރަށް ވެއްޓެންޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި މާޒިޔާއަކީ ލޯކަލް ޓީމުތައް ކައިރިން ޕްރެޝަރަށް ވެއްޓެން ޖެހޭނެ ޓީމެއް ނޫން ކަމަށެވެ.

މާޒިޔާއާއި ބުރު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.