މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހުރިހާ ސިޓީއެއްގެ ހުރިހާ ގޮނޑިއެއް އެއް ޕާޓީއަކަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އެމްޑީޕީން ވަނީ މާލޭ ސިޓީގެ 15 ގޮނޑިއާއި އައްޑޫ ސިޓީގެ ހަތް ގޮނޑިއާއި ފުވައްމުލަކު ސިޓީގެ ތިން ގޮނޑިވެސް ކާމިޔާބުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީން ނަގާނެ ކަމަށް ކުރީން ވެސް ވަނީ ބެލެވިފަ އެވެ. އެހެން ނަމަވެސް މަޖިލިސްގެ ސުޕަ މެޖޯރިޓީ ނުވަތަ އެ ޕާޓީން މި ހޯދި ވަރުގެ ބޮޑު ކާމިޔާބެއް ހޯދައިފާނެ ކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެނެއް ނޫނެވެ. އާންމުގޮތެއްގައި މީހުންގެ ވިސްނުން ހުރީ އެ ޕާޓީން 40 އާއި 50އާ ދެމެދުގެ އަދަދަކަށް ގޮނޑި ނަގާނެ ކަމަށެވެ.
ހުރިހާ ސިޓީއެއްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރި އިރު، މުޅި ރާއްޖެ އަށް ބަލާ އިރު އެޕާޓީން 60 ވަރަކަށް ގޮނޑި ނަގާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.