ދިވެހި ޕްރިމިއާ ލީގު

ތާވަލުގައި އޮތް ގޮތަށް މާދަމާ ލީގު އަލުން ފަށަން ތައްޔާރުވެއްޖެ

ސާފް ޗެމްޕިއަންޝިޕް 2023 އަށް މެދުކަނޑާލި ރާއްޖޭގެ ފުޓުބޯޅަ ލީގު، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގައި މިމަހު ނިމުނު ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާފައިވާ އިރު، ފުޓުބޯޅައަށް މިވަގުތު ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑު ކިޔުންތައް މިހާރު ވަނީ ބޮޑުވެފައެވެ. އެންމެ ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ އެފްއޭއެމްގެ މާލީ ހާލަތު ގޯސްވުމުންނެވެ. މިދިޔަ ފަސް ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ މުއައްޒަފުންނަށް މުސާރަވެސް ދީފައިނުވާ އިރު، އެ އިދާރާގެ ގިނަ މުވައްޒަފުންތަކެއް އީދު ބަންދަށްފަހު ވަޒީފާއަށް ނުކުމެފައެއްވެސް ނުވެއެވެ.

އޭގެ ތެރޭގައި މުބާރާތްތައް ހިންގާ ކޮމްޕެޓިޝަން ޑިޕާޓްމަންޓްތަކުގެ އިސް މީހުންގެ އިތުރުން އިދާރީ މުވައްޒަފުންނާއި ޓެކްނިކަލް މަސައްކަތްތައް ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

އެ ސަބަބާ ހެދި ލީގު އަލުން ފަށަން އޮތް ދުވަހު ތާވަލާ އެއްގޮތަށް ފެށޭނެ ކަމާމެދު ސުވާލުތަކެއް އުފެދިފައި އޮތް ނަމަވެސް، އެފްއޭއެމުން ބުނީ ތާވަލާ އެއްގޮތަށް ލީގު މާދަމާ ފަށާނެ ކަމަށެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) މީޑިއާ ގްރޫޕްގައި ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް ލީގު ކުރިއަށްދާނެ ކަމަށާއި، މިއަދު ކްލަބުތަކުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްވެސް އޮންނާނެ ކަމަށެވެ.

ސާފަށް ލީގު މެދުކަނޑާލުމުގެ ކުރިން ލީގުގެ މެޗުތައް އެންމެ ފަހުން ކުޅެފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ލީގުގެ ކުޅުން 56 ދުވަސް ފަހުން، މާދަމާ ފަށާއިރު، މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މާދަމާ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.