ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޮޓީ އަންނަ ސީޒަނަށްފަހު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ވިދާޅުވެއްޖެއެވެ.
ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމަށް އެންޗެލޮޓީ އާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް މީޑިއާގައި މީގެ ކުރިންވެސް ވާހަކަ ދެކެވިފައިވާ އިރު، އެ ވާހަކަތަކަށް އެންޗެލޮޓީވެސް ވަނީ ވާހަކަދައްކާފައެވެ. އެންޗެލޮޓޯ ކުރިން ބުނީ މި ވަގުތު ވިސްނުން ހުރީ ރެއާލްގައި މަޑުކުރަން ކަމަށާއި އެހެން ކަމަކާ ވާހަކަދައްކާނީ ފަހުން ކަމަށެވެ.
އެންޗެލޮޓީ އެހެން ބުނަމުންދިޔަ ނަމަވެސް، ބްރެޒިލްގެ ފެޑަރޭޝަނުން ބުނަމުން ދަނީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން އެންޗޮލިޓީ އެއްބަސްވެފައިވާ ކަމަށެވެ. އަދި ހަވާލުވާނީ އަންނަ އަހަރު ކޮޕާ އެމެރިކާގެ ކުރިން ކަމަށްވެސް ރައީސް އެޑްނާލްޑޯ މިހާރު ވަނީ ވިދާޅުވެފައެވެ.
"މި ވަގުތު ބްރެޒިލްގެ ކޯޗަކަށް ހުންނާނީ ފްލުމިނެންސޭގެވެސް ކޯޗު ފެނާންޑޯ ޑިނީޒް. އެއީ ވަގުތީ ގޮތުން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަން ހުރި ކޯޗެއް. އެންޗެލޮޓީ ރަސްމީކޮށް ގައުމީ ޓީމާ ހަވާލުވާނީ އަންނަ އަހަރު. އެހާ ހިސާބަށް ޓީމު ގެންދަން މި ހަވާލުކުރާ ޑިނީޒްއަކީ ޓެކްޓިކަލީ އެންޗެލޮޓީ ސްޓައިލްގެ ކޯޗެއް. އެންޗެލޮޓީ ހަވާލުވާނެ ކޮޕާ އެމެރިކާގެ ކުރިން،" އެޑްނާލްޑޯ ވިދާޅުވިއެވެ.
ބްރެޒިލްގެ ކޯޗަކަށް ދާދި ފަހަކާ ޖެހެންދެން ހުރި ޓީޓޭ އެ މަގާމު ދޫކޮށްލީ ވޯލްޑް ކަޕަށް ފަހުއެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބްރެޒިލް ކެޓީ ކްރޮއޭޝިއާ އަތުންނެވެ. އެ ފަހުން ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުގައި ކޯޗުކަމާ ހަވާލުވެ ހުރީ 20 އަހަރުން ދަށު ޓީމުގެ ކޯޗު ރަމޯން މެނެޒެސްއެވެ.
އަންނަ ސީޒަންގެ ނިޔަލަށް އެންޗެލޮޓީއާއި ރެއާލްއާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އުމުރުން 64 އަހަރުގެ ތަޖުރިބާކާރު ކޯޗަކީ މި ފަހުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. 2021 ވަނަ އަހަރު ދެވަނަ ފަހަރަށް ރެއާލްއާ ހަވާލުވެ މިހާތަނަށް އެ ކްލަބާ އެކު ވަނީ ޗެމްޕިއަންސް ލީގާއި ލީގުގެ އިތުރުން ކޮޕާ ޑެލްރޭވެސް ކާމިޔާބުކޮށްފައެވެ.
އެންޗެލޮޓީ އާއެކު 2022 ވަނަ އަހަރުވެސް ރެއާލްއިން ޗެމްޕިއަންސް ލީގު ހޯދާފައިވާ އިރު، އެއީ އޭނާގެ ކެރިއަރުގައި ހޯދި ހަތަރުވަނަ ޗެމްޕިއަންސް ލީގެވެ. އެންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި އޭސީ މިލާނާ އެކު އަދި ރެއާލް އާއެކުވެސް ދެ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފައެވެ.