މުޙައްމަދު ޝަމްޢޫން
މުހައްމަދު ޒިލާލް (ޒިލާ) އަކީ ރާއްޖޭގެ ބާސްކެޓުގައި އެންމެ ކާމިޔާބު ނަމެވެ. 20 އަށްވުރެ ގިނަ އަހަރު ރާއްޖޭގެ ބާސްކެޓްގެ އެންމެ މަތީ ފަންތީގައި ކުޅެ، ގައުމީ ޓީމު ކެޕްޓަންކަންވެސް ކުރި ޒިލާ، މިހާރު ހުރީ ރާއްޖޭގެ ބާސްކެޓް މުޅިން އާ މިސްރާބަކަށް ގެންދަން ނުކުމެއެވެ. ކުރީގެ އެއް ނަންބަރު ކުޅުންތެރިޔާ ޒިލާއަކީ މިހާރު ގައުމީ ޓީމުގެ ކޯޗިން ޓީމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެކަކެވެ.
މާދަމާ ރާއްޖޭގައި ފަށާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތަށް ޓީމުން ތައްޔާރުވަމުން އަންނަ އިރު، މުބާރާތަށް ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރުގައި ދާދިފަހުން ކުރިއަށް ގެންދިޔަ ތަމްރީނުތަކަށް ފަހުއެވެ. ޓީމާއެކު އެ ތަމްރީނުތަކުގައި އެންމެ މުހިއްމު މަސައްކަތެއް ކުރީ ޒިލާއެވެ.
"މުބާރާތް ރާއްޖޭގައި ބާއްވާތީ ކުޅުންތެރިންނާއި ބާސްކެޓް ކޮމިއުނިޓީވެސް ތިބީ މި ކަމަށް ތައްޔާރުވެގެން. ގައުމީ ޓީމަށް ކާމިޔާބީއެއް ނުލިބި ވަރަށް ދުވަސްވެސް ވެއްޖެ. އެހެންވީމާ އެކަމަށް ނިމުން ގެންނަން ތައްޔާރުވީ. ގިނަ މެޗުތަކަކުން ބަލިވަމުން ގޮސް، ތަމްރީނު ކޭމްޕްގައިވެސް ފަހު މެޗުތައް ކާމިޔާބީތަކަކާއެކު ނިންމާލީ،" މިދިޔަ ސީޒަނު ކިންގްސް ބާސްކެޓް ބޯޅަ ޓީމުގެ ކޯޗުކަން ކުރި ޒިލާ ބުންޏެވެ.
މިއީ، 2017 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުން އަމިއްލަ ގައުމުގައި ކުރިމަތިލާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. މިފަހަރު ފައިވް ނޭޝަންސް ކަޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނެވެ. ކުޅުންތެރިއެއްގެ ގޮތުގައި ސަރަހައްދީ ގައުމުތަކާ ދެކޮޅަށް ކުރިމަތިލި ޒިލާގެ ނަޒަރުގައި މިހާރު ޓީމު އޮތީ ފިޒިކަލީ އަދި މެންޓަލީވެސް ވަރަށް ބޮޑަށް މުބާރާތަށް ތައްޔާރުވެފައެވެ.
"ޒިލާ މެންވެސް ގައުމީ ޓީމަށް ކުޅެ، ކޯޗިންނަށް މި ނުކުތީ. އެހެންވީމަ ވަރަށް ބައިވަރު ތަޖުރިބާތަކެއް ކެރީ ކުރެވިއްޖެ މިހާ ހިސާބަށް އައިއިރު. މެޗުތައް ކާމިޔާބުކުރުމަށް ބޭނުންވާ މެންޓަލް ޕްރެސެންސާއި ފިޒިކަލް ޕްރެސެންސާވެސް އެކު މިވަނީ ތައްޔާރުވެފަ،" ޒިލާ ފާހަގަކުރިއެވެ.
އިންޑިއާގެ ކޭމްޕުގައި ސާބިއާގެ ކޯޗު/ޓެކްނިކަލް އެޑްވައިޒަރު، ނިމާންޏާ ޖެޑޯވް ބައިވެރި ނުވި ނަމަވެސް، ޒިލާއާއި އަލީ ފަޒްލީ (އޮލިމްޕިކް) ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އޭނާގެ އިރުޝާދުގެ ދަށުންނެވެ. އިއްޔެ ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ޒިލާ ބުނީ ޓެކްނިކަލް ހުރިހާ މައުލޫމާތެއް ޖެޑޯވް ދިޔައީ ފޯރުކޮށްދެމުން ކަމަށާއި، އެކަމުގައި ފަސޭހަތަކެއް ލިބުނު ކަމަށެވެ.
ޓީމަށް އިތުބާރު އޮތް ކަމަށް ބުނެ، ޒިލާ އިއްޔެ ބުނީ "މުބާރާތުން ކާމިޔާބު ހޯދަން ތައްޔާރުވެފައި،" އޮތް ކަމަށާއި، "އަޅުގަނޑުމެން ދެން ފެނިގެންދާނީ ތަފާތު ބާސްކެޓްބޯޅައެއް ކުޅެމުން އަންނަ ޓީމެއްގެ ގޮތުގައި،" ކަމަށެވެ.
އިންޑިއާގެ އިންޑިއާ ބެންގަލޫރުގެ ޕަޑުކޯން ޑަރައިވް ހައި ޕާފޮމަންސް ފެސިލިޓީއެއްގައި ތަމްރީނުކުރެވުމުގެ ފައިދާއާ ގުޅޭ ގޮތުންވެސް އިއްޔެ ޒިލާ ވަނީ ޕްރެސްގައި ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އިންޑިއާ ކޭމްޕަކީ މިފަހުން ގައުމީ ޓީމަށް ލިބިގެންދިޔަ އެންމެ ރަނގަޅު ތަމްރީނު ކޭމްޕް ކަމަށާއި، ތަމްރީނުކުރި ފެސިލިޓީއާއި އެކުރެވުނު ޓެކްނިކަލް މަސައްކަތަށް ބަލައިވެސް އެއީ ކާމިޔާބު ކޭމްޕެއް ކަމަށެވެ.
ޒިލާ ބުނީ ޝޫޓިން މެޗިން ފަދަ ވަސީލަތްތައް ބޭނުންކުރެވުމުން މުބާރާތަށް ބޭނުންވާ ވަރަށް ޝޫޓިން ޕަސެންޓޭޖުވެސް އިތުރު ކުރެވި، ހިތްހަމަ ޖެހޭ ވަރު ވެފައިވާ ކަމަށެވެ.
ޒިލާއަށް ގައުމީ ޓީމަށް ޓެކްނިކަލް ލަފާދެމުން އަންނަ ހެޑް ކޯޗު، ނިމާންޏާ ބުނީ މިއީ ޓީމެއް ބިނާކުރަމުން އަންނަ "ރީއިވެންޓް" އިން މަރުހަލާ ކަމަށެވެ. މި ދަނޑިވަޅުގައި ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އިސްކަންދޭނީ ކޯޓުމަތީގައި ކަންކަން ސާބިތުކޮށްދިނުމަށް ކަމަށް ކުރިން ސައިޕްރަސް އާއި ލުބުނާނުގައި ބާސްކެޓް ކޯޗިން މަސައްކަތްތައް ކުރި ނިމާންޏާ ބުންޏެވެ.
ހެޑް ކޯޗުގެ އެވާހަކައަށް ޒިލާވެސް އިއްޔެ ވާހަކަ ދެއްކިއެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިންތަކަކާއެކު ބާސްކެޓް ދަތުރުކުރަމުން އަންނަ އާ މިސްރާބާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ޒުވާން ޖޫނިއާ ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި އެބަތިބި. އެ ކުދިން ގައުމީ ޓީމާއެކު ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަވޭ. ބާސްކެޓްގައި ކުރިއަށް މިދާ އާ ސިސްޓަމުން ވަރަށް ހިތްހަމަ ޖެހޭ،" ޒިލާ ބުންޏެވެ.
ގައުމީ ޓީމެއް ބިނާކުރުމުގެ މަސައްކަތުގައި ހުރެ، ކުރެވޭ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށް ޒިލާ ބުނެފައިވާ އިރު، އޭނާ ބުނީ ކުޅުންތެރިއެއްގެ ތަޖުރިބާގައި ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރި ކަމަށެވެ.
"މިއީ ތަފާތު މަގާމެއް. ކުރިން ޕްލޭޔަރެއްގެ ގޮތުގައި ހުރެފަ، މިހާރު ކޯޗިންގައި މަސައްކަތް ކުރަމުންދާތީ ކަންކަން ގެންދަންވީ މިސްރާބު ވަރަށް ބޮޑަށް އެނގޭ. ހާއްސަކޮށް ޓެކްނިކަލް އެކްސްޕަޓީސް ލިބޭތީވެސް ވަރަށް ފަސޭހަވޭ. ކުރިންވެސް ފިޒިކިލަކީ ޓީމު ތައްޔާރުވިޔަސް މެންޓަލީ ކޮންމެވެސް ކަމެއް މަދުވޭ. އެކަން މިހާރު ދެނެގަނެވި، އެކަމަށް ހައްލު ހޯދިއްޖެ ކަމަށް ގަބޫލުކުރަން. މެޗުތަކުން މޮޅުނުވެ އައި ސީރީސްއަށް ނިމުމެއް ގެނެސް، މޮޅުވުމުން ކުޅުންތެރިންނަށް ލިބޭ ކޮންފިޑެންސް ފެނޭ،" ޒިލާ ބުންޏެވެ.