ދިވެހި ޕްރިމިއާ ލީގު

އީގަލްސްއިން ފަހަތުން އަރައި ބުރު ބަލިކޮށްފި

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު އީގަލްސްއިން ކުޅުނު މެޗުގައި ފަހަތުން އަރައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްއިން ބުރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަކީ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ބަލިވިފަހުން އީގަލްސްއިން ކުޅުނު ފުރަތަމަ މެޗެވެ. ޕްރެސިޑެންޓްސް ކަޕްގައި ރަނގަޅު ކުޅުމެއް ދެއްކި ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ގޮސް، ތާރީހީ ނަތީޖާއެއް ހޯދި އިރު، އެޓީމުން ބަލިވީ އީގަލްސް ކައިރިންނެވެ. އެ މެޗުވެސް ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، 2-1 އިން އީގަލްސް މޮޅުވީ އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ.

އީގަލްސްއިން މިރޭގެ މެޗުގައި ނެރުނު ފުރަތަމަ 11 ގައި ޕްރެސިޑެންޓްސް ކަޕް ފައިނަލުގައި ނުފެނުނު އަބްދުﷲ ސަމީހު މޫސާ ހިމަނާފައިވާ އިރު، މެދުތެރެއިން ދެން ފެނުނީ އަހުމަދު ހަސަނާއި އިމްރާން ނަޝީދު (އިންމަ) އެވެ. އަނެއްކޮޅުން ބުރުގެ ކެޕްޓަން ބޭންޑްގައި މިރޭ ނުކުތީ ތަޖުރިބާކާރު ފޯވަޑް އަހުމަދު ރަޝީދު (އަންމަޑޭ) އެވެ. އެޓީމުން ޕްރެސިޑެންޓްސް ކަޕްގައި އާންމުކޮށް ބޭނުންކުރި ކުޅުންތެރިން މިރޭގެ ފުރަތަމަ 11 އިންވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ދެ ޓީމުންވެސް ރަނގަޅު އެޓޭކްތަކަކަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ކޮޅުގައި ދެޓީމުން ގޭމް ތެރެއަށް ވަދެ މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަމުން ގޮސްފައިވާ އިރު، ފެނުނީ ދާދި އެއްގޮތް ކުޅުމެކެވެ. ދެޓީމުންވެސް ތިރި ޕާސްތައް ޖަހައި، މެދުތެރެއިން ޕާސިން ގޭމެއް ކުޅެން މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.

މިރޭގެ މެޗަކީ ބުރުން ފުރަތަމަ ޑިވިޝަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކަމަށްވީ އިރު، މެޗަށް ނުކުތް އިރު ފެވަރިޓުންނަކީ މިދިޔަ އަހަރު ލީގުގެ ދެވަނަ ހޯދި އީގަލްސްއެވެ. އެހެން ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި ބުރުން ލީޑު ނެގިއެވެ. ކޯނަރެއްގެ ތެރެއިން މުހައްމަދު ތަޝްމީން (ތައްތި) ނެގި ބާރު ހުރަސް ގޯލަށް ވަނީ އީގަލްސްގެ އިންމަ ފައިގައި ޖެހި ބައިކޮޅަށެވެ.

އެ ގޯލަށްފަހު އީގަލްސްއިން ހަމަ ޖެހިލައި، ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ހޯދި ނަމަވެސް، ފުރުސަތުތަކުގައި މާ ބޮޑަށް ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ 27 ވަނަ މިނެޓުގައި ހުރަސްވެގެން އައި ބޯޅައެއް ބުރުގެ ގޯލްކީޕަރު ޝައިހާން އަލީ ޕަންޗުކޮށްލުމުން އަހުމަދު ރިޒުވާން (ރިޒޭ) އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ޖެހީ މަތިންނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އޭރިއާ ތެރެއިން މުޅިން ހުސްކޮށް ހުރި ފޮނުވާލި ހަމަލާ ބްލޮކްކުރީ މުހައްމަދު ސާއިފެވެ.

ހާފުގެ ފަހުކޮޅުގައި ބުރުން އަނެއްކާވެސް ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފެއްދިއެވެ. މުހައްމަދު ސާމިރު ދުރުން ޖެހި ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، ތައްތި ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. އަދި އޭގެ ފަހުން އިބްރާހީމް މައިސާން އަށް ލިބުނު ފުރުސަތުގެވެސް ބޭނުމެއް ނުހިފުނެވެ.

ދެވަނަ ހާފަށް އީގަލްސްއިން ނުކުތީ ބިދޭސީ ފޯވަޑް އިވާން ކާލޯސްގެ ބަދަލުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ކުޅުމަށް ނެރެގެންނެވެ. އެހިސާބުން މެދުތެރޭގެ ކުޅުން ރަނގަޅުވެ، އީގަލްސްއިން މެޗުގެ 66 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ޕޮގްބާގެ ޕާހަކުން ރިޒޭ ޖެހި ހިތްގައިމު ގޯލެކެވެ. ރިޒޭ އަރިމަތިން އަރައި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އީގަލްސްއިން މެޗުގެ ލީޑު ނެގުމަށް ކުރި މަސައްކަތުގައި މެޗުގެ 80 ވަނަ މިނެޓުގައި އަހުމަދު ހަސަން (އަންމަޑޭ) ބޮލުން ޖެހި ބޯޅަ، ބުރުގެ ގޯލްކީޕަރު ޝައިހާން މަތިން ޕަންޗުކޮށް ބޭރުކޮށްލިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން 83 ވަނަ މިނެޓުގައި އީގަލްސްއިން ފަހަތުން އަރައި ލީޑު ނެގިއެވެ. ފޭދޫ އިއްބެ ޖެހި ބޯޅައެއް ބުރުގެ ގޯލްކީޕަރު ޝައިހާން ގައިގައި ޖެހިފައި ނުކުތުމުން ގޯލަށް ބޯޅަ ވައްދާލީ ރަނގަޅު ފޯމެއްގައި ހުރި ރިޒޭއެވެ.

އެ ގޯލާއެކު އީގަލްސްއިން ހަމަޖެހިލައި، އިތުރަށް ކުޅުނު ރަނގަޅުކުރިއެވެ. ހާއްސަކޮށް މެދުތެރެއިން ކުޅުން ރަނގަޅުކޮށް، އިތުރު ވަގުތުގެ ތެރޭގައި ތިންވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ މެދުތެރެއިން ޒައިން ޒަފަރު ދިން ހިތްގައިމު ބޯޅައަކަށް ކުރިއަށް ދުވެ، ފޭދޫ އިއްބެ ޖެހި ގޯލެކެވެ. އިއްބެ ގޯލު ޖެހީ ބުރުގެ ކީޕަރު ޝައިހާނު ސާފުކޮށްލަން ޖެހި ބޯޅަ ހޯދައިގެންނެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މާދަމާވެސް ދެ މެޗު އޮންނާނެއެވެ. ހަވީރު 4:00 ގައި މާޒިޔާއިން ޔުނައިޓެޑްގެ ވިކްޓަރީއާ ދެކޮޅަސް ނުކުންނަ އިރު، މާދަމާ ރޭ 9:00 ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ނުކުންނާނީ ކްލަބު ގްރީން ސްޓްރޭޓްސްއާ ދެކޮޅަށެވެ.