ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމަށް ބޭނުންވަނީ ކާލޯ އެންޗެލޮޓީ ކަމަށް، ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ވިދާޅުވެއްޖެއެވެ.
ގަތަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވި ބަލިވުމާއެކު ބްރެޒިލްގެ ކޯޗުކަމުގައި އޭރު ހުރީ ޓީޓޭ ވަނީ އިސްތިއުފާ ދީފައެވެ. އޭރުން ފެށިގެން ރަސްމީކޮށް، އެގައުމުގެ ގައުމީ ޓީމަށް ދާއިމީ ކޯޗެއް ހަމަޖައްސާފައެއް ނުވެއެވެ. އޭރުން ފެށިގެންވެސް ބްރެޒިލްގެ ފެޑަރޭޝަނުން އެންމެ ގަދައަށް މަޝްވަރާ ކުރަމުން ދިޔަ އެއް ކޯޗަކީ މިހާރު ރެއާލް މެޑްރިޑްގައި ހުރި އެންޗެލޮޓީއެވެ.
އެންޗެލޮޓީއާ ބްރެޒިލުން ވާހަކަ ދައްކާ ކަމަށް ކުރިން މީޑިއާގައި ބުނެފައިވެސް ވެއެވެ. އެހެން ނަމަވެސް އޭނާ ބުނަމުން އަންނަނީ ރެއާލް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ހާއްސަކޮށް މިހާރު ޓީމަށް އެންމެ މުހިއްމު މެޗުތައް އޮތް ދުވަސްތަކުގައި އެފަދަ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށްވެސް އެންޗެލޮޓީ ވަނީ ބުނެފައެވެ.
ބްރެޒިލްގެ ފެޑަރޭޝަން ރައީސް ރޮޑްރިގޭޒް ވިދާޅުވީ އެންޗެލޮޓީއަށް ރަސްމީކޮށް އަދި ހުށަހެޅުމެއް ނުފޮނުވާ ނަމަވެސް، ފެޑަރޭޝަނުގެ ޕްލޭން އޭއަކީ އެއީ ކަމަށެވެ.
"އެންޗެލޮޓީއަށް އަހަރެމެންގެ ހުށަހެޅުމެއް ހުށަހެޅި ވާހަކައެއް އަހަރެން ނުބުނާނަން. އެކަމަކު އެންޗެލޮޓީ އަންނަން ހުރި ގޮތެއް މިދަނީ ބަލަމުން. އަހަރެމެންގެ ޕްލޭން އޭއަކީ އެއީ. މިއީ މި ވާހަކައިގައި އަހަރެން ފުރަތަމަ ބުނި ބަސް، އަދި މިއީ ހަމަ ތެދު. އެކަން ސިއްރުކުރާނެ ކަމެއް ނެތް. އެންޗެލޮޓީއަކީ އަހަރެމެންގެ ފެވަރިޓް،" ރޮޑްރިގޭޒް ވިދާޅުވިއެވެ.
އެންޗެލޮޓީއަކީ އިޓަލީއަށް އުފަން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ކުރިން ގައުމީ ޓީމަށް ކުޅެ، ރިޓަޔާކުރުމަށްފަހު ކޯޗިންނަށް ނުކުތް އެންޗެލޮޓީ ވަނީ ޔޫރަޕްގެ ވަރުގަދަ ކްލަބުތަކާއެކު ކާމިޔާބީތައް ހޯދައިފައެވެ.
އެގޮތުން އޭސީ މިލާނާއެކު ލީގު ކާމިޔާބުކުރުމާއި ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުންވެސް ހިމެނެއެވެ. އަދި އޭގެ ފަހުން ޗެލްސީއާއެކު ޕްރިމިއާ ލީގު ހޯދައި، ރެއާލް މެޑްރިޑާއެކު ދެފަހަރަށް ޗެމްޕިއަންސް ލީގު ހޯދުން ހިމެނެއެވެ. ރެއާލްއާއެކުވެސް އެންޗެލޮޓީ ލީގު ނެގި އިރު، ބަޔާންއާއެކު ޖަރުމަނު ލީގުވެސް އޭނާ ނަގައިފައިވެއެވެ.
ކްލަބު ލެވެލްގައި ވަރުގަދަ ކޯޗެއްގެ ގޮތުގައި އެންޗެލޮޓީ ފާހަގަވެފައިވާ އިރު، މީގެ ކުރިން އޭނާ ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް 1992 ވަނަ އަހަރު 1995 ވަނަ އަހަރާ ހަމައަށް އިޓަލީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އެންޗެލޮޓީ ހުއްޓެވެ.