ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު މުމްތާޒުއާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ދާއިރާގެ ރައީސް ސައުދުﷲ އަހުމަދު ހަސަން ދީދީ ކެމްޕެއިންކުރާކަމަށް ބުނެ އޭނާއަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ނަސޭހަތްތެރިވެއްޖެއެވެ.
އެމްޑީޕީގެ ސުލޫކީ ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް ސައުދުﷲ އަހުމަދު ހަސަން ދީދީ އާއި ނައިބު ރައީސް އަބްދުﷲ ދީދީގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ދާއިރާގެ 112 މީހަކު ސޮއިކޮށް ފެބްރުއަރީމަހުގެ 12 ގައި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން އެމައްސަލަ ކޮމެޓީން ބެލިއިރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު މުމްތާޒުއާ ދެކޮޅަށް ރައީސް ސައުދުﷲ ކެމްޕެއިން ކުރިކަން އެނގިފައިވާކަމަށެވެ.
އަދި ނައިބު ރައީސާ ސުވާލުކުރުމުން އެކަން ދޮގުކޮށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ދާއިރާގެ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބުކޮށްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ބަޔާނުގައި ވެއެވެ.
އަދި އޭގެ އިތުރުން ސައުދުﷲ އާއި ސުވާލުކުރުމުން އެފަދަ ކަމެއް ކޮށްފައި ނުވާނެކަމަށް ބުނި ނަމަވެސް ކޮމެޓީން ބެލި ބެލުމުގައި ސައުދުﷲ އެންޓިކެމްޕޭން ކުރިކަން އެނގެން އޮތުމުން، އޭނާއަށް ނަސޭހަތްތެރިވެ، މުމްތާޒު އިންތިހާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދި ނަސޭހަތްތެރިވެފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.
މުމްތާޒަކީ ދާއިރާގެ ޕްރައިމަރީގައި ވާދަކޮށްގެން ޕާޓީގެ ޓިކެޓް ހޯދި ފަރާތެވެ.