ބާސްކެޓްބޯޅަ

ލެބްރޯން ޖޭމްސް، އެންބީއޭގެ 39 އަހަރުވީ ޕޮއިންޓް ރެކޯޑު މުގުރާލައިފި

އެންބީއޭގެ އެންމެ ލެޖެންޑަރީ އެއް ކުޅުންތެރިޔާ ލެބްރޯން ޖޭމްސް، ލީގުގެ ތާރީހީ ސްކޯރިން ރެކޯޑު މުގުރާލައިފިއެވެ.

ލޮސް އެންޖެލެސް ލޭކާސްގެ ތަރި ޖޭމްސް، ރޭ މުގުރާލީ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހެދި ކުޅުންތެރިޔާގެ ރެކޯޑެވެ. މީގެ 39 އަހަރު ކުރިން އެންބީއޭގެ އެ ރެކޯޑު ހަދާފައި އޮތީ ކަރީމް އަބްދުލް-ޖައްބާރެވެ. އަބްދުލް-ޖައްބާރު އޭނާގެ ރެކޯޑު ހެދީ 1984 ވަނަ އަހަރު އޭޕްރީލް މަހުގައެވެ. އޭރު އަދި ޖޭމްސް އުފަންވެސް ނުވެއެވެ.

ލޭކާސްއިން ރޭ ކުޅުނު މެޗުގައި އުމުރުން 38 އަހަރުގެ ޖޭމްސް ވަނީ 38 ޕޮއިންޓް ނަގައިފައެވެ. ރޭގެ މެޗަށް ނުކުތް އިރު ރެކޯޑު މުގުރާލަން ޖޭމްސް ބޭނުންވެފައި އޮތީ 36 ޕޮއިންޓެވެ. އަބްދުލް-ޖައްބާރު އެންބީއޭގައި 38،387 ޕޮއިންޓް ހޯދާފައި އޮތް އިރު، ރޭގެ 38 ޕޮއިންޓާއެކު ޖޭމްސް ވަނީ ޖުމުލަ 38،390 ޕޮއިންޓް ހަމަކޮށްފައެވެ.

ލޭކާސްއިން ރޭގެ މެޗުގައި 133-130 ޕޮއިންޓުން އޮކްލަހޯމާ ސިޓީ ތަންޑާ އަތުން ބަލިވި ނަމަވެސް، މެޗަށްފަހު ޖޭމްސް ވަނީ އަސަރުގަދަކަމާއެކު އުފާފާޅުކޮށްފައެވެ. އުމުރުން 75 އަހަރުގެ އަބްދުލް-ޖައްބާރުވެސް ރޭގެ މެޗު ބެލުމަށް ކޯޓު ކައިރީގައި އިން އިރު، ދެ ކުޅުންތެރިން އެކުގައި ކޯޓު ތެރޭގައި އުފާފާޅުކޮށްފައިވެއެވެ. ރޭގެ މެޗުގެ ތެރެއިން ޖޭމްސްއަށް ހާއްސަ ވަގުތުކޮޅަކަށް ކުޅުން ހުއްޓާލާފައިވެއެވެ.

ރޭގެ މެޗަށްފަހު ރެކޯޑުގެ ރަމްޒީ ބޯޅައެއް އަބްދުލް-ޖައްބާރުގެ ފަރާތުން ޖޭމްސްއަށް ވަނީ ހަދިޔާކޮށްފައެވެ. ރޭ ޖޭމްސް ރެކޯޑު މުގުރާލި މެޗު ބެލުމަށް ދުނިޔޭގެ މަޝްހޫރު ޝަހުސިއްޔަތުން ކޯޓު ކައިރިން ފެނިފައިވެއެވެ. ޓެނިސް ލެޖެންޑް ޖޯން މެކެންރޯއީއާއި މިއުޒިކް ތަރިން ކަމަށްވާ ޖޭ-ޒީއާއި އެލްއެލް ކޫލް ޖޭ އަދި ފްލޮއިޑް މޭވެދާގެ އިތުރުން އެކްޓަރު ޑެންޒެލް ވޮޝިންޓަންވެސް ރޭގެ މެޗު ބެލުމަށް ގޮސްފައިވެއެވެ.

ރޭގެ މެޗަށްފަހު ޖޭމްސް ބުނީ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކެރިއަރުގައި ހޭދަކުރަން ޖެހުނު ކޮންމެ ވަގުތެއްގައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ހާސިލުވީ ހުވަފެނީ ކާމިޔާބީއެއް ކަމަށްވެސް ޖޭމްސް ވަނީ ބުނެފައެވެ.