އެމްޑީޕީ

ހިސާންގެ މައްޗަށް ކުރާ ތުހުމަތު: އެފަދަ ކަމެއް ކޮށްފައެއް ނުވާނެ، ފުލުހުން މައްސަލަ ބަލައިދިނުން އެދެން

ހަޔާތުގައި ދުވަހަކު ވެސް ބަޔަކަށް ގެއްލުމެއް ނުވަތަ ދެރަ ގޮތެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލައިދިނުމަށް އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް ހިސާން ހުސެއިން އެދިވަޑައިގެންފި އެވެ.

ހިސާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، ތުޅާދޫ، ހިރިޔާ، އަނަސް އަހުމަދު ރޭ ނެރުނު ސްޓޭޓްމެންޓަކަށް ރައްދު ދެއްވައި ދާދި ދެންމެ ނެރުއްވި ސްޓޭޓްމެންޓެއްގަ އެވެ.

ހިސާން މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، ތުޅާދޫ، ހިރިޔާ، އަނަސް އަހުމަދު ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެޑްރެސްކޮށް އަނަސް ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ، އޭނާ ވެސް ހިމެނޭ ގޮތުން ތުޅާދޫގެ ހަތަރު ކުއްޖަކާއި އޭދަފުށީ އެއް ކުއްޖަކު ކުރީން މ. ނޫހިރި (ހިސާންގެ ބައްޕާފުޅުގެ ގެ)ގައި ކިޔަވަން ތިބި އިރު އެކުދީންނާ މެދު ހިސާން ހުސެއިން ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން އެ ކުދީން ތިބި ކޮޓަރީން ފެނާއި ކަރަންޓުގެ ޚިދުމަތް ހިސާން ކަނޑާލި ކަމަށާއި ނިދާފައި ގާބުރި އެއްވެސް ކޮޓަރި ތެރެއަށް އެއްލި ކަމަށެވެ. ފެން ކަނޑައިލާފައި ހުރި 15 ވަރަކަށް ދުވަހު އެ ކުދީން ފެންވަރައި ގައިން ތާހިރުވެ އުޅުނީ އާންމު ފެން އިސްކުރު ބަރީން ފެން ގެނެސްގެން ކަމަށާއި ކޮޓަރި އަލިކޮށްގެން އުޅުނީ އުއްބައްތި ދިއްލައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަނަސްގެ ބަޔާނުގައި ރައީސް ސޯލިހުގެ އަރިހުން އެދިފައި ވަނީ، ހިސާން މި ފަދަ އަމަލުތަކެއް ހިންގާފައި ވުމާއި އެމްޑީޕީ އަކީ އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތަށް ވަކާލާތުކުރާ ޕާޓީއަކަށް ވާތީ، ހިސާނަށް އެމްޑީޕީން ކުރާ ތާއީދު އަބުރާ ގެންދެވުމަށެވެ.

އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށް އަނަސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަނަސްގެ މި ބަޔާނާ ގުޅިގެން ހިސާންގެ ކެމްޕެއިން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. ހިސާންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެއްވެސް އިރެއްގައި މީހަކަށް އަނިޔާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވަނީ މި މައްސަލަ ފުލުހުން ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަނަސްގެ ސިޓީގައި އެ މައްސަލަ އޭރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވާ އިރު، ހިސާންގެ ކެމްޕޭން ޓީމުން ބުނީ، އެފަދަ މައްސަލައެއް ހިސާންގެ މައްޗަށް ދުވަހަކުވެސް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

ހިސާންގެ ކެމްޕެއިން އޮފީހުން ބުނެފައި ވަނީ، ހިސާން އަކީ އެއްވެސް އިރަކު މީހަކާ މެެދު އަނިޔާވެރި އަމަލެއް ހިންގާފައިވާ އަދި ހިންގާނެ ފަރާތެއް ނޫން ކަމަށެވެ. ހިސާންއާ މެދު މި ފަދަ ދޮގު މައުލޫމާތެއް ފަތުރައިގެން ސިޓީއެއް ލިޔުނު އަނަސް އަކީ، މައުމޫނު ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ފަރާތުން ތުޅާދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އިބްރާހީމް އަފީފަށް ބޮޑުބޭބެ ކިޔާ އަދި އަފީފުގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށެވެ.

މި އަމަލު ވަރަށް ބޮޑު ކުށްވެރިކުރާ ކަމަށް ވެސް ހިސާންގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.