އަހުމަދު ފާއިޒު ހުސައިން

މަޖިލިސް އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން ގާނޫނު އަސާސީއަށް އަހުލުވެރިއެއްނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ގިނަ ބޭފުޅުން ގާނޫނުއަސާސީއަށް އަހުލުވެރިވެފައި ނުވާކަން މަޖިލިސް ބަހުސުން އެނވަޑައިގަންނަވާ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ މިހެން ވިދާޅުވީ އަމިއްލަ ފުޅު ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ޕޯސްޓެއްގަ އެވެ.

"މަޖިލީހުގެ މެންބަރުކަމަށް ކުރިމަތި ލައްވައިގެން އުޅުއްވާ ގިނަ ބޭފުޅުން ގާނޫނުއަސާސީއަށް އަހުލުވެރިވެފައިނުވާކަން ހިނގަމުންދާ މަޖިލިސްބަހުސް އެނގޭ،" ފާއިޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން، ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ކެންޑިޑޭޓުން ވިދާޅުވުމަކީ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށެވެ.

"ރައްޔިތުންނަށް ކޮށްދެއްވުމަށް ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ތިމަންބޭފުޅާ ހޮވައިފިނަމަ ކޮށްދެއްވާނެކަމަށް ވިދާޅުވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުންފިޔަވައި ކުރެވޭ އިތުރުކަމެއް ނޫން،" ފާއިޒު ވިދާޅުވެފައިވެއެވެ.

ފާއިޒް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ގެންދަވަނީ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.