އިބްރާހިމް ޒަކީ
ނުރައްކާތެރި ކޮވިޑް 19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކަކީ، ސިންގަޕޫރު މޮޑެލް އާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.
އެކަމަށް ތައުރީފު ކުރައްވައި އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ސިންގަޕޫރުން އަޅާފައިވާ ފިޔަވަޅުތަކަކީ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށެވެ.
ޑިއުޓީ ފްރީ ބަންދުކުރުމާއި ބޭރު މީހުންނަށް ސިންގަޕޫރަށް ނޭރޭ ގޮތަށް ނިންމުމަކީ ހަރުދަނާ ފިޔަވަޅުތަކެއް ކަން ފާއިޒު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ބޭރު މީހުންނަށް ސިންގަޕޫރުގައި ޓްރާންސިޓް ނުކުރެވޭ ގޮތަށް ނިންމުމަކީ ވެސް އެ ގައުމުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ފާއިޒު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19 އާއި ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސޯދީ ގޮތުން ލިބޭ ގެއްލުންތައް ކުޑަވާނެ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.
ފާއިޒު ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށީގެން ވަނީ ވެސް ސިންގަޕޫރު މޮޑެލް ކަމަށެވެ.
ފާއިޒު އިތުރަށް ވިދާޅުވީ ގިނަ ގައުމުތަކެއް ލޮކްޑައުން ކުރަމުން ދާއިރު، ސިންގަޕޫރަށް ޒިޔާރަތް ކުރާ ބައެއް މީހުން 14 ދުވަހުގެ ކަރަންޓީނުގައި ސިންގަޕޫރުގައި ތިބެން ޖެހުނަސް ހިތްހަމަ ޖެހޭ ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރުމާއި، ހޮޓާ، ކެފޭ، ރެސްޓޯރެންޓްތައް ބަންދު ކުރުމުގެ އިތުރުން، ކިޔަވައިދޭ ހުރިހާ ތަނެއް ބަންދު ކުރުމާއި ރިސޯޓުތަންނާއި ސަފާރީ ފަދަ އުޅަނދުތަކުން މީހުން ރަށްރަށަށް ދިއުން ހުއްޓުވުމުން ހިމެނެ އެވެ. އަދި ގޭގައި މީހުން މަޑު ކުރުމަށް ތަކުރާރުކޮށް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.
މީގެ އިތުރުން ވައިގެމަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވައި އެހެން އެންމެން 14 ދުވަސްވަންދެން ކަރަންޓީން ކުރުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
މިހާތަނަށް ރާއްޖޭން ކޮވިޑް 19 އަށް 13 މީހުން ޕޮޒިޓިވްވިއިރު، އޭގެތެރެއިން ތިން މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑް 19 ޖެހިފައި ވަނީ ހުސް ބިދޭސީންނަށެވެ.