އަލީ ޔާމިން
ކައުންސިލު އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުތަކުގެ މުއްދަތު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނުޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ކޮވިޑުގެ ސަބަބުން ކައުންސިލް އިންތިހާބު އަންނަ އަހަރަށް ފަސް ކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލް މެންބަރުންގެ ދައުރު އަންނަ މަހު ހަމަވެއެވެ. ސަރުކާރުން ހުށަހެޅީ ގާނޫނު އަަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު އިތުރު ކުރާށެވެ.
މި މައްސަލައާ ގުޅިގެން ފާއިޒް ފޭސްބުކުގައި ލިޔުއްވީ، ދުސްތޫރީ ހުސްކަމެއް އަންނަ ހާލަތްތަކުގައި އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަކީ ކޯޓުތައް މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދުން ނުވަތަ އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުން ކަމަށާއި، މި ވަގުތު ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"ދުސްތޫރީ ހުސްކަމާއި، ގާނޫނީ ހުސްކަމަކީ ވަގުތީ ހާލަތްތަކެވެ. ވަގުތީ ހާލަތްތަކަށް ދުނިޔޭގެ އެހެން ތަންތަނުގައި ހޯދަނީ ގަޟާއީ ހައްލެކެވެ. ނުވަތަ އިންތިގާލީ އިންތިޒާމެއްގެ ދަށުން ހައްލު ހޯދައެވެ." ފާއިޒް ވިދާޅުވިއެވެ.
ފާއިޒްގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީވެސް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށާއި، އެ މައްސަލައިގައި ހައްލު އޮތީ ސްޕްރީމް ކޯޓުގައި ކަމަށެވެ.
ކައުންސިލް އިންތިހާބު ކުރިން ކަނޑައެޅިފައިވާ ތާރީހުތަކުގައި ނުބޭއްވޭނެތީ އެ މައްސަލަ ފުރަތަމަ ހުށައެޅީ ހައިކޯޓަށެވެ. އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލާގައި ބަހެއް ބުނުމުގެ ކުރިން މައްސަލަ ނަގައި މަޖިލީހަށް ހުށައެޅީ މަޖިލީހުގެ ރައީސް އެގޮތަށް އެދިވަޑައިގަތުމުންނެވެ.
ނަމަވެސް އެ މައްސަލަޔަށް ހައްލެއް ހޯދައި ނުދެވި މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދުމުން އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއްވެސް ހުށަހަޅައިފަ އެވެ.