އިބްރާހިމް ޒަކީ
ކުރީގެ އުއްތަމަ ފަނޑިޔާރު ހދ. ވައިކަރަދޫ ވައިޖެހޭގެ އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން، އުއްތަމަ ފަނޑިޔާރު ކަން ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވާ ގާނޫނާ ހިލާފް ކަންކަމުގައި ބައިވެރިވެ ވަޑައިގެންފައިވޭތޯ ބެލުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާމެދު ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން އައްޔަންކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީއަށް ފޮނުވީ މިމަހު 17 ގައެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ފާއިޒު ހުންނެވިއިރު ގާނޫނާއި ހިލާފު، އަދި ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އިހުތިސާސުގެ ތެރެއަށްވަދެ ސުޕްރީމް ކޯޓުގެ ބެންޗުން ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.
އަދި ފާއިޒު އަކީ އެ ނިންމުންތަކުގައި ބައިވެރި ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބެލެވޭތީ، އެ ސަބަބައްޓަކައި އެކަން ބެލުމަށް ޖޭއެސްސީން ނިންމީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ އެކަންތައްތައް ޖޭއެސްސީން ބެލުމަށްފަހު، އެކަމުގައި ފާއިޒު ބައިވެރިވެ ވަޑައިގެންފައިވަނި ކިހާ މިންވަރަކަށްތޯ ބެލުމަށްފަހު، ފާއިޒު ސުޕްރީމް ކޯޓުގެ ފަންޑިޔާރުކަމަށް އައްޔަން ކުރުމާމެދު ރައީސުލް ޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އަދި ގާނޫނާހިލާފަށް މައްސަލަތައް ނިންމި، ސުޕްރީމްކޯޓުގެ އެހެން ފަޑިޔާރުން ވަކިކޮށްފައިވާކަންވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު އެކަމަށް އެކުލަވާލި ކޮމެޓީން ނިންމި ނިންމުން ކޮމިޝަނަށް ބަލައިގަތުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީން ހުޅުވައިލި ފުރުސަތުގައި އެކަމަކު ކުރިމަތިލެއްވީ ކޮން ބޭފުޅުންނެއް ކަމެއް އަދި އެބޭފުޅުންނާމެދު ކޮމިޓީން ނިންމީ ކޮން ނިންމުމެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.