ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވަނީ، ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އިއްޔެ އައްޔަންކުރެއްވުމާ ގުޅިގެން ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވުމުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވުމާ ގުޅިގެން ޖޭއެސްސީން މިއަދު ވަނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ހަވާލުކޮށްފައެވެ.

ޖޭއެސްސީން މިއަދު އިއުލާންކޮށްފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށާއި ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ މަގާމަކަށް ވެސް އެއް ފަނޑިޔާރެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް މިމަހުގެ 29 ގެ 12:00 ގެ ކުރިން ހުށަހަޅަން ޖެހޭ އިރު، ފަނޑިޔާރުކަމުގެ މަގާމަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ގެ 10:00 ގެ ކުރިންނެވެ. އެ މަގާމުތަކަށް ކުރިމަތިލާން ޖެހެނީ https://apply.jsc.gov.mv އަށް މައުލޫމާތު ހުށަހަޅައިގެންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޯޓުގައި މަސައްކަތްކުރަމުން އަންނަ ފަނޑިޔާރުންނަށެވެ. އިސްފަނޑިޔާރުގެ މުސާރައަކީ އެލަވަންސްތަކާއެކު ޖުމުލަ 69،000 ރުފިޔާއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުށަހެޅޭނީ އުމުރުން 25 އަހަރުވެފައިވާ، ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. ފަނޑިޔާރުންގެ މުސާރައަކީ އެލަވަންސްތަކާއެކު ޖުމުލަ 67،000 ރުފިޔާއެވެ.