ޚަބަރު

މިވަގުތު އިތުރު ވާހަކަ ދެއްކުން ރަނގަޅެއް ނޫން، ނަން ހިޔާރުކުރެއްވީތީ ރައީސަށް ޝުކުރު ދަންނަވަން: ފާއިޒް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ނަން ހިޔާރުކުރެއްވީތީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރައީސް ސޯލިހު ނަން ފޮނުއްވި ފާއިޒް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފައެވެ.

ފޭސްބުކްގައި ފާއިޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަން ހިޔާރުކުރެއްވީތީ ރައީސަށް ޝުކުރު ދަންނަވާ ކަމަށާއި މިވަގުތު އިތުރު ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ފާއިޒް އައްޔަންކުރުމަށް ރައީސް އޭނާގެ ނަން ޖޭއެސްސީއަށް ފޮނުއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ފާއިޒުގެ ނަން ފޮނުވުމާއެކު އުއްތަމަ ފަނޑިޔާރުކަމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައިގެން، ސުޕްރީމް ކޯޓުން ނިންމި ގާނޫނުތަކާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ނިންމުމެއްގައި ފާއިޒު ބައިވެރިވެވަޑައިގެންފައިވޭތޯ ބެލުމުގެ މަސައްކަތް ޖޭއެސްސީން ފެށިއެވެ.

އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަހުމަދު ފާއިޒު ހުސެއިން އަކީ އެބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާ ކުރެއްވިއިރު، ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ކޮމިޓީން ނިންމާފައިވާ އެ ނިންމުން ކޮމިޝަނަށް ބަލައިގަނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަހުމަދު ފާއިޒު އައްޔަންކުރަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖޭއެސްސީން އިއްޔެ ނިންމީ ކަމަށްވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

2008 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކޮށް އުފެއްދި އިންތިގާލީ ސުޕްރީމް ކޯޓުގައިވެސް ފާއިޒް ވަނީ ފަނޑިޔާރުކަން ކުރައްވައިފައެވެ. އޭގެ ފަހުން ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލައި އެ ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ވެސް ފާއިޒެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަ ކުރުމުގެ ގޮތުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ފާއިޒް މަގާމުން ވަކި ކުރިއެވެ.