ޕާޓީގެ ނިންމުމަކީ ސޯޝަލް މީޑިއާގައި ދައްކާ ހަގީގަތާ ހިލާފު ވާހަކައަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށް މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުޣުނީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މުޣުނީއަށް ކުރާ ތާއީދު އަނބުރާ ނަގައި، އެމްޑީޕީ އާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ނިންމައި އިއްޔެ ވަނީ އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ. އެކަމާ ގުޅިގެން އިއްޔެ މުޣުނީ ނެރުނު ބަޔާނެއްގައި އޭނާ ވަނީ ސޯޝަލް މީޑިއާގައި ދައްކާ އެފަދަ ހަގީގަތާއި ހިލާފް ވާހަކައަކާ ގުޅިގެން އެފަދަ ފިޔަވަޅެއް ޕާޓީގެ ފަރާތުން އެޅިދާނެކަމަށް ގަބޫލް ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ބޮޑު ތުހުމަތަކާ ގުޅިގެން ޕާޓީން އޭނާއަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ނުދީ އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަށް ނިިންމާފައިވުމީ ހަރުދަނާކަމެއް ނެތް ނިންމުމެއް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި އޭނާގެ މައްޗަށް ކުރަމުންދާ ތުހުމަތު ތަކަކީ އޭނާގެ އަބުރު ކަތިލައި، އަގު ވައްޓާލުމަށް ބަޔަކު ކުރަމުންދާ ކަމެއްކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި މިއީ އޭނާއަށް ދާއިރާގެ ރައްޔިތުން ކުރަމުން އަންނަ ސަޕޯޓް ކުޑަ ކުރުމަށް ކުރަމުން އަންނަ ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ މުޣުނީ ވަނީ މިކަން ކުށްވެރިކޮށްފައެވެ.
މުޣުނީގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގުކޮށް އޭނާ ވަނީ ދުވަހަކުވެސް އެފަދަކަމެއް ކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތާގައިވެސް އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާގެ ކެންޑިޑެންސީ އަނބުރާ ނުގެންނާނެ ކަމަށާއި، ކެމްޕެއިންގެ މަސައްކަތްތައް އިތުރު ޖޯޝާއި ފޯރީގައި ކުރިއަށް ގެންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ. އަދިވެސް ހުންނާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި މަސައްކަތް ކުރާނީ އެމްޑީޕީއަށް ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.