ބޭނުންވަނީ ނުލަފާ މީހާ ހުއްޓަސް ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެ ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެންމެންވެސް ބޭނުންވަނީ އިހުލާސްތެރި ފަރާތްތައް ކަމަށެވެ. އެހެންނަމަވެސް އިހުލާސްތެރި އަދި ހެޔޮލަފާ ފަރާތެއް ނުދަންނަ ކަމަށާއި ދަންނަނީ އާންމު އިންސާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެނަކީ އާދައިގެން އިންސާނުން. އަޅުގަނޑުމެން ހޯދަން މިޖެހެނީ ނިޒާމެއް، އެންމެ ގޯސް މީހާއަށްވެސް. އެންމެ ގޯސް މީހާއަށްވެސް ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނޭ ނިޒާމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ 19 އަކީ އެ ނިޒާމް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.