އެމްޑީޕީ

ރައީސް ސޯލިހު އަންނަ ހުކުރު ދުވަހު ހުވަދުއަތޮޅަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހުކުރު ދުވަހު ހުވަދުއަތޮޅަށް ވަޑައިގަންނަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ހިސާން އަލީ ފަހުމީ މިއަދު "ވަން" އަށް ވިދާޅުވީ، ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހަފުތާ ބަންދާ ދިމާކޮށް ހުވަދު އަތޮޅަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅުގެ ރަސްމީ ބަޔަށް ފަހު، ރިޔާސީ ޕްރައިމަރީގެ ހަރަކާތްތަކެއް ކުރިޔަށް ގެންދަވާނެ ކަމުގެ އަޑުތަކެއް އަންނަނީ ފެތުރެމުންނެވެ. އެހެން ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި އެކަން ކަށަވަރުވާނެ ގޮތެއް ނުވެއެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ގައުމީ ކައުންސިލްގެ ބައެއް ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ކެމްޕޭންގެ ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވައި އެކަންވެސް ރައީސް ސޯލިހު ވަނީ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު، މާލޭ ސިޓީގެ ކެމްޕޭންގައި އިސްކޮށް ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ލީގަލް ޑައިރެކްޓަރަކަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ވަނީ ހަމަޖައްސަވައިފަ އެވެ.

ރައީސް ސޯލިހުގެ އިސްނެންގެވުމަކަށް ސޯލްޓް ކެފޭގައި ބޭއްވި އެ ބައްދަލުވުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ 100 އަށްވުރެ ގިނަ މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ. އެއީ އެ މަޖިލީހުގެ ގާތްގަނޑަކަށް 80 ޕަސެންޓު މެންބަރުންނެވެ.

އެރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި، އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކު "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި ކެމްޕޭން މެނޭޖަރާއި ލީގަލް ޑައިރެކްޓަރު، އަދި މާލެއަށް އިސް ބޭފުޅަކު ނެންގެވުމުގެ އިތުރުން، މުޅި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާނޭ ޓީމެއްވެސް ރައީސް ސޯލިހު އިއުލާނު ކުރެއްވި އެވެ. އެއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށްވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ޖަގަހަ ހަރަކާތްތައް އިސްވެ ހިންގެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ ވަނީ ހަމަޖައްސަވައިފައެވެ.

ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ ކެމްޕޭނުގެ މަސައްކަތަށް ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނެ ކަމަށާއި ރައީސް ސޯލިހު ވެސް ރަށްރަށަށް ދަތުރުފުޅު ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ވަރުގަދަކޮށް ފެއްޓެވި އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފައެވެ.