އެމްޑީޕީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އިބޫގެ ކެމްޕޭން މެނޭޖަރަކަށް ނާޝިޒް، މާލޭ ސިޓީ އިސްކޮށް މާރިޔާ، ލީގަލް ހިސާނަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައިފައިވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު، މާލޭ ސިޓީގެ ކެމްޕޭންގައި އިސްކޮށް ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ލީގަލް ޑައިރެކްޓަރަކަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހުގެ އިސްނެންގެވުމަކަށް ސޯލްޓް ކެފޭގައި ރޭ ބޭއްވި ބައްދަލުވުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ 100 އަށްވުރެ ގިނަ މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ. އެއީ އެ މަޖިލީހުގެ ގާތްގަނޑަކަށް 80 ޕަސެންޓު މެންބަރުންނެވެ.

ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި، އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކު "ވަން" އަށް މިއަދު ވިދާޅުވީ ކެމްޕޭން މެނޭޖަރާއި ލީގަލް ޑައިރެކްޓަރު، އަދި މާލެއަށް އިސް ބޭފުޅަކު ނެންގެވުމުގެ އިތުރުން، މުޅި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާނޭ ޓީމެއްވެސް ރޭ ރައީސް ސޯލިހު އިއުލާނު ކުރެއްވި ކަމަށެވެ. އެއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޖަގަހަ ހަރަކާތްތައް ކުރިޔަށް ގެންދަވާނެ އިސް ބޭފުޅެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުވެސް ރޭގެ ޖަލްސާގައި ވަނީ ހަމަޖައްސައިފައެވެ.

"ކެމްޕޭން މެނޭޖަރާއި މާލޭ ސިޓީގެ ހެޑް، ލީގަލް ޑައިރެކްޓަރު، އަދި 15 މެންބަރުންގެ ޓީމެއް އިބޫ މި އިއުލާނު ކުރެއްވި. ޖަގަހަ ލީޑް ކުރައްވާނެ ބޭފުޅަކުވެސް ހަމަޖެއްސެވި. މި ޓީމުތަކާއި އެކު އިބޫގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ވަރަށް ބާރަށް ފެށިގެން ދާނެ." ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕޭނުގެ މަސައްކަތަށް ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނެ ކަމަށާއި ރައީސް ސޯލިހު ވެސް ވަޑައިގެންނެވުނު އެންމެ ގިނަ ރަށަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ވަރުގަދަކޮށް ފެއްޓެވި އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފައެވެ.