ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އަބްދުލް މުގުނީއަށް ކުރާ ތާއީދު އެ ޕާޓީން އަނބުރާ ނަގައިފި އެވެ.
މިކަން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޓުވީޓަކުން ކަށަވަރުކޮށްދެއްވައިފައެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި މުގުނީގެ މައްޗަށް ކުރާ ތާއީދު އަނބުރާ ނަގާފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.
މުގުނީ އޭނާގެ އަންހެނުންނަށް އަނިޔާ ކުރިކަމަށް ބުނާ ގެވެށި އަނިޔާގެ މައްސަލައެއްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.
މިކަމާ ގުޅޭ ގޮތުން ރޮޒައިނާ ކުރެއްވި ޓުވީޓުގައި އޭނާ ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ފަރާތުން މުގުނީގެ ކެމްޕެއިން ހަރަކާތުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކުރަން ލަސްވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ މި ނިންމުމަށް ރޮޒައިނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވަނީ ގެވެށި އަނިޔާގެ ސީރިއަސް މައްސަލަތަކެއް ރައްދުވާ މީހަކަށް ކުރާ ތާއީދު އެމްޑީޕީން އަނބުރާ ގެންދެވުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ މި ނިންމުމަށް މައުމޫން ވަނީ ތައުރީފު ކުރައްވައިފައެވެ.