އެމްޑީޕީ

ނިލަންދޫއާއި މަހިބަދޫ ދާއިރާގެ އަދާލަތުގެ ކެންޑިޑޭޓުންނަށް އެމްޑީޕީން ތާއީދުކުރަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާއަށް ވާދަކުރައްވައި އަދާލަތު ޕާޓީގެ ކެންޑިޑޭޓަށާއި މަހިބަދޫ ދާއިރާއަށް ވާދަކުރައްވައި އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް، އެމްޑީޕީން ތާއީދުކުރަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީން 86 ދާއިރާއަކަށް ވާދަކުރަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ ބަރުލަމާނީ ވައުދުނާމާ ''އެޖެންޑާ 19'' އާއެކު ކަމަށެވެ.

އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ބަރުލަމާނީ ވައުދުނާމާ ''އެޖެންޑާ 19'' އަށް އަދާލަތު ޕާޓީން ތާއީދުކުރުމަށް ނިންމަވާފައިވާތީ އެޕާޓީން މަރުހަބާ ކިޔާކަމަށެވެ.

ބަރުލަމާނީ ވައުދުނާމާ ''އެޖެންޑާ 19'' އަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމުމާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް އެޕާޓީން ތާއީދުކޮށް، އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

އަދި އަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހިންގާފައިވާ ޚިޔާނާތާއި ވައްކަމާއި ދެކޮޅަށް އެމްޑީޕީއާއެކު ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މަހިބަދޫ ދާއިރާއަށް ވާދަކުރާ އަދާލަތުގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީން ނިންމި އިރު އެމްޑީޕީގެ ޓިކެޓްގައި އެދާއިރާއަށް ވާދަކުރެއްވި އަލީ އަހުމަދު މިއަދު ވަނީ ނަން އަނބުރާ ނަގާފައެވެ.