ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަހުމަދު، ނަން އަނބުރާ ނަގައިފިއެވެ.
އެކަން އިލެކްޝަންސް ކޮމިޝަނުން ''ވަންއޮންލައިން''އަށް ދާދި ދެންމެ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓު، ނަން ނެގުމަށް ލިޔުމަކުން އެކޮމިޝަނަށް ހުށަހެޅުމުން، ކޮމިޝަނުގެ މެންބަރުން މިއަދު މެންދުރު ފަހު ބައްދަލުވުމެއް ބާއްވައިފައިވާކަމަށެވެ.
އަދި އެ ބައްދަލުވުމުގައި އަލީ އަހުމަދު އެދިފައިވާ ގޮތުގެ މަތިން ނަން ނެގިދާނެ ކަމަށް ފާސްކޮށްފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.
އަލީ އަހުމަދު ނަން ނެގުމާއި ގުޅިގެން އަކުރަމް ވިދާޅުވީ މަހިބަދޫ ދާއިރާގެ ވޯޓް ކަރުދާހުގައި އޭނާގެ ނަމެއް ނޯންނާނެ ކަމަށެވެ.
އެހެންކަމުން މަހިބަދޫ ދާއިރާއަށް ވާދަކުރައްވަނީ މިހާރު އެދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓު އަލީ އާޒިމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ސުނިލް އާއި އަހުމަދު ހުސައިންއެވެ.
މަހިބަދޫ ދާއިރާ އަކީ އެމްޑީޕީން، އަދާތު ޕާޓީއަށް ދޫކޮށްލުމަށް މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެކެވެ.