ދިވެހި ޕްރިމިއާ ލީގު

ޓީސީ އިން ފަސޭހަކަމާއެކު ތިމަރަފުށި ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗު 0-7 ގެ ބޮޑު ނަތީޖާއަކުން ތ.ތިމަރަފުށި ބަލިކޮށް ޓީސީ އިން ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.

އިއްޔެގެ މެޗަށް ޓީސީ ނިކުތްއިރު ދެވަނައިގައި އޮތް ނިއުރޭޑިއަންޓާއި ތިންވަނައިގައި އޮތް އީގަލްސްއަށް ލިބިގައިވަނީ އަށް މެޗުން 17 ޕޮއިންޓެވެ. އެހެންކަމުން، އިއްޔެގެ މެޗަށް ޓީސީ ނިކުތީ އެއް ޕޮއިންޓުގެ ލީޑެއްގައި އޮވެފައެވެ.

ޓީސީއިން މި މެޗަށް ނިކުތީ އަލީ އަޝްފާޤު (ދަގަނޑޭ) ބެންޗުގައި ބައިންދައިގެންނެވެ. ތިމަރަފުށި ވެސް މި މުބާރާތުގައި ވާދަކުރަމުންދަނީ ނިމިގެންދިޔަ މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރި އެޓީމުގެ 50 ޕަސެންޓު ކުޅުންތެރިން ނުހިމަނައެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ ޓީސީ އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ހަމަޖެހިލައިފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ޓީސީއަށް ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ މުޙައްމަދު އަޖުފާން ލީޑު ނަގައިދިން އިރު، އިބްރާހީމް ވަހީދު (އިއްބެ) ވަނީ އޭގެ އަށް މިނެޓު ފަހުން ތިމަރަފުށީގެ ޑިފެންސްއިން ހެދި ގޯހެއްގެ ފައިދާ ނަގާ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ޓީސީއިން ފެށީ ތިން ބަދަލަކާއެކުއެވެ. އަލީ އަޝްފާޤު (ދަގަނޑޭ) އާއި، ޔާމީން އިބްރާހީމް (ޔާމްބެ) އާއި މުޙައްމަދު މާޒިން ވަނީ ކުޅެން އަރާފައެވެ.

ދެވަނަހާފުގެ ނުވަވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރު އަލާ ނާސިރު ވަނީ ތިންވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. ޓީސީގެ ހަތަރު ވަނަ ލަނޑާ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިޝާން އިބްރާހީމް (ސައްޓު) އެވެ. އަދި އެޓީމުގެ ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އަލީ އަޝްފާޤު (ދަގަނޑޭ) އެވެ.

މި ބުރުގައި ކޮންމެ ޓީމަކަށް ބާކީ އަދި އެއްމެޗު އޮތް އިރު ތިމަރަފުއްޓަށްވަނީ ދެވަނަ ބުރުން ޖާގަ ގެއްލިފައެވެ. ދެވަނަ ބުރަށް ދާނީ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމެވެ.