އެމްޑީޕީ

ކެބިނެޓުގެ ހުރިހާ މެންބަރުން ތިއްބެވީ ސަރުކާރާއެކު މަސައްކަތް ކުރަން: އެމްޑީޕީ

މަރިޔަމް ޝަހުދާ

1

މި ސަރުކާރުގެ ކެބިނެޓުގެ ހުރިހާ މެންބަރުންވެސް ތިއްބެވީ ސަރުކާރާއެކު މަސައްކަތް ކުރައްވަން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހާ ދިމާކޮށް ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވީ ކެބިނެޓުގެ ހުރިހާ މިނިސްޓަރުންވެސް ތިއްބެވީ ސަރުކާރާއެކު ކަމަށެވެ. އަދި ކެބިނެޓުގެ މިނިސްޓަރުން ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ފުރިހަމައަށް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން ތަންފީޒު ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަންވަނީ މިނިސްޓަރުން ސަރުކާރު ދިފާއުކޮށް ވާހަކަދައްކަނީ މަގާމު ދިފާއުކުރުމަށް ކަމަށްބުނެ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ބޭފުޅުން ވާހަކަދައްކަވަނީ އެކޯލިޝަންގެ ބޭފުޅުން ރައްޔިތުންނަށް ހުށަހަޅާނެ ސިޔާސަތެއްނެތި، ރައްޔިތުންނަށް ވާނެ ވައުދެއްނެތި އަދި ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ވިސްނުމެއްނެތުމުން ދައްކާނެ ވާހަކައެއް ނޭނގިގެން ކަމަށެވެ.

މީގެ އިތުރުން އަފްޝަންވަނީ އެމްޑީޕީއިން ވަކި ސިޔާސަތުތަކަކާއި ވަކި ވައުދުތަކަކާއެކު ސަރުކާރު ހިންގުމަށް ކުރިމަތިލާފައިވާއިރު، ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތަކަށް ކޯލިޝަންގެ މެންބަރުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރައްވައިފައެވެ.

އަފްޝަން ވިދާޅުވީ ސަރުކާރުގެ ރިޔާސީ ވައުދެއްކަމަށްވާ ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދުމުގެ ވައުދުގެ އިތުރުން މާލިއްޔަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އަދި ކޮރަޕްޝަނަށް ހުޅުވިފައިވާ މަގުތައް ބަންދުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް އުފައްދާފައިވާ ކޮމިޝަންތަކަށް ލިބެންޖެހޭ ބާރުތައް އެކި ހުއްޖަތްތަކާއި އުޒުރުތައް ދައްކައިގެން، އެ ކޮމިޝަންތަކަށް ބާރު ނުދިނުމަކީ ސަރުކާރު ދެމެހެއްޓުމަށް އޮތް ހުރަހެއ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުންފެށި މަސައްކަތެއް ނަމަވެސް އެއީ އެކަމުން ރައްޔިތުންނަށް ފައިދާ ކުރަނިވި ކަމެއްކަމަށް ވާނަމަ އެމަސައްކަތެއް އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ފެށި މަޝްރޫއުތައް އެ ސަރުކާރު ވެއްޓުމާއެކު ހުއްޓުވުމުން ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވިކަމަށާއި އެކަން އަލުން ތަކުރާރުވިޔަ ނުދޭނެކަމަށް އަފްޝަން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފަސް އަހަރު މަޑުނުކުރެއްވޭނެ ކަމަށް ގާސިމް އިބްރާހީމް އަރިހު ނަޝީދު ވިދާޅުވި ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައި ވާތީ އެކަމަށް ވެސް އަފްޝަން ވަނީ ރައްދުދެއްވައިފަ އެވެ. އަފްޝަން ވިދާޅުވީ ރައީސް ނަޝީދަކީ މި ސަރުކާރު ދެމެހެއްޓުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅާކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ރައީސް ނަޝީދު ހިލާފު ނުވާނެ ކަމަށާއި، ރައީސް ނަޝީދަކީ ގައުމަށް ޑިމޮކްރަސީ ގެނައުމަށް އެންމެ އިސްސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަން އަފްޝަން ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟