ބާސެލޯނާ

ބާސާގެ ޓްރާންސްފާތައް ތަހުގީގުކުރަން ޔޫއެފާއަށް ގޮވާލައިފި

ބާސެލޯނާއިން މިދިޔަ ހޫނު މޫސުމުގައި ކޮށްފައިވާ ޓްރާންސްފާތައް ތަހުގީގު ކޮށްދިނުމަށް ޕީއެސްޖީގެ ރައީސް ނާސެރު އަލް ހެލައިފް، ޔޫއެފާއަށް ގޮވާލައިފިއެވެ.

ބާސާއާއި ޕީއެސްޖީގެ ބަހުގެ ހަމަލާތައް މިފަކަށް އައިސް ވަނީ ގިނަ ވެފައެވެ. އެ ދެ ކްލަބުންވެސް އެއް ކްލަބު އަނެއް ކްލަބުގެ ޓްރާންސްފާ ކަންކަމަށް ފާޑު ކިޔާތަން ފެނިފައިވާ އިރު، ދެ ކްލަބުގެ ކޯޅުން އެންމެ ބޮޑުކޮށް ފެންނަނީ ސުޕަ ލީގުގެ މައްސަލައިގެވެސް ތެރެއިންނެވެ. ޕީއެސްޖީގެ ރައީސް ނާސެރަކީ ޔޫއެފާގެ ކްލަބުތަކުގެ އެސޯސިއޭޝަންގެ ރައީސް ކަމަށްވީ އިރު، ސުޕަ ލީގު ހެދުމަށް މަސައްކަތް ކުރާ ކްލަބުތަކުގެ ތެރޭގައި އަދިވެސް ބާސާ ހިމެނެއެވެ.

ދެ ކްލަބުންވެސް މި ޓްރާންސްފާ ސީޒަނަށް ބޮޑެތި ޓްރާންސްފާތަކެއް ކުރި އިރު، ބާސާއާއި ޕީއެސްޖީގެ ޓްރާންސްފާ ސްޓައިލް ތަފާތެވެ. ޕީއެސްޖީއަކީ މަހުޖަނު ކުންފުންޏަކުން ހިންގަމުންދާ ކްލަބަކަށްވީ އިރު، މިފަހަރުގެ ޓްރާންސްފާތަކަށްވެސް ބާސާ ފަންޑުކުރީ އެކޮނޮމިކް ލެވާތަކުގެ ބޭނުންކޮށް، ކްލަބުގެ އެކިއެކި ގޮފިތަކުން ހިއްސާތައްވެސް ވިއްކައިގެންނެވެ.

ބާސާއިން ނިމިދިޔަ ޓްރާންސްފާ މާކެޓްގައި 153 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު، އެ ކްލަބުން ފައިނޭންޝިއަލް އަހަރު ނިންމާލީ ސާފު ފައިދާގައެވެ. ކްލަބުން ބުނެފައި ވަނީ މިދިޔަ އެއްއަހަރު ދުވަހު ދުވަހު 86 މިލިއަން ޕައުންޑްގެ ފައިދާއެއް ވެފައިވާ ކަމަށާއި، އަންނަ އަހަރު 240 މިލިއަން ޕައުންޑްގެ ފައިދާއެއް ވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

އެންމެފަހުން ނިމިދިޔަ ދިޔަ ސީޒަނަށް ބާސާ ނުކުތީ 422 މިލިއަން ޕައުންޑް ދަރަނީގައި އޮވެގެންނެވެ. އެ ޓީމަށް ކުޅުންތެރިން ގެންދިޔަ ނަމަވެސް، ކްލަބުގެ ފައިދާ ދަށްވުމުން، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވިވެސް ގިނަ ދުވަސްތަކެއް ހޭދަވެއެވެ. މި ސީޒަނަށް އަލަށް ގެންދިޔަ ކުޅުންތެރިން ކަމަށްވާ ރޮބާޓް ލެވަންޑޯސްކީއާއި ރަފީނިއާ އަދި ޖޫލް ކޫންޑޭ ރަޖިސްޓްރީ ކުރުމަށްވެސް ބާސާއިން ވަނީ ސްޓޫޑިއޯގެ އިތުރު ބައެއްގެ 24،5 އިންސައްތަ ހިއްސާ އޯފޭސް މީޑިއާއަށް 84.6 މިލިއަން ޕައުންޑްގައި ވިއްކާލައިފައެވެ.

އެފަދަ ފައިނޭންޝިއަލް ލެވާތައް އިންސާފުވެރި ނޫން ކަމަށް ބުނެ ޕީއެސްޖީ ރައީސް ނާސެރު ވިދާޅުވީ، އެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށެވެ.

"އެއީ އިންސާފުވެރި ގޮތެއްތޯ ސުވާލު ކުރެވޭ. ޖަވާބަކީ އެއީ އިންސާފުވެރި ގޮތެއް ނޫނޭ. އެއީ އުސޫލުން ބޭރުކަމެއް ކަމެއް ނޫނީ ނޫން ކަމެއް ބުނާކަށް ނޭނގެ. ޔޫއެފާގެ އޮންނާނެ ފައިނޭންޝިއަލް އުސޫލުތަކެއް. އެހެންވީމަ އެކަން ބަލަން ޖެހޭނެ ކަމަށް ބުނެވޭނީ. ހަމަ ޔަގީނުންވެސް އެފަދަ ގޮތަކަށް ކްލަބަށް ފައިދާ ހޯދަން ހުއްދަ ދެންޏާ އެހެން ކްލަބުތަކުންވެސް އެ އުކުޅުތައް ބޭނުންކުރާނެ ކަމަށް ބެލެވެނީ،" ނާސެރު ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ލަލީގާއިން ވަނީ ޕީއެސްޖީން ހަރަދުކުރާ ގޮތަށް ފާޑު ކިޔައިފައެވެ. ހާއްސަކޮށް އެ ކްލަބުން ކިލިއަން އެމްބާޕޭ މަޑުކުރުވަން ހުށަހެޅި އެއްބަސްވުމާއި ގުޅޭގޮތުން ލަލީގާއިން ވަނީ ޕީއެސްޖީގެ ޓްރާންސްފާ އޮޑިޓަކަށްވެސް ގޮވާލައިފައެވެ.