މުހައްމަދު ބުޝްރީ
ދިފާއީ ވަޒީރު މާރިޔާ ވިދާޅުވީ ދިވެހި ޤައުމުގެ ހައްގުގައި ބަސްބުނި އެންމެންނަކީ ސަރުކާރާ އިދިކޮޅު "ހޮޅިވާހަކަ" ދައްކާ މީހުން ކަމަށެވެ. އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި، އިންޑިއާ ބޭނުންނަމަ ދިވެހި ޤައުމަށް އަރާ މިޤައުމު ހިފިދާނެ ކަމަށް މާރިޔާ ދިވާޅުވުމަކީ ޤައުމުދެކެ ލޯބިވާ އެތައްބައެއް އެބަސްތަކަށް ނަފްރަތު ކުރި، ލޭ ކައްކުވާލި ބަސްތަކެކެވެ. އެވާހަކަތަކަށް ދެކޮޅު ހެދި ކޮންމެ މީހަކީ ޔާމިނުގެ ނުވަތަ ޤާސިމުގެ ސަޕޯޓަރެއް ނޫނެވެ. އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ގެންނަން ވޯޓުދިން ގިނަ ބަޔަކު ވެސް މާރިޔާގެ އެ ނާތަހުޒީބް ވާހަކަތައް ކުށްވެރި ކުރިއެވެ.
މިކަމާ ގުޅިގެން ދިފާއީ ވަޒީރު ރައްޔިތުންގެ މަޖުލިހަށް ހާޒިރު ކުރުމުން މައާފަށް އެދިވަޑައިގަތީ އެއްވެސް އިޚުލާސްތެރިކަމެއް ނެތް ގޮތަކަަށެވެ. ހޮޅިވާހަކަ ދައްކާ މީހުން އެކަމާ އެހާ ވަރަކަށް ކަންބޮޑު ވަންޏާ ދެން މައާފަށް އެދެމޭ ވިދާޅުވާކަހަލަ ގޮތަކަށެވެ. މާރިޔާއަކީ ފިސާރި ކަނބަލެކޭ ކިޔައިގެން ބައެއް ސިޔާސީ ފަރާތްތަކުން ކިތައްމެ ވާހަކައެއް ދެއްކިއަސް މާރިޔާ އެދެއްކެވީ ވަރަށް ދަށު ދަރަޖައިގެ ވާހަކަ ތަކެކެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ ދިފާއީ ވަޒީރަކު އެފަދަ ވާހަކައެއް ދެއްކެވިނަމަ 24 ގަޑިއިރު ނުވަނީސް އިސްތިއުފާ ދޭން މަޖުބޫރުވާނެ ފަދަ ދަށުދަރަޖައިގެ ވާހަކަ ތަކެކެވެ!
މި ދިވެހި ޤައުމު އިންޑިއާގެެ އުނގަށް ވެއްޓި، ނުސީދާކޮށް އިންޑިއާގެ އަޅުވެތިކަމަށް ދާއިރު މިޤައުމުގެ ދިފާއީ ވަޒީރާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިތިއްބެވީ އިންޑިއާގެ ދިފާއުގައި ތެދުވެވަޑައިގެންނެވެ. އަދި އެމް.ޑީ.ޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ މިކަމުގައި އެއަށްވުރެވެސް ކުރީގައެވެ. "އެންމެ ފުރަތަމަ އިންޑިއާ" ސިޔާސަތު ކުރިއަށް ނެރުއްވައިގެންނެވެ. އެންމެ ފުރަތަމަ ދިވެހި ޤައުމެއްް ނޫނެވެ. އެންމެ ފުރަތަމަ އިންޑިއާއެވެ!
އެންމެ ފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރިވެރިއެއް ކަމުގައިވާ އޮލިއާލިއާ ކުންފުނީގެ ވެރިޔާ، އަބީޝެކް ވަރުމާއާ ބައްދަލު ކުރެއްވި ކުރެއްވުމަކީ ވެސް އިންޑިއާގެ ވަކިތައް ގެނެސް މިދިވެހި ޤައުމުގައި ހިއްޕުމަށް ނަޝީދު ކެނޑިނޭޅި ކުރައްވާ މަސައްކަތުގެ ސިލްސިލާގެ ބޮޅެކެވެ. އަބީޝެކް ވަރުމާއަކީ ހަތިޔާރުގެ ވަގު ވިޔަފާރި ކުރުމާއި ޤާނޫނާ ހިލާފު އެތައް ކަމެއް ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާ އިންޑިއާގެ ބިލިއަނަރެކެވެ. އެފަދަ މީހަކާ ރައީސް ނަޝީދު ބައްދަލު ކުރެއްވީ ސިއްރިޔާތުގައެވެ. އެބައްދަލު ވުމުގެ ވާހަކަ ނަޝީދު ނުވެސް ދައްކަވައެވެ.
މިކަން ރާއްޖޭގައި އާއްމު ހަބަރަކަށްވީ އަޅުގަނޑު މި ސުވާލު ޓްވީޓް ކުރުމުންނެވެ. ރައީސް ނަޝީދު އަބީޝެކް ވަރުމާއާ ބައްދަލު ކުރި ސަބަބަކީ ކޮބައިތޯ ކުރި ސުވާލެވެ. އެއާ ގުޅިގެން އަޅުގަނޑުގެ ޓްވީޓް ކުށްވެރިކޮށް، އެޓްވީޓް ޑިލީޓް ނުކޮށްފިނަމަ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޑިއާގެ މިބިލިއަނަރު އަޅުގަނޑަށް އިންޒާާރު ދިނެވެ. މިހަބަރު ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައިވެސް ޖެއްސެވެ. އެމައްސަލަ ސޯޝަލް މީޑިއާގައި އެވަރަށް ދެކެވުނުއިރުވެސް އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވާ ކަހަލައެވެ: ކަލޭމެން ކިޔާއެއްޗެއް ކަލޭމެން ކިޔާށެވެ. އަހަރުމެން ކިޔާއެއްޗެއް އަހަރުމެން ކިޔާނަމެވެ. ނުވަތަ އަހަރުމެން ކުރާނެ ކަމެއް އަހަރުމެން ކުރާނަމެވެ!
މިއީ ދިވެހި އިސްލާމީ ޝެއިހުންނަށް ނިސްބަތްކޮށްވެސް ރައީސް ނަޝީދު ވިދާޅުވި ބަހެވެ: ކަލޭމެން ޝެއިހުން ކިޔާ އެއްޗެއް ކަލޭމެން ޝެއިހުން ކިޔާށެވެ. އަހަރުމެން ކިޔާއެއްޗެއް އަހަރުމެން ކިޔާނަމެވެ. އިސްލާމް ދީނަށާއި، ދިވެހި ރައްޔިތުންނަށް މަލާމާތް ކުރައްވައި، ދިވެހި ސިފައިންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައި، ދިވެހި ޤައުމުގެ ވެރިކަމުގެ ބާރު ރައްޔިތުން އަތުން ނަގައި މަޖުލީހުގެ މަދު ބައެއްގެ މުށުތެރެއަށް ލުމަށްޓަކައި ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު ވަކާލާތުކުރައްވާއިރު ޝެއިހުންވެސް ބަސް ބުނާނެއެވެ. ޝެއިހުން ނުބުނަންޏާ ބަސްބުނާނެ އާއްމު ރައްޔިތުންވެސް ތިބޭނެއެވެ.
ކުރީގެ ރައީސެއްގެ ހައިސިއްޔަތުން މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިނާޔަތް ދައުލަތުން ހޯއްދަވައިގެން ހުނަނަވައިގެން ނަޝީދު ދައްކަވާ ވާހަކަ ތަކަކީ އަމިއްލަފުޅު ވާހަކައެއް ނޫނެވެ. ޤައުމުގެ މަސްލަހަތާ ގުޅޭ ވާހަކައެއްނަމަ ދިވެހި ރައްޔިތުން ބަސް ބުނާނެއެވެ.
ދިވެހި ޤައުމު އިންޑިއާގެ ނުސީދާ އަޅުވެތިކަމަށް ވެއްޓެމުންދާ މައްސަލާގައާއި، ރައީސް ނަޝިދު ދައްކަވާ ލާދީނީ ވާހަކަތަކާ ދެކޮޅަށް ބަހުސް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިންތިޒާމް ކުރައްވަން މަސައްކަތް ކުރައްވާ ބައްދަލުވުމަކީ ވެސް މިފަދައިން ބަސް ބުނުމަށް ދިވެހި ރައްޔިތުން ތެދުވާނެ ކަމުގެ ހެއްކެކެވެ. އުމަރު ނަސީރުގެ ބައްދަލުވުމަށް ސަރުކާރުން ނުސީދާކޮށް ހުރަސްއަޅުއްވާ ކަމަށް އުމަރު ތުހުމަތު ކުރައްވައެވެ. އިންޑިއާގެ އަޅުވެތިކަމާ ދެކޮޅަށް މިފަދަ ފޯރަމެއް އިންތިޒާމް ކުރައްވަނީ އުމަރު ކަމަށް ވިއަސް މިއީ އުމަރުގެ ޒާތީކަމެއް ނޫނެވެ. އުމަރާ ޒާތީ ހިޔާލުތަފާތުވުމެއް އޮތަސް މިކަމުގައި ޤައުމުދެކެލޯބިވާ ގިނަ ބަޔަކު އެއްގަލަކަށް އަރާނެކަން ކަށަވަރެވެ.
އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖުލިސް އިންތިހާބުގައި ސަރުކާރުގެ ވައުދުތައް ފުއްދޭނީ އެމް.ޑީ.ޕީއަށް މަޖުލިހުގެ މެޖޯރިޓީ ދީގެން ކަމަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. "އެޖެންޑާ19" ގެ ޝިއާރުގެ ދަށުން އެމް.ޑީ.ޕީން ހިންގާ ކެމްޕެއިނަކީ ސިއްރު "އެޖެންޑާ" އެކެވެ. ރައީސް ނަޝީދު މީގެ ކުރީގައި ބަހުންނާއި އަމަލުން ދައްކަވާފައިވާ މިސާލަށް ބަލާނަމަ "އެޖެންޑާ19" ކާމިޔާބު ވެއްޖެ ނަމަ މި ދިވެހި ޤައުމުގައި ފައްޅި އަޅައި، އެހެން ދީންތަކަށް ފުރުސަތުދީ، އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކޮށް، އިންޑިއާއާއި އެމެރިކާގެ ސިފައިންގެ މަރުކަޒުތައް ރާއްޖޭގައި ހަދައި، މިދިވެހި ރާއްޖެ ހަޤީގަތުގައިވެސް "އަނެއް ދިވެހިރާއްޖެ" އަކަށް ހެދުމަކީ ދުރުކަމެއް ނޫނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ހަމަ ރަނގަޅަށެވެ. އަނެއް ދިވެހިރާއްޖެ، ޖަޒީރާ ރާއްޖެއަކަށް ވެއްޖެއެވެ. އެޖެންޑާ19 ކާމިޔާބު ވެއްޖެނަމަ ޖަޒީރާ ރާއްޖެ ބަދަލުވާނީ "ދޫނި ރާއްޖެ" އަށެވެ. އެއިރުން މި ދިވެހި ޤައުމުގައި ދިވެހީން ބިކަވެ، ދިވެހީންގެ މައްޗަށް "ފަޅު" ތަނަކަށް މިތަން ބަދަލުވެ، ބޭރުމީހުންގެ ތަނަކަށްް މިތަން ވެގެން ހިނގައިދާނެއެވެ. މިކަމުން ސަލާމަތް ވެވެން އޮތީ ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުންވެސް ޤައުމަށްޓަކައި އެއްގަލަކަށް އަރައިގެން ނަޝީދުގެ ހީލަތްތެރި "އެޖެންޑާ"އިން މިޤައުމު ސަލާމަތް ކޮށްގެންނެވެ. ބުނެވޭ ގޮތުގައި ރައީސް ސޯލިހުވެސް ހުންނެވީ ނަޝީދުގެ ބްލެކްމެއިލްގައި ބެދިފައެވެ. ނަޝީދުގެ ނުފޫޒުން ސަލާމަތް ވެވިއްޖެނަމަ ރައީސް ސޯލިހަށް ހެޔޮވެރިކަމެއް ކޮށްދެވިދާނެކަން ޔަޤީނެވެ. އެންމެން އެއްގަލަކަށް އަރައިގެންވެސް ނަޝީދުގެ "އެޖެންޑާ"އިން މިޤައުމު ސަލާމަތް ކުރަން އެބަޖެހެއެވެ.