ބޭންކް އޮފް މޯލްޑިވްސް

މިއަދުން ފެށިގެން ބީއެމްއެލްއިން އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ދެނީ

މަރިޔަމް ޝަހުދާ

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ދިނުމަށް ނިންމައިފިއެވެ.

މިކަން އެބޭންކުން އާންމުކޮށް އިއުލާނުކޮށްފައި ވަނީ ބީއެމްއެލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޒަރިއްޔާއިންނެވެ.

ބީއެމްއެލުން ބުނީ މަސައްކަތް ކުރާ މާހައުލުން ޕެޑު ފަދަ އަންހެނުންނަށް ކޮންމެހެން ބޭނުންވާ އެއްޗެހި ފަސޭހައިން ލިބެން ހުރުމަކީ ވަރަށް ބޮޑު ތަފާތެއް އެކަމުން ދައްކާނެ ކަމެއް ކަމަށެވެ. މިއަދުން ފެށިގެން ބީއެމްއެލްގެ ހުރިހާ ބްރާންޗް ތަކާއި ހުރިހާ ޑިޕާޓްމަންޓްތަކުން ބީއެމްއެލްގެ މުވައްޒަފުންނަށް ޕެޑު ހިލޭ ލިބެން ހުންނާނެކަމަށް އެކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ބޮޑު ކެމްޕެއިނަކާ ގުޅިގެން ޕެޑް ފަދަ ތަކެތިން ޓެކްސް ނުނަގާ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ރައީސުލް ޖުމްހޫރިއްޔާ ތަސްތީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

އޮފީސް ތަކުގައާއި އާންމު ތަންތަނުގައި ފަސޭހައިން ޕެޑު ލިބޭނެގޮތް ހަމަޖައްސައި ދިނުމަށް އެދިވެސް ސޯޝަލް މީޑިއާގައި އެކި މީހުން އަންނަނީ އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ.