މިދިޔަ ނޮވެމްބަރުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ދުވަހު އާ ސަރުކާރުން އާންމު ކުރި 100 ދުވަހުގެ ވައުދުގެ ލިސްޓުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އޮތީ ގާނޫނީ ބާރުތަކެއް ލިބިފައިވާ ދެ ކޮމިޝަނެއްގެ ވާހަކަ އެވެ! އެއީ މަރާއި، ވީގޮތް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަކާއި ޚިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމެވެ.
މި ދެ ކޮމިޝަން ރައީސް އުފެއްދެވިތާ ކިތަންމެ ދުވަހެކެވެ. އެ ދެ ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭތާ ވެސް އެތަކެއް ދުވަސްވެއްޖެ އެވެ. އެކަމަކު ނަތީޖާ އަކީ ހަމަ ޒީރޯ އެވެ. ރައްޔިތުންގެ މަޖިލީސްގެ ތެރޭގައި ދެން ހުރިއްޔާ ހުރި ހުރިހާ ކަމެއް ނިންމާލި އިރު، މި ދެ ކޮމިޝަނަށް ބާރު ދިނުން އޮތީ ގުޑައިނުލަ އެވެ. ސުވާލަކީ ކީއްވެ ހެއްޔޭ އެވެ؟
މީގެ ޖަވާބު އެކި މީހުން ދޭނީ އެކި ގޮތަށެވެ. ގިނަ މީހުން ބުނަނީ މައްސަލައަކަށް ވަނީ ޚިޔާނާތްތައް ތަހުގީގު ކުރުމުގައި ގާނޫނީ ބާރުތަކެއް ދިނުން ކަމަށެވެ. މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުތައް ދޭން މެމްބަރުންގެ މައްސަލައެއް ނެތް ކަމަށް ވެ އެވެ. އެހެން ނަމަވެސް، އެއް ކޮމިޝަނަށް ބާރު ދީފިއްޔާ އަނެއް ކޮމިޝަނަށް ވެސް ބާރުތައް އެބަ ދޭން ޖެހެ އެވެ. ޚިޔާނާތް ބަލާ ކޮމިޝަނަށް ބާރުތައް ދޭން ބޭނުން ނެތް ސަބަބު އެއީ ސާފު މައްސަލައެކެވެ.
ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެންމެ ބާރަށް ދެއްކެވި ވާހަކައަކީ ވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލާނެ ވާހަކަ އެވެ. ކޮރަޕްޝަންގައި އެމަނިކުފާނު ގެންގުޅުއްވަނީ ޒީރޯ ޓޮލަރެންސް ކަމަށް އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ. ދައުލަތް ބަނގުރޫޓުވެ، ރައްޔިތުންގެ ބިކަ ހާލެއްގައި ދިރިއުޅެން ޖެހިފައިވާ މައިގަނޑު ސަބަބަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރާއްޖޭގައި ފަސާދަ އާއި ޚިޔާނާތް ގިނަވުމެވެ. އެހެންވެ، އެކަން މުޅިން ނައްތާލެއްވުމަކީ އެމަނިކުފާނުގެ އެޖެންޑާގެ އެންމެ ފުރަތަމަ މަސައްކަތްޕުޅެވެ. އެކަން އެމަނިކުފާނު ކުރައްވާ ކަމާ ދޭތެރޭ ވެސް ޝައްކެއް ނެތެވެ. އެކަމަކު އެ މަސައްކަތްޕުޅުގައި އެމަނިކުފާނަށް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ވަޑައިގެންނެވެން އޮތީ އެމަނިކުފާނުގެ ރިޔާސީ ކޮމިޝަނަށް ބާރުތަކެއް ލިބިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލް ތާށިވުމާ އެކު އާންމުންގެ ރުޅިވެރިކަން މި ވަނީ އިންތިހާ އަށް މައްޗަށް ގޮސްފަ އެވެ. އޭގެ ޖަވާބުގައި މަޖިލީހުގެ މެމްބަރުން ބުނަމުން ދަނީ ގާނޫނުއަސާސީގައި އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރަން ވަކި މުއައްސަސާތަކެއް ހެދި، މީހުން ހިފައި ހައްޔަރުކުރަން ވަކި ބާރުތަކެއް ދީފައި ހުރި މުއައްސަސާތަކެއް ހުރި އިރު ގާނޫނަކުން އެހެން މުއައްސަސާއަކަށް ބާރު ދިނުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ، މީހުން ހިފައި ހައްޔަރު ކުރުމުގެ ބާރު ރައީސް އުފައްދަވާ ކޮމިޝަނަކަށް ދީފި ނަމަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެ ބާރު ބޭނުން ކުރުމުގެ ބިރު އޮތް ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވަ އެވެ.
ސިޔާސީ ބަހުސެއްގެ ތެރޭގައި ޚިޔާލުތައް ދެކަފި ވެފައި އޮތް މި މައްސަލައިގެ ތެރޭގައި ދެން އޮތް ފަރުވާއަކީ ކޮބައި ހެއްޔެވެ؟ ޚިޔާނާތްތައް ތަހުގީގު ނުކުރާނީ ހެއްޔެވެ؟ ނޫނެކެވެ؛ ޚިޔާނާތުގެ މައްސަލަތައް ބެލެން ޖެހޭނެ އެވެ. ކުރީ ސަރުކާރުތަކުގެ، ޚާއްސަކޮށް ނިމިގެން ދިޔަ ސަރުކާރުގެ ތެރޭގައި އެތައް ބައިވަރު ޚިޔާނާތުގެ މައްސަލަތަކެއް ހުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ހޯދައި، ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާ ދައުލަތަށް އަނބުރާ ހޯދައިދޭން އެބަ ޖެހެ އެވެ.
ޚިޔާނާތްތައް ބެލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިއީ ވައުދުތަކާ އެކު އަންނަ ސަރުކާރުތަކަށް ވެސް އޮންނަ އެންމެ ބޮޑު ގޮންޖެހުމެވެ. މިކަން މިއީ ދުވަހަކު ވެސް ކުރިއަށް ދާ ކަމެއް ނޫނެވެ. ކޮންމެވެސް މައްސަލަތަކެއްގެ ތެރޭގައި މި މައްސަލަ ޣަރަގުވެ ކަން ނިމިގެން ދަނީ ރައްޔިތުން ބޭނުންވާ ހިސާބެއްގައެއް ނޫނެވެ. މިފަހަރު މައްސަލަ ތާށިވެފައި ވެސް މިއޮތީ، އޭގެ ތެރޭގައި ޚިޔާނާތުގެ ތުހުމަތުތައް އެޅިފައި ތިބި ބަޔަކާ ހިސާބުންނެވެ.
އެކަމަކު އަޅުގަނޑު ދަންނަވާ ހިތް އޮތީ، ގާނޫނީ ހުރިހާ ބާރުތަކެއް ނުލިބުނަސް ރައީސް ސޯލިހު މި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަޅުގަނޑުގެ އުންމީދަކީ ކުރެއްވެންް އޮތް ގޮތަކަށް ޚިޔާނާތްތައް ތަހުގީގު ކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހުގެ އެންމެ ބޮޑު ކާމިޔާބަކަށް ވެސް ވާނީ ޚިޔާނާތްތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެވުމެވެ. އެކަން މި ރައީސް ކޮށްދެއްވާނެ ކަމާ ދޭތެރޭ އަޅުގަނޑުގެ ހިތަކު ޝައްކެއް ނެތެވެ! ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ނުފުއްދުނު ހަމައެކަނި ވައުދަށް މި ކަން ނުވާނެ ކަން އަޅުގަނޑު އުއްމީދުކުރަމެވެ.