އިބްރާހިމް ޒަކީ
ސަރާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް، ސަރުކާރު ކޯލީޝަންގައި ހިމެނޭ ޕާޓީތަކުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުދޭ މައްސަލައިގައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅު އަޅައި އެކަން ބައްލަވާނެ ކަމަށް ވެރިކަން ހިންކާ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީީގެ ކެމްޕެއިން ސްޕޯކްޕާސަން އަފްޝަން ލަތީފް މިހެން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރުތައްދޭ ބިލު ފާސްކުރުމަށް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން އެއްބާރުލުުން ނުދިނުމުންނެވެ.
އަފްޝަން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ ކޯލީޝަނެއްގެ ތެރެއިން ކަމަށެވެ. އަދި ސަރުކާރުގެ މެނިފެސްޓޯއާއި ސިޔާސަތުތަކަކީ ކޯލީޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަކުން އެއްބަސްވެ ޕްރޮމޯޓް ކުރި އެއްޗެއް ކަމަށެވެ.
"މި މެނިފެސްޓޯއަކީ، މި ސިޔާސަތު ތަކަކީ، ކޯލީޝަނަގެ ހުރިހާ ޕާޓީތަކަކުން އެއްބަސްވެ ވަޑައިގެން އެ ޕްރޮމޯޓް ކުރައްވައި، ކެމްޕެއިން ކުރައްވައި ކާމިޔާބުވި އިންތިހާބެއް، އެހެންކަމުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކޯލީޝަން މެންބަރުން އެ ދެއްވަންޖެހޭ އެއްބާރުލުން ދެއްވުމަކީ ކޮންމެހެން ލާޒިމްކަމެއް. އެބޭފުޅުން އެކަން ނުކުރައްވާކަމީ ހިތާމަކުރާކަމެއް، އަދި ސަރުކާރުން އެކަމަށް އަޅުއްވަންޖެހޭ ފިޔަވަޅެއް އަޅުއްވައި އެކަން ބައްލަވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެބިލަށް ވޯޓަށް ނުދިނުމުގައި އެހެން ޕާޓީތަކުގެ ސްޓޭންޑް ސާފު ނުވާކަމަށެވެ. އަދި އެ މައްސަލަތަކާ އެއްވެސް ގުޅުމެއް ނެތްނަމަ އެ ކޮމިޝަންތަކަށް ބާރު ދިނުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.