1965 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 24 ވީ އަންގާރަ ދުވަހުގެ "ވިޔަފާރި-މިއަދު" ނޫހުގައި "އިންޑިއާގެ ބޮލުގައި ރިހެނީބާ؟" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިއުމަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް އިރެއްގައި މާބޮޑު އިތުބާރެއް ނެތްކަން ހާމަކޮށްދޭ ލިއުމެކެވެ. މީގެ ގާތްގަނޑަކަށް 53 އަހަރު ކުރިން ވިޔަފާރިމިއަދު ނޫހުގައި މި އާރޓިކަލް ލިޔުނީ 1965 ވަނަ އަހަރުގެ ޖުލައި މަހު ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމާ ގުޅިގެން އިންޑިއާއިން ރާއްޖެއާ މެދު ދުށްގޮތް ވަރަށް ސާފުކޮށް ދައްކުވައިދިނުމަށެވެ. މިއާޓިކަލަކީ ދިވެހި ޤައުމުގެ މިހާރުގެ ހާލަތާ ވަރަށް ބޮޑަށް ގުޅޭ އާޓިކަލެކެވެ!
***********************
"ދިވެހި ރާއްޖެ އިނގިރޭސީންގެ ހިމާޔަތުން ސަލާމަތްވުމާއެކު ރެޑް ޗައިނާއާއި ދިވެހި ރާއްޖެއާ ދޭތެރޭ އެކުވެރިކަމުގެ ގުޅުމެއް ހިނގާފާނެކަމުގައި އިންޑިޔާ ބިރު ގަންނާން ފަށައިފިއެވެ. ވަސްވާހުގެ ޝައްކުތައް ހިނގާންފަށައިފި ކަހަލައެވެ.
މިއޯގަސްޓްގެ ކުރީ ހަތްދުވަހުގެތެރޭ މެޑްރާސްއިން ނުކުންނަ ހިންދޫ މިނަން ކިޔާ ނޫހުގައި ލިޔުނޭ: "ކޮޅޮނބުގައިތިބޭ ޕީކިންގް ޑިޕްލޮމޭޓްސް ދިވެހި ރާއްޖެ އަލަށް މިނިވަންވުމާއެކު އެތަނާ އެކުވެރިކަމުގެ ގުޅުމެއް ބަހައްޓާންވެގެން ވަރަށް އަވަހަށް އުޅެގަތެވެ."
މިވާހަކަ ލިޔަމުންގޮސް ލިޔުނޭ: "އެރަށްތަކުގައި ޗައެނާގެ ސަފީރަކު ބެހެއްޓޭތޯ އެބައުޅެއެވެ. ދިވެހި ރާއްޖެއަކީ ހަމައެކަނި އިނގިރޭސީންގެ ސަފީރަކު ހުންނަ ރަށެކެވެ.".
މިވާހަކަ އެނޫހުގައި ލިޔަނީ ހިންދޫގެ ޓޯކިޔޯ ކޮރޮސްޕޮންޑެންޓް މިސްޓަރ ކޭ.ވީ. ނާރާޔަންއެވެ. މީނާ ހިންދޫގައި ލިޔަނީ ދިވެހި ރާއްޖެއަކީ ސިލޯނުގެ ހުޅަނގުން އިންޑިއަން އޯޝަންގައި އޮންނަ ކުދިކުދި އަތޮޅުތަކެއްގެ މައްޗަށް ބިނާވެފައިވާ ޖަޒީރާ ތަކެކެވެ.
ދުނިޔޭގެ ގިނަ މީހުންނަށް އެރާއްޖޭގެ މައުލޫމާތު ލިބިފައިވަނީ ވަރަށްވެސް ކުޑަކޮށެވެ. އެބައި މީހުން އިނގިރޭސިންގެ ކިބައިން މިނިވަންވުމާއެކު ރަސްމީ ގޮތުގައި އެތަން ގަބޫލުކުރީ ދުނިޔޭގެ މަދު ދައުލަތްތަކެކެވެ..
މީގެތެރެއިން ޗައިނާއަކީ އެންމެ ކުރީކޮޅުގައި ދިވެހި ރާއްޖޭގެ މިނިވަންކަން ގަބޫލުކޮށް އެކަމާމެދު އުފާވެރިކަމުގެ ބެރުޖަހާންފެށި މީހުންނެވެ. ޗައިނާގެ ރައީސް ލީސާހޯ ޗީއާއި ބޮޑުވަޒީރު ޗޫއެންލައި އާ ދެމީހުން ދިވެހި ރާއްޖޭގެ ރަދުންނަށާއި އަދި ބޮޑުވަޒީރަށް ފޮނުވި މެސެޖްތަކުގައި އެތާގެ ވެރިކަން ގަބޫލުކުރުމާއެކު މުބާރިކްބާދީތައްވެސް ފޮނުވިއެވެ..
މިސްޓަރ ޗޫ ދިވެހި ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ފޮނުވި މެސެޖްގައި ދިވެހި ރާއްޖޭގެ މީހުން އިމްޕީރިއަލިޒަމާއި އަދި ނިއުކޮލޯނިއަލިޒަމްގެ އަތްދަށުން ސަލާމަތްވާން ކުރާ މަސައްކަތުގައި ކާމިޔާބުވުން އެދި ދުއާކޮށްފައިވެއެވެ. އަދި ޗައިނާގެ ބޮޑުވަޒީރު މާޝަލް ޗެންޔީ ދިވެހި ރާއްޖެއަށް ފޮނުވި މުބާރިކް ބާދީގެ މެސެޖްގައި ތަކުރާރުކޮށްފައިވެޔޭ: "ޗައެނާ ދިވެހި ރާއްޖޭގެ މިނިވަންކަން ގަބޫލުކުރުން ކުރިއަށްގޮސް ދެބައިމީހުންގެ އެކުވެރިކަމާއި ރަހުމަތްތެރިކަން އަދި މާބޮޑުވެ ބަދަހިވާނެއެވެ."
(ހިންދޫ ނޫހުގައި) މިވާހަކަތައް ލިޔަމުންގޮސް ލިޔުނޭ: "ކޮޅުނބުގައި ހުންނަ ޗައެނާގެ އެމްބަސެޑަރ އިއްޔެ ހެނދުނު ދިވެހި ރާއްޖޭގެ ބޮޑުވަޒީރު މިސްޓަރ އިބްރާހިމް ނާސިރާ ބައްދަލުކޮށް ރަހުމަތްތެރިކަމުގެ ޚިޔާލު ބަދަލުކުރިއެވެ."
އަދި ހިންދޫ ނޫހުގައި ލިޔެފައި ވެއެވެ: "ޕީކިންގެގެ ފަރާތުން އެކުޑަކުޑަ ދިވެހި ރާއްޖެއާ ގުޅުމަށް މިބަހައްޓާ ފޯރިން ފެންނަ އެއްޗަކީ ދާދި އަވަހަށް ދިވެހި ރާއްޖޭގައި ޗައިނާގެ ސަފީރަކު ބެހެއްޓޭތޯ ބަލާނެއެވެ. އޭރުން އިނގިރޭސިންގެ ސިފައިންނާއި ވައިގެ ލަޝްކަރު ދުރުއިރުމަތީގައި ކުރާ ހަރަކާތްތައް ޗައެނާއަށް އެނގެމުންދިޔުން ވަރަށް ފަސޭހަވާނެއެވެ. އެތާގައި އާރް.އޭ.އެފް ގެ އިސްޓޭޖިން ޕޯސްޓެއް އެބަހުއްޓެވެ."
********************
ވިޔަފާރިމިއަދު ނޫހުގައި މީގެ 53 އަހަރު ކުރީން 1965 ވަނަ އަހަރު ޝާއިއު ކުރި މިލިޔުމުން ދޭހަވާ ގޮތުގައި އެހާ ކުރީންވެސް އިންޑިއާގެ ނޫސްވެރީންނާއި އިންޑިއާގެ ސިޔާސީ މީހުން ތިބީ ދިވެހިރާއްޖެއަށް ކަޅިއަޅައެވެ. ދިވެހިރާއްޖެ އެހެން ޤައުމަކާ (ހާއްސަކޮށް ޗައިނާއާ) ގުޅުން ބަދަހިވެދާނެތީ ހަސަދައިގެ ލޮލަކުން ބަލަބަލައެވެ.
ރާއްޖެއަށް މިނިވަންކަން ލިބުމުން ޗައިނާއިން ރާއްޖޭގެ މިނިވަންކަން ޤަބޫލުކުރިއިރު އިންޑިއާއިން އެކަން އަވަހަށް ގަބޫލުކުރުމުގެ ބަދަލުގައި ޗައިނާ މާއަވަހަކަށް ދިވެހިރާއްޖޭގެ މިނިވަންކަން ޤަބޫލުކޮށްފިއޭ ކިޔައިގެން "ހިންދޫ" ނޫހުގައި ލިޔުމަކީ އިންޑިއާއިން ރާއްޖެއާމެދު އޭރުވެސް އިހްލާސްތެރި ނޫންކަން ދައްކައިދޭ ކަމެކެވެ. އެއާ ހިލާފަށް ޗައިނާގެ ފަރާތުން ފެނުނީކޮޅުނބުގައި ހުންނަ ޗައިނާގެ އެމްބަސެޑަރު ދިވެހި ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާ ބައްދަލު ކުރައްވައި "ރަހުމަތްތެރިކަމުގެ ޚިޔާލު ބަދަލުކުރެއްވި" ތަނެވެ!
މިއީ އިންޑިއާއާއި ޗައިނާގެ ތަފާތެވެ. ޗައިނާގެވެސް އެދުންތަކެއް ވާނެއެވެ. ނަމަވެސް އިންޑިއާއިން އުޅޭހެން ދިވެހި ޤައުމުގެ ހުރިހާ ކަމަކާ ބެހި ދިވެހި ޤައުމު އަޅުވެތި ކުރާ އުސޫލުން ޗައިނާއަކުން އެއްވެސް އިރެއްގަ ނޫޅެއެވެ. ޗައިނާގެ ލޯނުގެ "ދަންތުރަ" އޭ ކިޔައިގެން ވާހަކަ ދެއްކި ސިޔާސީ ފަރާތަތަކަށް ވެރިކަން ލިބުމުން މިހާރު މިފެންނަނީ އިންޑިއާއިން ދޮޅު ބިލިއަން ޑޮލަރުގެ ލޯނުނަގަން ރާވައި، އިންޑިއާގެ "ދަރަނީގެ ދަންތުރައަށް" ހިތުން ރުހުމުން ދިވެހި ޤައުމުގެ ކަރު މަހާލާ ތަނެވެ. މިއީ ސިޔާސީ ދެފުއްކެހެރި ކަމެވެ. މުނާފިގުކަމެވެ.
އިންޑިޔާގައި ވެރިކަން ކުރާ ބީ.ޖޭ.ޕީ އަކީ ހިންދޫ ވަތަނީ ހައްދުފަހަނައެޅި ޕާޓީއެކެވެ. އިންޑިޔާއަކީ އެ ގައުމުގެ މުސްލިމުންގެ ޝުއޫރުތަކަށް ކުޅު ޖަހައި، ފައިން އަރައި، އިސްރާއީލާ ގުޅުން ބަދަހިކޮށް، މުސްލިމުންނަށް ޖެއްސުމާއި އަނިޔާ ކުރާ ބައެކެވެ. އިންޑިއާއަކީ ހިންދޫން އަޅުކަންކުރާ ކަލާންގެއެއް ކަމުގައި "ގެރި" ވާތީ، ގެރިމަސް ކާ މުސްލިމުންނަށް އަނިޔާކޮށް ބައެއް މުސްލިމުން މަރާ ގައުމެކެވެ. މުސްލިމުންގެ ގަދީމީ، ދީނީ ބިނާތައް، މިސާލަކަށް ބާބްރީ މަސްޖިދު، ތަޅައި، ﷲ އާބާދުފަދަ އިސްލާމީ ސަހަރު ތަކުގެ ނަން ހިންދޫ ނަންތަކަށް ބަދަލު ކޮށް، ކަޝްމީރުގެ މުސްލިމުންނަށް ގިނަގުނަ އަނިޔާ ކުރާ ޤައުމެކެވެ. ބީ.ޖޭ.ޕީ އަކީ ހިންދޫ ނޫން އެހެން ދީންތަކުގެ އިންޑިއާ މީހުންނަށް ފުރައްސާރަކުރާ ބައެކެވެ. އޭގެތެރެއިންވެސް ހާއްސަކޮށް މުސްލިމުންނަށް ފުރައްސާރަކޮށް އަނިޔާ ކުރާ ބައިގަނޑެކެވެ. އިންޑިއާގެ ވެރިކަމުގައި ތިބީ މިމީހުންނެވެ.
މިފަދަ ބައެއްގެ އުނގުކުއްތާއަކަށް މިދިވެހި އިސްލާމީ ގައުމު ހެދުމަށް ޓަކައި އިންޑިއާ މިވަނީ މިހާރު ފޫގަޅައިފައެވެ. މިހާރުގެ ސަރުކާރުން ތިބީ ކޮންމެވެސް އެއްސަބަބަކަށްޓަކައި އިންޑިއާއަށް މިފުރުސަތު ދީގެންނެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ފޮރިން މިނސިްޓަރު އަބްދުﷲ ޝާހިދު އެވެ.
ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން، މަޑުމަޑުން ރާއްޖެއަށް އިންޑިއާއިން ދަނީ އަތްގަދަ ކުރަމުންނެވެ. އިންޑިއާއިން ރާއްޖޭގައި ބޭސްކޮށްގެން އުޅޭ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ރައީސް ޔާމިނުގެ ސަރުކާރުން އިންޑިއާއަށް އެންގުމުން އެކަމަށް އިޖާބަ ނުދީ އެމީހުން ތިބި ތިބުމަކީ އިންޑިއާއިން ރާއްޖޭގެ ކުޑަކަމާއި ބާރެއް ނެތްކަމުގެ ފައިދާ ކޮންމެވެސް ހިސާބަކުން ނަގާނެކަން ދައްކައިދޭ ކަމެކެވެ. އިންޑިއާގެ ނޫހަކުން ދާދި ފަހުން ބުނެފައިވާ ގޮތުގައި ރާއްޖެއާ އިންޑިއާއާ މިހާރު "ގުޅުން ގާތް" ވެފައިވާ މިންވަރުން ރާއްޖެއިން އިންޑިއާ ބޭރުކުރާނަމަ ރާއްޖެއަށް އެކަމުގެ އަގެއް ދައްކަން ޖެހޭނެއެވެ. ތެދެކެވެ. އަގެއް ދައްކަން ޖެހޭނެއެވެ. ބޮޑު އަގެކެވެ. އިންޑިއާގެ އުނގު ކުއްތާއަކަށް ރާއްޖެ ހެދުމުގައި ފާއިތުވާ ކޮންމެ ދުވަހަކީ މިއަގު އިތުރަށް ބޮޑުވެގެން ދާނެ ދުވަހެކެވެ. ދިވެހި ރާއްޖެ ސަލާމަތް ކުރަން ބޭނުންނަމަ އެކަން ކުރަންޖެހޭ ވަގުތަކީ މިއެވެ. ލަސް ކުރެވޭކަށް ނެތެވެ!