ކޮލަމް

ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ހިޖުރަ - 10

އަބްދުﷲ ފާރޫގް ހަސަން

އައުތާރީޚެއްގެ އުފެދުން

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އެއެންމެ ބޭކަލުންނަށްވެސް ހެޔޮދުޢާފުޅު ކުރެއްވިއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އެހުރިހާ ބޭކަލުންނަށްވެސް ދެއްވީ އެއްޖަވާބެކެވެ. ޙަދީޘްކުރެއްވިއެވެ. "މިޖަމަލު ދާނެތަނަކަށް ދާން ދޫކޮށްލައްވާށެވެ. މިއީ ﷲގެ ޙަޟުރަތުން އަމުރު ލިބިގެންވާ ޖަމަލެކެވެ." އަންސާރުންގެ ކޮންމެ ޤަބީލާއެއްގެ ބޭކަލުންނަކީވެސް ދީނަށްޓަކައި ޤުރްބާންވެވަޑައިގަތުމުގެ ރޫހުން ތާޒާވެވަޑައިގެންފައިތިއްބެވި ބޭކަލުންނެވެ. އެހެންކަމުން އިތުރުސާހިބާގެ ހިތްޕުޅުގައި ކަނޑައަޅުއްވައިފައިވަނީ އެމާތްސާހިބާގެ ކާފާފުޅުގެ މާބެއިން ފިޔަވައި އެހެން ހުރިހާ ޤަބީލާތަކެއް ހަމަހަމަ ކުރެއްވުމަށެވެ. އައުވަޒަނެއްގައި މުޅީންއަލަށް ދައުލަތެއް ބިނާކުރެއްވުމުގައި އެންމެ އިތުބާރުހުރި އަދި އެންމެ މަސްލަހަތު ހުރި ގޮތަކީވެސް ސިޔާސީގޮތުން އެންމެ މަންފާ ހުރިގޮތަކީވެސް އެއީކަމުގައެވެ. އަރަހުށިމާތްﷲ އެކަލާނގެ ހަބީބުގެ ހިތްޕުޅުގެ މުރާދު ހާސިލުކޮށްދެއްވީ އެކަލޭގެފާނުގެ ޖަމަލުކޮޅަށް ކުރައްވައިފައިވާ އިލްހާމުންނެވެ. ނައްޖާރު ވަންހަޔަށް ވެސް އެޝަރަފު ދެއްވީ އެވަންހައިގެ ގޮފިތަކުގެ އިސްލާމްކަމުގެ އިސްކަމުގެ ނިސްބަތުންނެވެ. ޝައްކެއްނެތެވެ. މިއީ އެންމެ ބުއްދިވެރި ނިންމެވުމެވެ. އެންމެ މަސްލަހަތުހުރި ގޮތްވެސްމެއެވެ. ކައުސާހިބާ ވަޑައިގެންނެވީ ޖަމަލުކޮޅުގެ ލަގަން އޭގެ ކަނދުރާ މައްޗަށް އެއްލައިލައްވައިގެންނެވެ. އިލާހީ އަމުރުފުޅަކަށް އިންތިޒާރުކުރައްވަމުންނެވެ. ޤުޞްވާ (ނުވަތަ ޖަދުޢާއު) އޭގެ ފަރިދުވެލީގައިގޮސް ބަނުއްނައްޖާރުގެ އަވަށަށް ވަދެއްޖެއެވެ. އެއަށްވަށް އެކުލެވިގެންވަނީ މާލިކު ބުނުއް ނައްޖާރާއި، މާޒިންބުނުއް ނައްޖާރާއި، ދީނާރު ބުނުއް ނައްޖާރާއި، އަދީބުނުއް ނައްޖާރުގެ ދަރީންގެ ގެތަކުގެ މައްޗަށެވެ.

ނައްޖާރުވަންހައިގެ ބޭކަލުންގެ އުފާވެރިކަމާއި، ޖޯޝާއި ފޯރިވަނީ އެތައް ގުނައެއް މައްޗަށް އުފުލިފައެވެ. އެހެނީ އެބޭކަލުންނަކީ ކައުސާހިބާގެ ކާފާކަލުންގެ މައިފުށުގެ ތިމާގެފުޅު ބޭކަލުންނެވެ. އިތުރު ސާހިބާއަށް މެހްމާންދާރީ އަދާކުރެއްވުމުގެ ޝަރަފު އެބޭކަލުންނަށް ލިބިވަޑައިގަންނަވާނެކަމާމެދު އެބޭކަލުންގެ ހިތްޕުޅުތަކުގައި ކުޑަވެސް ޝައްކެއްނެތެވެ. ޙަބީބުﷲގެ އަވަށްޓެރީން ކަމުގައިވެވަޑައިގެންނެވުމުގެ މާތްކަން ލިބިވަޑައިގަންނަވާނެކަން އެބޭކަލުންނަށް ކަށަވަރުވެވަޑައިގަންނަވައެވެ. އެހެންކަމުން ނައްޖާރުވަންހައިގެ ތުއްތު ތުއްތު މަޢުޞޫމު އަންހެންކުދީން ތާރަޖަހައިފައި ލަވަކިޔަމުން ގެންދިޔައެވެ. "އަހަރެމެންނަކީ ނައްޖާރުވަންހައިގެ އަންހެކުދީންނީމުއެވެ. މުޙައްމަދަކީ ކިހައި ރަނގަޅު އަވައްޓެރިޔެއް ހެއްޔެވެ؟". ކާއިނާތުގެ ސާހިބާ އެކުދީންގެ ގާތުން ވަޑައިގަންނަވަމުން ހިނިވަރުނަ ކުރައްވައިފައި ޙަދީޘްކުރެއްވިއެވެ. " އޭކުދީންނޭވެ! ތިޔަކުދީން އަހުރެންދެކެ ލޯބިވަމުހެއްޔެވެ؟". އެކުދީންއެއްއަޑަކުން ދެންނެވިއެވެ. "އާދެހެވެ! އޭމާތްﷲގެ ރަސޫލާއެވެ!". އިތުރުސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "އަހުރެންވެސް ތިޔަކުދީންދެކެ ލޯބިވަމެވެ."

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ މުނިމުންނާފުޅު ސަލްމާން ބިންތު ޒައިދު ނުވަތަ ސަލްމާ ބިންތި ޢަމްރު ބިން ޒައިދު (ކާފާކަލުން ޢަބްދުމުއްޠަލިބުގެ ފާނުގެމައިކަނބަލުން) އަކީ ނައްޖާރުވަންހައިގެ ޢަދިއްޔުގެ ދަރިކޮޅުގެ ބޭކަނބަލެކެވެ. އިތުރުސާހިބާގެ ޖަމަލުކޮޅު ޢަދިއްޔު ދަރިކޮޅުގެ ބޭކަލުންގެ ގެކޮޅުތަކަކަށް ވެސް މަޑެއްނުކުރިއެވެ. ކައުސާހިބާގެ އެންމެ ތިމާގެފުޅު ބޭކަލުންގެ ގެކޮޅުތައްވެސް ފަސްދީ ދިޔައީކުރިޔަށެވެ. އެމާތްސާހިބާ ތުއްޕުޅުއިރު މައިކަނބަލުންގެ އަރިހުގައި މަދީނާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެދެމައިކަނބަލުން ތިއްބެވި ގެ ވެސް ފަސްދީފިއެވެ. އަދިއްޔުވަންހައިގެ ބޭކަލުން ވެސް ކައުސާހިބާ އެބޭކަލުންގެ އަރިހުގައި ހުންނެވުމަށް ނިހާޔަތަށް އެދިވަޑައިގެންނެވިއެވެ. އިލްތިޖާ ކުރެއްވިއެވެ. ނަމަވެސް ކައުސާހިބާ އެބޭކަލުންނަށް ވެސް ދެއްވީހަމަ ކުރީންވެސް ދެއްވަމުން ވަޑައިގެންނެވީ ޖަވާބެވެ.

ޤުސްވާ (ނުވަތަ ޖަދުޢާއު) މިހާރު އެވަނީ ނައްޖާރުވަންހައިގެ ގެތަކުގެތެރެއިން ބަނީމާލިކުގެ ގެތަކުގެ ތެރެއަށެވެ. މަދީނާއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ހަބޭކަލުންކުރެ ދެބޭކަލުންނަކީ (އަސްއަދު ބިން ޒުރާރާ އާއި އައުފު ބުނުލް ޙާރިޘު ރަޟިޔަﷲ އަންހުމާ) ބަނޫ މާލިކު ބުނުއް ނައްޖާރުގެ ދެބޭކަލުންނެވެ. ޖަމަލުކޮޅު އާއްމު މަގުން އެއްފަރާތަކަށް އަރައިފިއެވެ. އިންވަކި ކުރެވިފައިވާ ތަނަވަސް ގޯއްޗެއްގެ ތެރެޔަށް ވަދެއްޖެއެވެ. އެގޯތީގައި މަދުއަދަދެއްގެ ކަދުރުރުއްކޮޅެއް ހުއްޓެވެ. އިމާރާތެއްގެ ތަރާގަނޑެއްވެސް ހުއްޓެވެ. އެއްފަރާތެއްގައި ދެތިން މަހާނަވެސް ހުއްޓެވެ. ހަމައެފަދައިން ކަދުރުހިއްކާ ތަނެއްވެސް އޮތެވެ. ޖަމަލުކޮޅު މަޑުމަޑުން ކައިރިވީ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ އަންހު އާއި އަސްއަދު ބިން ޒުރާރާ ރަޟިޔަﷲ އަންހު އާ ދެބޭކަލުން މުސްލިމުންނާއިގެން ނަމާދު ކުރައްވަން އެތާނގައި ހައްދަވައިފައި ހުރިހިޔަލެއްގެ ކައިރިޔަށެވެ. ޖަމަލުކޮޅު އެތާނގެ ދޮރުމަތީގައި ބަނޑުޖަހައިފިއެވެ. އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ފައިބައިވަޑައިނުގެން މަޑުކޮށްލެއްވިއެވެ. ޖަމަލުކޮޅު އަނެއްކާވެސް ތެދުވެގެން މަޑުމަޑުން ހިނގައިފައިގޮސް އެތަނާ އެންމެ ކައިރިޔަށްހުރި ދެބުރިގޭގެ ކުރިމަތީގައި މަޑުކޮށްލިއެވެ. މާ ގިނަ އިރެއް ނުވެ އަނެއްކާވެސް ތެދުވެގެން އެނބުރި ގޮސް ކުރީންވެސް ބަނޑުޖެހި ތަނުގައި ބަނޑުޖަހައިފިއެވެ. ޖަމަލުތައް އާއްމުކޮށް ތަނެއްގައި ގިނައިރު ތިބޭން އިށީންނަގޮތަށް އިށީދެ އޭގެ ކަނދުރާވެސް ބިންމަތީގައި ޖައްސައިލައިފިއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ފައިބައިވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އިރާދަކުރެއްވިއްޔާ މަންޒިލަކީ މިއީ އެވެ."

އިތުރުސާހިބާ ޙަދީޘް ކުރެއްވިއެވެ. "މިގޯތީގެވެރިޔަކީ ކާކު ހެއްޔެވެ؟". އެވަގުތު އައުފުގެ އަޚު މުއާޛު ބުނުލް ޙާރިޘު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. މިއީ ޔަތީމު ދެކުއްޖެއްގެ ބިމެކެވެ. އެދެކުދީންނަކީ ސަހްލާއި ސުހައިލުއެވެ. އެދެކުދީން ބަލަހައްޓަވަނީ އަސްއަދު ބިންޒުރާރާ ރަޟިޔަﷲ އަންހު އެވެ. އިތުރުސާހިބާ ޙަދީޘް ކުރެއްވިއެވެ. "އެދެކުދީން ގެނެސްދީބަލާށެވެ." އޭރުވެސް އެދެކުދީން އަރިހުގައި ތިއްބެވެ. އިތުރުސާހިބާގެ ކުރިފުޅުމައްޗަށް އެދެބޭން އައުމުން ޙަދީޘް ކުރެއްވިއެވެ. "މިބިން އަހުރެންނަށް ވިއްކާނު ހެއްޔެވެ؟ އަގަކީ ކިހައިވަރެއްހެއްޔެވެ؟" އެދެބޭން ޖަވާބު އެރުވިއެވެ. "މާތްﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން މިބިން ކަލޭގެފާނަށް ހަމަހިލޭ ވެދުމަށް އަރުވައިފީމުއެވެ. ހަދިޔާއެއްކަމުގައި ޤަބޫލުކުރެއްވުން އެދެމުއެވެ." ނަމަވެސް ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އެގޮތެއް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ އަންހު މެދުވެރިކުރައްވައި ބިމުގެ އަގެއް ހަމަޖެއްސެވިއެވެ. ސަހްލަށާއި ސުހައިލަށް އަގުދެއްވައިފައި އެބިން ބައްލަވައިގެންނެވިއެވެ.

ކައިރީގައި ހުރި ދެބުރިގޭގެވެރިޔާ އަބޫއައްޔޫބު ޚާލިދު ބިން ޒައިދު މިކަންތައް ހިނގަމުން ދަނިކޮށް ވަޑައިގެން އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އެއްޗެހިކޮޅު ޖަމަލުކޮޅުން ބާލުއްވައިގެން ގެޔަށް ގެންދަވައިފިއެވެ. ޢަޤަބާގެ ދެވަނަބައިއަތުގައި މާލިކު ބުނުއްނައްޖާރު ވަންހައިން އެންމެފުރަތަމަ ބައިއަތުހިއްޕެވީ އަބޫ އައްޔޫބު ރަޟިޔަﷲ އަންހުއެވެ. އެވަގުތު މާލިކު ބުނުއްނައްޖާރުގެ އެހެނިހެން ބޮޑުންވެސް ވަޑައިގެން އިތުރުސާހިބާ އެބޭބޭކަލުންގެ ގެއަށް ވަޑައިގަންނަވާތޯ ވާހަކަފުޅު ދެއްކެވިއެވެ. އިތުރުސާހިބާ ޖަވާބުދެއްވިއެވެ. "ދަތުރުވެރިޔާއަށް ދެވޭނީ އޭނާގެ ދަތުރުފޮށި ގެންދާތަނަކަށެވެ." ކޮންމެއަކަސް އެނބުރިދާން އެންމެ ރިވެތިވެގެންވާތަން ހޯއްދެވުމުގައި ކުރިއަތުލެއްވީ އަބޫއައްޔޫެބެވެ. އެކަމާ އެހެނިހެން ބޭކަލުންގެ ހިތްޕުޅުތަކުން އެވަގުތުކޮޅު ހަހުރަކުރެއްވުނެވެ. ނަމަވެސް އެހުރިހާ ބޭކަލުންވެސް ތަޤްދީރުގެނިޔާފުޅާމެދު ފުރިހަމަޔަށް ރުހިވަޑައިގެންނެވިއެވެ. އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ އަންހު ޤުސްވާ (ނުވަތަ ޖަދުއާއު) އެކަލޭގެފާނުގެ ގެއަށް ގެންދަވައިފިއެވެ. އެގެވެސް ހުރީ އެބިމާ ދާދި ކައިރީގައެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އަބޫއައްޔޫބުގެ ގޭގައި ހުންނެވީ ހަތްމަސްދުވަހުއެވެ. ހަތްމަސް ދުވަހުގެ ތެރޭގައި އަލްމަސްޖިދުއްނަބަވީ އާއި އިތުރުސާހިބާގެ ކޮޓަރިކޮޅުތައް ހައްދަވައިވަނީ ނިމިފައެވެ. އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އެހައިތަނުން ބަދަލުވެވަޑައިގެންނެވީ އެމާތްސާހިބާގެ ގެކޮޅަށެވެ.