އިބްރާހިމް ޒަކީ
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ފަރާތްތައް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަ ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައި މިއަދު ނިންމި ނިންމުން އަމާޒު ވަނީ އެމްޑީޕިއަށް ކަމަށް، އެ ޕާޓީގެ ކެމްޕެއިން ސްޕޯކްޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އަފްޝަން ވިދާޅުވީ، ސުޕްރީިމް ކޯޓުގެ އެ ނިންމުމާ ދޭތެރޭ އެމްޑީޕީން ހައިރާންވާ ކަމަށެވެ.
"މިނިންމުމާ ދޭތެރޭ އެމްޑީޕީިން ހައިރާންވޭ، ވިސްނާފަ އޮތް ގޮތުން ޕްރައިމަރީ ބާއްވާފައިވަނިީ ވެސް ހަމައެކަނި އެމްޑީޕީން، އެހެންކަމުން މިނިންމުން އަމާޒު ވަނީވެސް އެމްޑީޕިއަށް،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމެވުމާމެދު ޕާޓީން މަޝްވަރާކޮށް ޕާޓީގެ ލީޑާޝިޕުން ނިންމާގޮތެއް މީޑީއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓިގެ ނިންމެވުމާ ގުޅިގެން، ޕްރައިމަރީން ފެއިލް ވެފައިވާ އެމްޑީޕީގެ މެންބަރުން މަޖިލިސް އިންތިހާބުގައި ވާދަކޮށްފި ނަމަ ފަޔަވަޅު އަޅާނެތޯ؟ ނޫސްވެރިއަކު ސުވާލު ކުރުމުން އަފްޝަން ވިދާޅުވީ، އިންޓާނަލް ވަކި މެކެނިޒަމް ތަކަކާއި ގަވާއިދު ތަކާއި އުސޫލުތަކެއް މާ ކުރިންވެސް އެމްޑީޕީން އެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކާމެދު ޕާޓީން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްޝަން އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންތިހާބު ބާއްވާ ތާރީހު ފަސް ކުރުމަކީ، ވޯޓަށް ނުފޫޒު ފޯރުވައި އިންތިހާބު ގަޑުބަޑު ކުރުމަށް ދޭ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ލަސްކުރަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން، އިންތިހާބު ލަސްކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވައި އިންތިހާބު ގަޑުބަޑު ކުރުމަށް ދެވޭ ފުރުސަތެއްް،" އަފްޝަން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުުން މިއަދު ކުރި ހުކުމުގައި، ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ފަރާތްތައް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ އަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި، ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަ ކުރެވޭ ގޮތަށް ކަނޑައަޅައިފައެވެ.
އަދި ޕްރައިމަރީން ބަލިވި މީހުން، މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 04:00ގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ އެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މި ހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ މި އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން، އިންތިޚާބު ބާއްވަން ހަމަޖައްސައިފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.