ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑު މިއަދު އާންމުކޮށްފިއެވެ.
އެމްޑީޕީން މިއަދު އާންމުކުރި ކެންޑިޑޭޓުންގެ ސުލޫކީ މިންކަނޑަކީ، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާއި، އެ ގާނޫނުގެ 74 ވަނަ މާއްދާއަށް، 2018 ވަނަ އަހަރު، ކުށާއި އަދަބު އިތުރުކޮށްފައިވާއިރު، އެ ކަންކަމަށް ރިއާޔަތްކޮށް، މިހާރުގެ ގާނޫނަށްވުރެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ސުލޫކީ މިންގަނޑެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުގައި، ޕާޓީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ބާރު އަޅައިފައިވެއެވެ.
އަދި ނަޒާހަތްތެރި ކެންޑިޑޭޓުންތަކެއް ޕާޓީގެ ފަރާތުން ހުށަހެޅުމަށްޓަކައި ކެންޑިޑޭޓުންގެ މާލީ ބަޔާން، ފުރިހަމަ ތަފްސީލާއެކު އާންމުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.
ސުލޫކީ މިންގަނޑުގައި ބުނެފައިވާ ގޮތުން އިންތިޚާބާ ގުޅިގެން ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި، އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ނާޖާއިޒު ބާރެއް ބޭނުންނުކުރުމަށާއި، ވަކިމީހަކަށް ޚާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަހަޅައިގެން ނުވާނެއެވެ.
އަދި މީހެއްގެ ގޯއްޗެއްގައި ތަކެއްޗެއް ބަހައްޓާނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ނެގުމަށާއި ކިޔަވައިދޭ ތަންތަނާއި އެތަންތަނުގެ ހޯލް ބޭނުންކުރާނަމަ ހުއްދަ ނަގަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.