އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް މިއަދު ވެބްސައިޓުގައި ޝާއިއު ކުރާނެކަމަށް އެ ޕާޓީގެ ކެމްޕެއިން ސްޕޯކްޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
އަފްޝަން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް ކުރަމުން އަންނަ ކަންކަން ރައްޔިތުންނާ ހިއްސާ ކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން މި އަދަކީ ކެނޑިޑޭޓުންގެ މާލީ ބަޔާން ޕާޓީއަށް ހުށަހެޅުމުގެ އެންމެ ފަހު ދުވަސް ކަމަށް ވާއިރު، 50އަށް ވުުރެ ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން މިހާރުވެސް ލިބިފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި މިއަދު ހަވީރު 04:00އާ ހަމައަށް ކެންޑިޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އޭގެ ފަހުން އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއު ކުރާނެކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޝަން ވަނީ އެޖެންޑާ 19 ވޯކްޝޮޕާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައެވެ. އެގޮތުން ހަ އަތޮޅެއްގައި އެޖެންޑާ 19 ވޯކްޝޮޕް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެއީ މަޖިލިސް 19ގެ ސިޔާސަތު ތަކަށް މީހުން ހޭލުންތެރުކުރުވުމަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ކެބިނެޓުގެ ވަޒީރުންގެ މާލީ ބަޔާން ވެސް ކުރީން ވަނީ ހާމަކޮށްފަ އެވެ. އެހެން ނަމަވެސް އެ ބަޔާންތައް އެންމެ ފުރިހަމަ ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ.