އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުން އެކަލާނގެ ހުކުމްފުޅުތަކާ ދެކޮޅު ނުވުމަށް އަންގަވައި އިންޒާރު ކުރައްވައެވެ. އެހެނީ އެކަލާނގެ އަމުރުފުޅާ ޚިލާފުވުން ވާނީ އިންސާނާއަށްޓަކައި ނުހަނު ބިރުހުރި ކަމެއް ކަމުގައެވެ. އަރަހުށި މާތްﷲ ސުބްހާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް ނުހަނު އޯގާވަންތައެވެ. އެކަލާނގެވަނީ އެކަލާނގެ ބަސްފުޅު ތެދުކުރައްވައި ދައްކަވައިފައެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައިފައެވެ. އެކަލާނގެ ވައުދުފުޅަކާ ކުޑަކޮށްވެސް ޚިލާފުވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެ އަންގަވައިފައިވާގޮތުގައި:
އެކަލާނގެ ބަސްފުޅުބަދަލެއް ނުކުރައްވައެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަކަށް އަނިޔާވެރިވެ ވޮޑިއެއް ނުގަންނަވައެވެ.
އޭ މުސްލިމުންނޭ! ތިޔަބައިމީހުންގެ ހާލާއި މަސްތަޤްބަލުގެ ކަންކަމުގައި ސިއްރާއި ފާޅުގައި ﷲގެ ރަސްކަންފުޅަށް ބިރުވެތިވާށެވެ. އެކަލާނގެއީ އެކަލާނގެ ރަސްކަންފުޅަށް ބިރުވެތިވާމީހުން ނުބައިކަންތައްތަކުން ދަފަރާ ކުރައްވައި އެމީހުންގެ ސަވާބު ގިނަގުނަ ކުރައްވާ ރަސްކަލާނގެއެވެ. މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވާ މީހާޔަށް ޔަޤީނުންވެސް އެލިބުނީ ވަރަށް މަތިވެރި ނަސީބެކެވެ. ތަޤްވާ އަކީ މާތްﷲގެ ކޯފާއާއި އަޒާބާއި ރުހިވޮޑިނުގެންނެވުމުން ސަލާމަތްކޮށްދޭ ކަމެކެވެ. ތަޤްވާ އަކީ އިންސާނާގެ މޫނު އަލިކުރައްވައި އޭނާއަށް ކާމިޔާބު ދެއްވާ ކަމެކެވެ. އޭނާގެވެރި ރަސްކަލާނގެ ރުހިވޮޑިގަތުން ލިބި އޭނާގެ ދަރަޖަމަތިވާ ކަމެކެވެ.
އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ޙައްޤުތައް ލިބިގަންނާށެވެ. އެކަމަކު ﷲގެ ޙައްޤުފުޅަކަށް އެއްވެސް ވަރެއްގެ އުނިއިތުރެއް ނުގެންނާށެވެ. މާތްﷲ ތިޔަބައިމީހުންނަށް އެކަލާނގެ ފޮތް އުނގަންނައި ދެއްވިއެވެ. އެކަލާނގެ މަގަށް މަގުދެއްކެވިއެވެ. ތެދާއި ދޮގުވަކިވުމަށްޓަކައެވެ. ހެވާއި ނުބައި އޮޅުންފިލުމަށްޓަކައެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އިހްސާންތެރިވެ ވޮޑިގެންނެވިފަދައިން ތިޔަބައިމީހުންވެސް އަނެކުންނަށް އިހްސާންތެރިވާށެވެ. (އެހެންމީހުންގެ ދިރިއުޅުން ފަސޭހަކޮށްދީ އުފާވެރިކޮށްދޭށެވެ.) އެކަލާނގެ ޢަދުއްވުންނާ ތިޔަބައިމީހުންވެސް ދުޝްމިނުވާށެވެ. އެކަލާނގެ މަގުގައި (އިންސާނިއްޔަތަށް ހެވާއި، ލާބައާއި، ތިޔާގިކަމާއި، ކުރިއެރުން ހޯދައި ދިނުމުގައި) މަސައްކަތްކުރުން ޙައްޤު ގޮތުގައި މަސައްކަތް ކުރާށެވެ. އެކަލާނގެ ތިޔަބައިމީހުން އިއްޒަތްތެރިކުރެއްވިއެވެ. މުސްލިމުންގެ ނަމުން ތިޔަބައިމީހުންނަށް ނަންދެއްވިއެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ އިންތަކާއި މިންތަކުން ނެއްޓި ހަލާކުގެތެރެޔަށް ވެއްޓިގެންފިމީހަކީ އަބާއްޖަވެރިޔެކެވެ. ކީރިތިޤުރްއާން މަގުދައްކާގޮތަށް ދިރިއުޅެފިމީހަކީ ދިރުންލިބިގެންފިމީހެކެވެ. މާތްﷲގެ މަދަދާ ނުލައެއް އެއްވެސް މީހަކަށް ހެޔޮއަމަލެއް ކުރުމުގެ ބާރެއްވެސް ނުވެއެވެ. އަރަހުށިމާތްﷲ އަށް ގިނަގިނައިން ޒިކުރު ކުރާށެވެ. މާދަމާ (އާޚިރަތް ދުވަސް) އަށްޓަކައި މަސައްކަތްކުރާށެވެ. މާތްﷲ އާއި ތިމާއާ ދެމެދުގެ މުޢާމަލާ ރަނގަޅުކޮށްފި މީހަކަށް އެމީހާ އާއި މީސްތަކުންނާ ދެމެދުގެ މުއާމަލާ ރަނގަޅުކޮށްދެއްވުމުގެ ޖާމިނަކަށް މާތްﷲވެ ވޮޑިގަންނަވާނެއެވެ. އެހެނީ މީސްތަކުންގެ ހާކިމަކީ އަރަހުށިމާތްﷲއެވެ. އެކަލާނގެ ރަސްކަންފުޅުގެ މައްޗަކަށް ހުކުންވެރިޔަކު ނުވެއެވެ. މާތްﷲއީ މީސްތަކުންގެ ސާހިބުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސްފުޅުގެ މައްޗަށް މިލްކުވެރިކަމުގެ ބާރުހިންގޭނެ މާލިކަކު ނުވެއެވެ. އެންމެ މާތީ ﷲ އެވެ. އެންމެ މަތިވެރީ ﷲ އެވެ. އެކަލާނގެ ތައުފީޤާނުލައެއް މީހަކަށް ހެޔޮކަމެއްވެސް ނުކުރެވޭނެއެވެ."
އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ހުކުރު ނަމާދު ކުރެއްވި ތާގައި މިހާރުވަނީ ވަރަށް ރީތި މިސްކިތެއް އިމާރަތްކުރެވިފައެވެ. މަދީނާގެ މަޝްހޫރު މަސްޖިދުލްޖުމްޢާއެވެ.
އިތުރުސާހިބާ ހުކުރު ނަމާދުން އަވަދިވެވަޑައިގެން ޔަޘްރިބުގެ ދެކުނު ފަރާތުން ރަށަށް އަރައިވަޑައިގެންނެވިއެވެ. އިތުރުސާހިބާ ޔަޘްރިބަށް ވަޑައިގެންނެވުމަކީ ލޯތްބާއި ޝައުޤުވެރިކަމުގެ ތާރީޚުގައި ދެވަނަ މިސާލެއްނެތްފަދަ ޙާދިޘާއެކެވެ. ޔަޘްރިބުގެ އަހްލުވެރީން ކައުސާހިބާއަށް ދެންނެވި މަރްޙަބާއަށްވުރެ ހިތުލޯތްބާއި، ޝައުޤުވެރިކަމާއި، ޖޯޝާއި ފޯރި އެކުލެވިފައިވާ މަރްޙަބާއެއްގެ މިސާލެއްގެ ހުށަހެޅުމަށް ދުނިޔޭގެ ތާރީޚުވަނީ ނުކުޅެދިފައެވެ. ކައުސާހިބާއަށްޓަކައި އަންސާރުންފަތުރައިލެއްވި ދޫލަ ތަރުކީބުވެފައިވަނީ އެބޭކަލުންގެ ހިތްޕުޅުގެ ވިންދާއިލޯފުޅުގެ އަލިކަމުންނެވެ. އެދުވަހަށްފަހު ޔަޘްރިބު ގެނަން ބަދަލުވީ މަދީނަތުއްނަބިއްޔުއަށެވެ. މަދީނަތުލް މުނައްވަރާއަށް ވެސްވެއެވެ. އެރަށުގެ ބިން ހިމެނުނީ އެބިމެއްގެ މާތްކަމާއި ޝަރަފުވެރިކަމާމެދު އުޑުތައްވެސް "ޙަސަދަވެރިވާ" ފަދަ ބިމެއްކަމުގައެވެ. މަދީނާގައި ދިރިއުޅޭ ޙަބަޝީ އަޅުން އުފަލުން ފުރިގެން ތިބެ އެބައިމީހުންގެ އަސްކަރީ ކުޅިޖެހުމުގެ ހުނަރުވެރިކަން ދައްކަމުން ގެންދިޔައިރު މަދީނާގެ ކުޑަކުދިންތައް "ރަސޫލުﷲ ވަޑައިގެންފިއެވެ! މާތްﷲގެ ރަސޫލާ ވަޑައިގެންފިއެވެ!" އަޑުގެ ކޮޅަށް ގޮވަމުން ގެންދިޔައެވެ. ކޮންމެ ދިމާޔަކުންވެސް ހާމަވޭވޭ ހުރީ އުފާވެރިކަމެވެ. ތަރުހީބެވެ. މަދީނާގެ އަންހެނުންތައް ގޭގޭގެ ބެލްކަނިތަކަށާއި ހާމަފުޅުތަކުގެ މައްޗަށް ނިކުމެތިބިއިރު ތުއްތު އަންހެންކުދިންތައް މަރްޙަބާގެ ލަވަކިޔަމުން ގެންދިޔައެވެ.
އޭ އަހަރެމެންގެ ގާތަށް ފޮނުއްވިގެންވާ ސާހިބާއެވެ! ކަލޭގެފާނު ތިޔަވަޑައިގަތީ ކިޔަމަންވުން ވާޖިބު އަމުރުފުޅަކާއިގެންނެވެ." މިފަދަ އިބާރާތްތަކުންނެވެ.އިތުރުސާހިބާ ވަޑައިގަންނަވާ ކޮންމެ މަގަކުން އަންސާރުންގެ ކޮންމެ ޤަބީލާއެއްގެ މީހުން ދަންނަވަމުން ގެންދިޔައެވެ. "އޭމާތްﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ގެތައް މިހިރީ ކަލޭގެފާނަށްޓަކައެވެ! އަޅުގަނޑުމެންގެ މުދާތައް މިހިރީ ކަލޭގެފާނަށްޓަކައެވެ! އަޅުގަނޑުމެންގެ ފުރާނަތައް މިވަނީ ކަލޭގެފާނަށްޓަކައެވެ.!" އިތުރުސާހިބާ ކޮންމެ ޤަބީލާއެއްގެވެސް އިހްސާންތެރިކަމަށް އިއުތިރާފްވެވަޑައިގަންނަވަމުން ހިނިވަރުނަކުރައްވަމުން އަލިމޫނުފުޅުދައްކަވަމުން އެބައިމީހުންނަށް ހެޔޮދުޢާފުޅު ކުރައްވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޚާއްޞަ ޚާދިމު އަނަސުބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވާގޮތުގައި އިތުރުސާހިބާ މަދީނާއަށް އަރާވަޑައިގެންނެވި ދުވަހަށްވުރެ ބަރަކާތްތެރި އަދި އެއަށްވުރެ އުފާވެރިދުވަހެއް އެކަލޭގެފާނު ދެކެވަޑައިގެންފައެއް ނުވެއެވެ. އެދުވަހު މަދީނާގެ މަގުތަކާއި ގެތައްވަނީ ބަރަކާތުގެ ނޫރުން ވިދައިބަބުޅައިފައެވެ. ނުބުއްވަތުގެ ގުރަހަ މަދީނާގެ މިޙުވަރުތަކުން ކުރިޔަށް ވަޑައިގެންނެވި ވަޑައިގެންނެވިހެން އަންޞާރުންގެ ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ކޮންމެ ބޭކަލެއްގެ ވެސް ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމަކީ ކައުސާހިބާގެ މޭޒުބާނަކަށް ވެވަޑައިގަތުމުގެ ޝަރަފު އެބޭކަލަކަށް ލިބިވަޑައިގެއްނެވުމެވެ. އެހެނީ ރަޙްމަތުގެ ނަބިއްޔާ އެގެޔަކަށް ފައިބައިވަޑައިގަންނަވާ ގެއެއްގެ ދޮރުކޮޅުމަތީގައި ރަޙްމަތުގެ މަލާއިކަތުން "ފޯރިމަރުއްވާނެ" ކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެގެޔަކީ ވަހީ ބާވައިގަނެވޭ މަންޒިލަކަށްވާނެކަން ޔަޤީންވެވަޑައިގަންނަވައެވެ. މާތްﷲގެ ރަޙްމަތް އެގެޔަކަށް ވެއްސަވަމުން ގެންދަވާނެކަން ކަށަޥަރުވެވަޑައިގަންނަވައެވެ. ދުނިޔޭއާއި އާޚިރަތުގެ ބަރަކާތް އެގެޔަކަށް އޮހެމުންދާނެކަން ޔަޤީންވެ ވަޑައިގަންނަވައެވެ.
އެހެންކަމުން އިތުރުސާހިބާގެ މޭޒުބާން ކަމާމެދު އަންޞާރުން ގެންދެވީ ވަރަށް ބޮޑަށް ވާދަކުރައްވަމުންނެވެ. ޤަބީލާތަކުގެ ރައީސުންކަމުގައިވާ ޢުތުބާން ބިން މާލިކާއި، ސަޢުދު ބިން އުބާދާއާއި، އަބްދުﷲ ބިން ރަވާޙާ އާއި، ޢައްބާސް ބިން ޢުބާދާއާއި، ޚާރިޖާ ބިން ޒައިދާއި، ޒިޔާދު ބިން ލަބީދާއި،ފަރުވަތު ބިން ޢަމްރާއި، ސައުދުބިން ރަބީޢާއި ސަލީޠުބިން ޤައިސާއި މުންޒިރު ބިން އަމްރާއި އަބޫ ސަލީޠު އަސީރާ ބިން އަބީ ޚާރިޖާ އާ (ރަޟިޔަﷲ އަންހުމް) މިބޭބޭކަލުން ވަކިިވަކީން ކައުސާހިބާގެ އަރިހަށް ވަޑައިގެން އެބޭކަލުންގެ ގެކޮޅުތަކަށް ފައިބައިވަޑައިގަތުން އެދިވަޑައިގެންނެވިއެވެ.
(ނުނިމޭ)