ކޮލަމް

ކޮލަމް ހަޅަ: ރައީސެއް އަނެއްކާ ވެސް ޖަލުގައި! މިނޫން ގޮތެއް ނެތީތަ؟

ހަސަން ހަލީމް

1

މިއީ ޑިމޮކްރަސީ ދޮންވެ ފައްކާ ވުމުގެ އެއް ނިޝާނެވެ؛ އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެކަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި ހުކުމާ ހިސާބުން އެބަ އެނގެ އެވެ. އެކަމަކު އެމަނިކުފާނު ޖަލުގައި އަދި ހޭދަކުރައްވަމުން އެ ގެންދަވާ ދުވަސްތަކަކަކީ، ކުށެއް ސާބިތުވެގެން ހޭދަކުރައްވާ ދުވަސްތަކެއް ނޫނެވެ!

އެކަމަކު ކުރީގެ ރައީސުންގެ ތެރެއިން ކޮންމެ ރައީސަކު، ރައީސްކަން ކުރެއްވުމަށް ފަހު ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ޑިމޮކްރަސީ އޭގެ ޒާތުގައި ފައްކާ ނުވާކަމުގެ ހެއްކެކެވެ. ކޮންމެ ރައީސަކު ޖަލުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމަކީ ދިވެހިން އިތުރަށް ވިސްނަން ޖެހޭ ކަމެކެވެ. ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުގައި ބަހައްޓަން ހުކުމް ކުރުމާ އެކު އެތައް ބަޔަކު އުފާކުރިޔަސް، އެއީ ހަގީގަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި އަޅުގަނޑުމެން އިސްދަށަށް ޖަހާލައިގެން ތިބެން ޖެހޭ ވަރުގެ ކަމެކެވެ.

ރާއްޖެއަށް ޖުމްހޫރިއްޔަތު އައި ފަހުން އަޅުގަނޑުމެން ސީދާ އެ ބޭފުޅަކަށް ވޯޓު ލައިގެން ހަ ރައީސަކު ހޮވައިފީމެވެ. އޭގެ ތެރެއިން ޖުމްހޫރީ ފުރަތަމަ ރައީސް މުހަންމަދު އަމީނަށް ކުރިމަތިވެ ވަޑައިގަތީ، އެކަނިމާއެކަނި ރަށެއްގައި އޮންނަވައި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހިވަޑައިގަތުމެވެ. އެމަނިކުފާނަށް ޖަލަކަށްވީ އެއްވެސް މީހަކު ދިރިނޫޅޭ ކުޑަކުޑަ ފަޅުރަށެއްގައި އޮންނަވަން ޖެހިވަޑައިގަތުމެވެ. އޭގެ ފަހުން ދެވަނަ ޖުމްްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްްރާހިމް ނާސިރު 10 އަހަރު ރައީސްކަން ކުރެއްވުމަށް ފަހު ރާއްޖެއިން ފުރާވަޑައިގަތީ އެނބުރި ވަޑައިނުގަންނަވާ ގޮތުގަ އެވެ. އެމަނިކުފާނު އެނބުރި ވަޑައިގެންފި ނަމަ، ބަރިބަރި އަށް ހުރި ޚިޔާނާތުގެ ކަރުދާސްތައް ހުޅުވާލައިފާނެ ކަމުގެ ބިރު އޮތެވެ. އެހެންވެ ތިރީހަކަށް އަަހަރަށް ފަހު، ރާއްޖެ ވަޑައިނުގެން ސިންގަޕޫރުގައި ހުންނެވުމަށް ފަހު ރާއްޖެ ގެނައީ އެމަނިކުފާނުގެ ފުރާނަ ނެތް މަސްގަނޑެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގަތީ މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު 30 އަހަރު ވެރިކަން ކުރެއްވުމަށް ފަހު ފައިބާ ވަޑައިގެންނެވި އިރު، ޝަރީއަތް ހިންގާވަރުގެ ތުހުމަތުތައް ބައިވަރު ހުއްޓެވެ. އެހެން ނަމަވެސް، އެއިން އެއްވެސް ޝަރީއަތަކާ ކުރިމަތި ލައްވަން ޖެހިވަޑައި ނުގެން، އެމަނިކުފާނުގެ މުސްކުޅި އުމުރުފުޅުގައި މިދިޔަ އަހަރު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. މި ތުހުމަތު ސާބިތު ނުވެ، އެމަނިކުފާނު ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. ރައީސް މައުމޫންގެ ފަހުން ވެރިކަން ކުރެއްވި މުހަންމަދު ނަޝީދަށް ވަނީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެމަނިކުފާނުގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީން މިހާރު ހުންނެވީ ޖަލުގަ އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނުގެ މައްޗަށް ކުރެވޭ އެތައް ތުހުމަތުތަކެއް ހުރީތީ ކުރިއަށް އޮތީ އެމަނިކުފާނަށް ބަނަ ދުވަސްތަކެކެވެ. ޖަލުގައި ހުންނަވާން ޖެހިވަޑައިގަންނަވާނެ މުއްދަތެއް ވެސް ނޭނގެ އެވެ.

ރައީސް ކަމުން ފައިބާ ވަޑައިގެންނެވުމާ ހިސާބުން ކޮންމެ ރައީސަކު ކޯޓު މަރުހަލާއެއް ފުރިހަމަ ކުރައްވަން އެބަ ޖެހިވަޑައިގަންނަވަ އެވެ. ރިޝްވަތުގެ މައްސަލަތަކާއި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތުތައް އެބަ އެޅެ އެވެ. ގާނޫނުތަކާ ހިލާފަށް ކަންކަން ކުރެއްވި ކަމުގެ ތުހުމަތުތައް ވެސް އެބަ ކުރެވެ އެވެ. މިކަން މިހެން މި ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ރައީސަކު މި ދަންްތުރައިން ސަލާމަތް ނުވަނީ ކީއްވެގެން ހެއްޔެވެ؟

އޭގެ އެއް ސަބަބަކީ ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވުމެވެ. އޭގެ އެއް ހެއްކަކީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަމަށް ފަސް އަހަރުވެ، ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގަތް މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، އެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ވެރިކަން ކުރެއްވީ ހުރިހާ ބާރުތަކެއް މުށުތެރޭގައި ބާއްވަވައިގެންނެވެ. ރަނގަޅަށް ހަދާފައި ހުރި ގާނޫނުތައް ބައްޓަން ކުރެއްވީ އެމަނިކުފާނާ ދިމާއަށް އެހެން މީހަކަށް އެއްޗެކޭ ނުބުނެވޭ ވަރަށެވެ. އެހެންވެ، އެ ފަސް އަހަރުގެ ތެރޭގައި ހަމަައެކަނި ވެގެންދިޔަ ގޮތަކީ އެމަނިކުފާނުގެ ބޭރުގަދަވުން އެކަންޏެއް ނޫނެވެ. ގައުމުގެ ކޮރަޕްޝަނާއި ފަސާދަ ވެސް ދިޔައީ އިންތިހާ އަށެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިނގައިދިޔައީ ވެސް އެމަނިކުފާނުގެ ދައުރުގެ ތެރޭގަ އެވެ. އެ ޚިޔާނާތް ހިނގާކަން ދައުލަތުގެ މުއައްސަސާތަކަށް އެނގި ތިބެ ވެސް، އެއްވެސް ބަޔަކު ފިޔަވަޅު އަޅަން ނުކެރި ތިބީ އެވެ. މިއީ ވެރިޔަކަށް އިންތިހާއަށް ބާރުތައް ދިނުމުން ދެން ފެނިގެން ދިޔަ ހިތްދަތި މަންޒަރެކެވެ. ދައުލަތުގެ މުއައްސަސާތައް "ވާވެފައި" އޮތީ އޭގެ ޒާތުގައި ގާނޫނުތަކަކީ ނެތް އެއްޗެއްގެ ގޮތުގަ އެވެ.

ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވަން ވާނެ ފިލާވަޅީ އެ ބޭފުޅަކު ކުރައްވާ ގޯސް ކަމެއް ފަހުން ބެލޭނެ ކަމެވެ. އެ ރައީސެއްގެ ބާރު ހުރި އިރު މައްސަލަތައް ނުބެލިޔަސް، ޖެހިގެން އަންނަ ރައީސް އެ މައްސަލަތައް ބައްލަވާނެ ކަމެވެ! އެ ރައީސްގެ ވެރިކަން ނިމޭ ދުވަހުން އެ ރައީސެއްގެ ފައިލްތައް ރައްޔިތުން ހުޅުވާނެ ކަމެވެ!

ރައީސަކަށް ވިޔަސް، ކުރައްވާފައިވާ ކުށަކާ ގުޅިގެން އުމުރު ދުވަހުގެ ހުކުމެއް އަޔަސް އަޅުގަނޑަކަށް މައްސަލައެއް ނޫނެވެ! އެކަމަކު ރައީސުން މިހާރު ވިސްނަވަންވީ ކަމަކީ ކުށެއްގެ ތުހުމަތުގައި ވިޔަސް ޖަލަށް ވަޑައިގަންނަވަން ޖެހުމާ އެކު ދިވެހި ރައްޔިތުން އެކަމާ ލަދުގަންނަ ކަމެވެ. މުޅި ދުނިޔޭގައި ވެސް ހުރިހާ ރައީސުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ގައުމެއްގެ ރެކޯޑު އަޅުގަނޑުމެން ގާއިމް ކުރަން ވެއްޖެ ނަމަ އެއީ ހުތުރު ކަމެކެވެ.

ޚުދުމުޚުތާރު ނުވާށެވެ! ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް އިހުތިރާމްކުރައްވައިގެން ވެރިކަން ކުރައްވާށެވެ! މުއައްސަސާތަކަށް ބާރު ދެއްވާށެވެ! ޣައިރު ގާނޫނީ އަމުރުތައް ނުކުރައްވާށެވެ! ދިވެހި ރައްޔިތުންގެ ފައިސާ އަށް އަމާނާތްތެރިވާށެވެ! އޭރުން އެއްވެސް ރައީސަކަށް ޖަލު މަރުހަބާއެއް ނުކިޔާނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟