ކޮލަމް

ކެޔޮނިރު: ޓޫރިޒަމް މިނިސްޓަރު ރިސޯޓްތަކަށް ކުރައްވާ "ހިލޭ" ދަތުރުތައް ކޮންޓްރޯލް ކުރުން

މުހައްމަދު ބުޝްރީ

3

ރާއްޖޭގެ މިނިސްޓަރުންގެ ތެރެއިން އެންމެ ބާރުގަދައީ ފޮރިން މިނިސްޓަރު ނުވަތަ ޑިފެންސް މިނިސްޓަރު ކަމަށް ވެސް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް އެންމެ އަވަހަށް މަހުޖަނަކަށް ވެވޭ މިނިސްޓަރު ކަމަކީ ޓޫރިޒަމް މިނިސްޓަރު ކަމެވެ. ދިވެހި ރާއްޖޭގެ ޓުރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ އެކި ބޭފުޅުންނަށް ބަލާއިރު އެ މަޤާމަކީ މަހުޖަނަކަށް ވާން ލިބޭ ރަނުގެ ފުރުސަތެކެވެ. މާޒީގެ ހުރިހާ ޓޫރިޒަމް މިނިސްޓަރުން ކަހަލަ ގޮތަކަށް މި މަޤާމުގެ ބޭނުން ކުރައްވައިގެން މަހުޖަނުންނަށް ވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅެއް މިކަމަކަށް އެއްބަސްވެ ވަޑައެއްނުގަންނަވާނެއެވެ.

މިކަން ހުއްޓުވޭނީ ޓޫރިޒަމް މިނިސްޓަރާއި ރިސޯޓްތަކުގެ ވެރީންނާއި ދެމެދު އޮންނަ އަޑިނޭނގޭ ގުޅުން ހުއްޓުވިގެންނެވެ. މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ދެތިން މަސް ދުވަސް ކުރީން މަޤާމާ ހަވާލުވެ ވަޑައިގެންތާ ކުރީކޮޅު ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓަކަށް ވަޑައިގެން އެރަށުގެ ޕްރެޒިޑެންޝަލް ސޫޓްގައި ހުންނެވުމަށް ފަހު، އެރަށުގެ ކަނޑުއަޑީގެ ރެސްޓޯރެންޓުން ފަރިއްކުޅުއްވައިގެން، މިއީ ދުނިޔެމަތީގެ ސުވަރުގެއޭ ވިދާޅުވެ ޓްވީޓް ކުރެއްވިއެވެ. އެއޮތީ ރިސޯރޓް ވެރިމީހާއާ މިނިސްޓަރާ ދެމެދު ބްރިޖް އެޅިފައެވެ. ދެން މިނިސްޓަރާއި މިނިސްޓަރުގެ އާއިލާއަށް ނުވަތަ މިނިސްޓަރު ވިދާލުވާ ކޮންމެ ރަހްމަތްތެރިއަކަށްވެސް އެރިސޯޓަށް ހިލޭ ދެވޭނެއެވެ. އަދި އެފަދަ ރިސޯޓަކީ ސޮނޭވާ ނުވަތަ ޖުމެއިރާ ފަދަ ބައިނަލްއަގުވާމީ ހޮޓެލް ޗެއިނެއް ނަމަ އެ ޗެއިންގެ ދަށުން ބޭރު ގައުމުތަކުގައި ހިންގާ ހޮޓެލް ތަކުގައި ހިލޭ ހުރުމަކީވެސް ޓޫރިޒަމް މިނިސްޓަރަކަށް ވަރަށް ފަސޭހައިން ހަމަޖެހިގެން ދާނެ ކަމެކެވެ. މިއީ ބޭރުފުށުން ފެންނަން ނުހުންނަ އެހެނަސް އެތެރެ ފުށުގެ ކޮރަޕްޝަނެވެ. މިފަދަ އިއްޒަތެއް ލިބެނީ ކެބިނެޓްގެ ދެން ކޮން މިނިސްޓަރަކަށް ތޯއެވެ؟

ދެއިރު ދެދަޅައަށް ކާ ބޭހެއް ހެން ޓޫރިޒަމް މިނިސްޓަރު ރިސޯޓްތަކަށް ވަޑައިގަންނަވާކަށް ނުޖެހެއެވެ. ރިސޯރޓްތަކާބެހޭ ޤަވާއިދު އެކުލަވައިލުމަށް ފަހު ރިސޯރޓްތަކުން އެޤަވާއިދަށް އަމަލުކުރޭތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީގެ ސުޕަވައިޒަރުން ފޮނުވިދާނެއެވެ. ކޮންމެހެން ވަޑައިގަންނަވަން ޖެހޭ ހާއްސަ ރަސްމިއްޔާތަކަށް މެނުވީ ޓޫރިޒަމް މިނިސްޓަރު ރިސޯޓްތަކަށް ވަޑައިނުގަންނަވާ ގޮތަށް އުސޫލަކާއި ޤަވާއިދެއް ކަނޑައެޅި ފެންނަން އޮންނަން ޖެހެއެވެ. މީގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު ރިސޯޓަކަށް ވަޑައިގަންނަވާނަމަ ސީދާ ރައީސަށް ދަންނަވަން ޖެހޭ ގޮތަށް ވެސް އުސޫލެއް ކަނޑައަޅަން ޖެހެއެވެ.

ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރަކު ނުވަތަ ރިސޯރޓްތަކުގެ ވެރިއަކު މިނިސްޓަރާ ބައްދަލު ކުރައްވާނަމަ އެބޭފުޅުން މިނިސްޓްރީއަށް ވަޑައިގެން ބައްދަލު ކުރެއްވޭނެ ގޮތް މިހާރުވެސް ހަމަޖެހިފައިވެއެވެ. ވީމާ އެބޭފުޅުންނާ ބައްދަލު ކުރައްވަން މިނިސްޓަރު ރިސޯޓުތަކަށް ވަޑައިގަތުމަކީ ކޮރަޕްޝަނަށް ހުޅުވޭ ބިޔަ ބޮޑު ދޮރެއްކަން ޔަޤީނެވެ. އަދި ކޮންމެހެން ވަޑައިގަންނަވަން ޖެހޭ ހާލަތުތަކުގައިވެސް ރިސޯޓް ތަކުގައި މިނިސްޓަރު ރޭ ނުރެއްވުމާއި، ރޭކުރައްވަންޖެހޭ ހާލަތުތަކުގައި އެއިރެއްގައި އޮންނަ ރޭޓަކުން ރިސޯޓަށް ސަރުކާރުން ފައިސާ ދައްކަވާފައި ކޮޓަރިއާއި ފަރީއްކުޅުއްވުމުގެ ހިދުމަތް ހޯއްދަވާ އުސޫލެއް ކަނޑައެޅުމަކީ ވެސް ޓަރާންސްޕޭރެންސީ އިތުރުވެ، ކޮރަޕްޝަން ނައްތައިލުމަށް ފަހި މަގަކަށް ވާނެއެވެ.

ރައީސް ސޯލިހުގެ "ޒީރޯ ޓޮލަރެންސް އޮން ކޮރަޕްޝަން"ގެ ދަށުން މި ފަދަ އުސޫލްތަކަކާއި ޤަވާއިދުތަކެއް ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީއާ މެދު ކަނޑައެޅުމަކީ ނުހަނު މުހިއްމު ކަމެކެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރު ނޫން އެހެން އިސް ވެރީންވެސް ރިސޯޓުތަކަށް ޒިޔާރަތް ކުރައްވާ ގޮތުގެ ރެކޯޑެއް މިނިސްޓްރީގައި ފައިލް ކުރެވިފައި އޮންނާން ޖެހެއެވެ. ފަހުން ކުރެވޭ ތަހުޤީގަކަށް ބަލަން ބޭނުންވިއަސް އެވެނި ދުވަހަކު މިވެނި މުއައްޒަފުންނެއް މިވެނި ރިސޯޓަކަށް ދިޔައީ މިވެނި މަސައްކަތެއް ކުރަންށޭ ނުވަތަ މިވެނި ކަމެއް ސުޕަވައިޒް ކުރަންށޭ ބަޔާންވެ ފެންނަން އޮންނާން ޖެހެއެވެ. މިފަދަ މައުނަވީ ބަދަލު އައިސްގެން މެނުވީ އެމް.އެމް.ޕީ.އާރ.ްސީގެ ބޮޑު ހިޔާނާތް ފަދަ ކޮރަޕްޝަންތަކަށް ނިމުމެއް ނާންނާނެއެވެ.

ޓޫރިޒަމް މިނިސްޓަރު އިރުއިރުކޮޅާ ރިސޯޓުތަކަށް ވަޑައިގަންނަވަން ޖެހޭނަމަ ޓްރޭޑް މިނިސްޓަރުވެސް އިރުއިރުކޮޅާ ސުޕަރ މާކެޓް ތަކަށާއި ފިހާރަތަކަށާއި ރެސްޓޯރެންޓް ތަކަށާއި ޝޮޕިންގް މޯލްތަކަށް ވަޑައިގެން އެތަންތަނުން ހިލޭ ފަރީއްކުޅުއްވައި ހައްދަވަންވީއެވެ. އަދި އިސްލާމިކް މިނިސްޓަރު އިރުއިރުކޮޅާ އެކި ރަށްރަށުގެ މިސްކިތަތަކަށް ވަޑައިގެން އިމާމުވެ ނަމާދުވެސް ކުރައްވަންވީއެވެ. އަދި ހެލްތު މިނިސްޓަރު ހުރިހާ ކްލިނިކްތަކަށާއި ހޮސްޕިޓަލް ތަކަށް ވަޑައިގެން ހިލޭ ބޭސްފަރުވާގެ ހިދުމަތް ހޯއްދަވަންވީއެވެ. ޓޫރިޒަމް މިނިސްޓަރ ރިސޯޓަކަށް ވަޑައިގެން، ދުވާލަކަށް ފަންސާސް ހާސް ދިވެހި ރުފިޔާއަށް ވިއްކާ ޕްރެޒިޑެންޝަލް ސޫޓްގައި ހިލޭ ހުންނަވާފައި، އެ ރިސޯޓުން ހިލޭ ފަރީއްކުޅުއްވުމާއި، ހެލްތު މިނިސްޓަރު މިސާލަކަށް އޭޑީކޭއަށް ވަޑައިގެން ހިލޭ ފުލް މެޑިކަލް އެއް ހެއްދެވުމާ ހުރި ތަފާތަކީ ކޮބައިތޯ އެވެ. އަދި ޓްރޭޑް މިނިސްޓަރު ފެންޓަސީ ސުޕަރމާކެޓަށް ވަޑައިގެން ދެހާސް ރުފިޔާގެ އަގުބޮޑު ގްރޮސަރީ ހިލޭ ގެއަށް ގެންދެވުމާ ހުރި ތަފާތަކީ ކޮބައިތޯއެވެ.

ޓޫރިޒަމް މިނިސްޓްރީ އަކީ ޒަމާނުއްސުރެ ދިވެހި ރާއްޖޭގެ އެންމެ ކޮރަޕްޓް އެއް މިނިސްޓްރީއެވެ. މިކަން ބަދަލު ކުރެވޭނީ ޤަވާއިދުތަކާއި އުސޫލުތަކާއި ފިކުރުވެސް ބަދަލުކޮށްގެންނެވެ. އެމް.އެމް.ޕީ.އާރް.ސީ ގެ ބޮޑު ހިޔާނާތުގެ މައްސަލަ އުފެދުމުގެ އަސްލަކީ އެއްވެސް ހިފެހެއްޓުމެއް ކޮންޓްރޯލެއް ނެތް ގޮތުގައި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ބާރުތައް ދެވިފައި އޮތުމާއި ޤާނޫނުން ބޭރުން އަމަލުތައް ހިންގެވިއިރުވެސް ފިޔަވަޅު އެޅޭފަދަ ނިޒާމެއް ނެތުމެވެ. ނުވަތަ އެފަދަ ނިޒާމެއް އޮތަސް އެއަށް އަމަލު ނުކުރެވި، އެއީ ނަމަކަށް އޮތް ނިޒާމެއް ކަމުގައި ވުމެވެ. ކޮންމެ ބޭފުޅަކު ރައީސަކަށް ހުންނެވިއަސް އަދި ކޮންމެ ބޭފުޅަކު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއަސް ކޮރަޕްޝަން ނުހިނގާނެ ގޮތަށް ޓްރާންސްޕޭރޭންޓްކޮށް، ނިޒާމް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބެން އެބަޖެހެއެވެ.

މި ފަދަ އުސޫލެއް ހަދަނީ ވަކި ވަޒީރަކަށް ނިސްބަތްކޮށެއް ނޫނެވެ. އެކަމަކު މީ އަބަދުވެސް ރާއްޖޭގައި ކަންހިނގާ ގޮތް ކަމަށް ވާތީ، ކޮންމެވެސް އެއް ސަރުކާރަކުން މިކަން ހުއްޓުވަން ނަމޫނާ ދައްކަވަން ޖެހޭތީ އެވެ.

ރިސޯރޓް ހިންގާ ފަރާތްތައް ހާއްސަކޮށް ބޭރުގެ އިންވެސްޓަރުން ބަލާނީ މިނިސްޓަރަށް ދައުވަތު އަރުވައިގެން ރިސޯޓްތަކަށް ގެންގޮސް، އަގުބޮޑު ލަގްޒަރީ ކޮޓަރިތަކުގައި ބަހައްޓައިގެން، ސްޕާތަކުން މަޖާ ހިދުމަތްތައް ދީގެން، އެރިސޯޓްތަކުގެ އަގުބޮޑު ރެސްޓޯރެންޓްތަކުން އަގުބޮޑު ކެއުން ހިލޭ ދީގެން، އަދި މިނިސްޓަރު ބޭނުންފުޅު އެހެން ކަންތައްތައްވެސް ބޭންކް ސްޓޭޓްމެންޓުން ނުފެންނަ ގޮތަށް ހަމަޖައްސައިދީގެން މިނިސްޓަރުގެ ތާއިދު ހޯދުމަށެވެ. އޭގެ ބަދަލެއްގެ ގޮތުން މިނިސްޓްރީ ތެރެއިންނާއި ސީދާ މިނިސްޓަރު ލައްވައި ވެސް އެފަދަ ރިސޯޓްތަކުން އެތައް ކަމެއް އުސޫލުން ބޭރުން ކުރުވާނެއެވެ. މިއީ އެންމެނަށްވެސް އެނގޭ ގޮތަށް މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ކަން ހިނގާ ގޮތެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" އަކީ ހަމައެކަނި ރީތި ޝިއާރަކަށް ނުހަދައި އެއީ ޤައުމުގެ ކުރިއެރުމަށް މައުނަވީ ހެޔޮ ބަދަލެއް ގެންނަ ކަމަކަށް ހެދޭނީ މަތީގައިވާ ފަދަ ބަދަލުތައް ޓޫރިޒަމް މިނިސްޓްރީގެ ޤަވާއިދު ތަކަށާއި އުސޫލުތަކަށް ގެނެވިގެންނެވެ. އަދި ޓޫރިޒަމް މިނިސްޓަރާއި އެމިނިސްޓްރީގެ ވެރީން ރިސޯޓްތަކަށް ކުރައްވާ ދަތުރުފުޅުތަކާއި ބާއްވަވާ ބައްދަލުވުންތައް ސީދާ ރައީސް ވަރަށް ކައިރިން ބައްލަވައި އަދި ކަމާބެހޭ މިނިވަން މުއައްސަސާ ތަކުންވެސް ބަލައިގެންނެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެއްވެސް ސުމާރެއް، ބެލުމެއް، ކޮންޓްރޯލެއް، ޖަވާބުދާރީ ވުމެއް ނެތި ޓޫރިޒަމް މިނިސްޓަރު ރިސޯޓްތަކަށް ކުރައްވާ ދަތުރުތައް ކޮންޓްރޯލްކޮށް، މަދުކޮށް، އުސޫލެއްގެ ދަށަށް ގެނައުމެވެ. މިކަމުގައި ރައީސް ސޯލިހާއި ހުދު ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު އިސް ނަންގަވާނެ ކަމަށް އުއްމީދު ކުރަމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟