އެމްޑީޕީ

އެމްޑީޕީން އިންސާފުގެ ހިނގާލުމެއް ބާއްވަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީން އިންސާފުގެ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން އަބްދުއްލަތީފު ވިދާޅުވީ އިންސާފުގެ ހިނގާލުން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 4:15 ގައި ކަމަށެވެ.

މި ހިނގާލުމުގައި އިސްކޮށް ހުންނަވާނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަފްޝަން ވިދާޅުވިއެވެ. އަފްޝަން ވިދާޅުވި ގޮތުގައި ހިނގާލުން އޮންނާނީ އެމްޑީޕީ ހަރުގެއިން ފެށިގެން މަޖީދީ މަގުގައެވެ.

މީގެ އިތުރުން އަފްޝަން ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން، ރައްޔިތުންނަށް ދިމާވާ ކަންކަން ބެލުމަށްފަހު ވަރަށް ގިނަ ދިރާސާތައް ކޮށްފައިވާ ކަމަށެވެ. އެ ދިރާސާތަކުގެ އަލީގައި ހަދާފައިވާ ގާނޫނުތަކެއް މަޖިލީހަށް ހުށަހަޅައި ދަތިތައް ހައްލުކޮށްދެން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.