ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީއާ އެމްޑީޕީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް ވަރަށް އަވަހަށް ދާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން މިއަދު އެޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން އަބްދުއްލަތީފު ވިދާޅުވީ ދާދި އަވަހަށް އަދާލަތު ޕާޓީއާ މަޝްވަރާކުރުމަށް ފަހު އެއްބަސްވުމެއް އެކުލަވަައިލާނެ ކަމަށެވެ.
އަފްޝަން ވިދާޅުވީ އަދާލަތު ޕާޓީއާއެކު މަޝްވަރާކުރުމާއި މަސައްކަތްކުރުމަކީ އެމްޑީޕީއަށް ވަރަށް ފަސޭހަ ކަމެއް ކަމަށާއި އަދި އަދާލަތު ޕާޓީއަކީ ވަރަށް ރަނގަޅު އޮނިގަނޑެއް އޮތް، ހިންގުންތެރި ޕާޓީއެއް ކަމަށެވެ.
މީގެއިތުރުން އަފްޝާން ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނަގަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާއި ހާއްސަކޮށް ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ވަކި ސިޔާސަތުތަކަކާއެކު ކެމްޕެއިނަށް ނުކުންނަ ޕާޓީއެކެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ނޫނީ ރައްޔިތުން އުންމީދުކުރި ތަރައްގީއާ ކުރިއެރުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.