އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ 776 ސަފުހާގެ ރިޕޯޓު ނެރުމުން އެންމެ ބޮޑު އުފަލެއް ލިބުނީ އެ ޚިޔާނާތުން މިލިއަނުން ފައިސާ ނަގައިގެން މުއްސަނދިވީ މީހުންނަށެވެ. ބޭރު ގައުމުތަކުންނާއި ދިވެހި ގައުމުން ބިމާއި ގެދޮރު ގަނެ ބޮޑެތި މަހުޖަނުންނަށް ވީ މީހުންނަށެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނާއި ދައުލަތުގެ އެކި މަގާމު ތަކުގައި އެކި ވަރުން ތިބި މީހުން ހިމެނެ އެވެ. އޭގެން ބައެއް މީހުން ފުޅާ ކޯލިޝަނުގެ ހަފޮޅުން އެތެރެވެ މި ސަރުކާރު ތެރެއަށް ވެސް ފުރޮޅާލައިފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓުން ގިނަ ބަޔަކަށް ލިބުނީ ނުތަނަވަސްކަމެވެ. އެއީ ހީކުރި އެއްވެސް އެއްޗެއް އޭގެން ނޭނގުނީމައެވެ. ކުރީން އަޑު އިވިފައި އޮތް ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ވެސް މަދު މެންބަރަކު ފިޔަވައި އެހެން އެންމެންގެ ޖީބަށްވެސް ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ގިނަ ވަޒީރުންގެ އަރުތެރޭގައި ވެސް ވަނީ އެ ފައިސާގެ ރަހަ ލައިފައި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ އެ ނޫންވެސް ގިނަ މުއައްސާތަކުގެ ތެރެއަށް ވެސް އެފައިސާގެ ނޫޓުތައް ބަހައި މީހުންގެ ލޯތައް ހުރީ ކަނުކޮށްފަ އެވެ. ހިއްސުތައް ހުރީ ވާކޮށްފަ އެވެ. އެންމެންގެ ލޯމަތީގައި، ރޯމާ ދުވާލު ދިވެހި ދައުލަތް ލޫޓޫވައިލި އިރު މުޅި ގައުމު އަރާމު ނިންޖަކުން ނިދާން އޮތީ އެހެންވެ އެވެ. މީ ގަބޫލުކުރެވޭ ގޮތެވެ. މީހުން ދައްކާ ވާހަކަތަކެވެ.
ރައީސް ސޯލިހު ވިދާޅުވީ ހެޔޮކޮށެވެ. އެހުރިހާ ކަމެއްވީ އިރު ވެސް ރާއްޖޭގެ ހުރިހާ މުއައްސަސާތައް ހުއްޓެވެ. ފުލުހުން ތިއްބެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮތެވެ. އޭސީސީ ވެސް އޮތެވެ. އަދި އެ ނޫންވެސް ގާނޫނީ ބާރު ލިބިގެން ހިންގާ ހުރިހާ މުއައްސަސާތައް ހުއްޓެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ވާހަކަ މުޅި ސޯޝަލް މީޑިއާގައާއި ރަސްމީ މީޑިއާތަކުގައި ގޮވަމުން ދިޔަ އިރު، އެ ހުރިހާ މުއައްސާތަކުން އަޅައި ނުލީ ގަސްދުގަ އެވެ. ބީރު ކަންފަތަކާއި ކަނު ލޮލެއް ދިނީ ސީދާ ނުވަތަ ނުސީދާ ނުފޫޒެއް ނުވަތަ ފައިދާގަނޑެއް އޮތަތީ އެވެ. މީ އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. އެހެން ނޫން ނަމަ މަހަކު އެތައް ހާސް ރުފިޔާއެއް ނަގައިގެން "މިނިވަން މުއައްސަސާ"ތަކުގައި "މިނިވަން މީހުން"ގެ ޓެގް ޖަހައިގެން ތިބޭކަށް ނުޖެހޭނެ އެވެ. އަދި އެތަންތަނުގައި ބައިތިއްބާފައެއް ވެސް ނުތިބޭނެ އެވެ.
ދެން އޮތީ މި މައުޟޫގައި އެންމެ މޮޅު ވާހަކަ އެވެ. އެސްއޯއެފްގެ ވާހަކަ އެވެ. މި އެސްއޯއެފަކީ އެއްވެސް މީހަކު ދަންނަ ތަނަކަށް ނުވެ އެވެ. އަހުމަދު އަދީބުގެ އޭރުގެ އެންމެ ގާތް "އެކުވެރިޔާ"، ރައީސް ޔާމީންވެސް މި ހިލުންގަނޑަށް ފަހު އެއް ފަހަރަކު ވިދާޅުވެފައި އޮންނަނީ އެސްއޯއެފް ކުންފުނި އެނގިވަޑައިގަތީވެސް މި މާ ފަހުން ކަމަށެވެ. އޭސީސީގެ ތަހުގީގު ރިޕޯޓަށް މައުލޫމާތު ދިން އެންމެން ކަހަލަ ގޮތަކަށް ބުނެފައި ވަނީ އެސްއޯއެފްއަކީ އެމީހުން ދަންނަ ތަނެއް ނޫން ކަމަށެވެ. އަޑު އެހި ކަމަކަށް ވެސް ނުވެ އެވެ.
މީހަކު އަޅެ އަޖައިބުވެ އަންތަރީހެއް ނުވާނެ ހެއްޔެވެ؟ ހާހުން ލައްކައިގެން މިލިއަނުން ޑޮލަރު ގަނެގެން އެއަށް އެ ހަދާ އެއްޗެއް ހަދައި ދިވެހީންގެ ޚަޒާނާ ދޮވެލަމުން ދިޔަ އިރު ވެސް އެސްއޯއެފް ނޭނގެނީ ހެއްޔެވެ؟ ނޫނީ އެ ދުވަސްކޮޅު އެކަން ކުރި ބަޔަކު ދުނިޔެ ރަންވެފައި ތިބީ ހެއްޔެވެ؟ ދުނިޔެ ރަންވުމަށް ފަހު ދެން އެވާ އެހެން ގޮތްތައް އިންސާނާއަށް ނޭނގޭނެ ކަމަށް އިހުގެ މީހުން ބުނެ އުޅެއެވެ.
އެސްއޯއެފް ކުންފުނީގެ ވާހަކަތައް ދައްކާއިރު އެތަނަށް ކިޔާން ރަނގަޅު ނަމަކަށް އަޅުގަނޑަށް ފެނުނީ "ޑޮލަރު ބޭންކް އޮފް މޯލްޑިވްސް" އެވެ. ކުރީން އަޑު އަހާ ގޮތުގައި ދައުލަތަށް ޑޮލަރު ބޭނުން ވުމުން އެ އަދަދަށް ބޭންކުތަކުން ޑޮލަރު ނުލިބޭ ނަމަ، ޑޮލަރު ހޯދަނީ ނުވަތަ ގަންނަނީ ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތަކުންނެވެ. އަދި އެ ޑޮލަރު ގަންނަނީ ބޭންކު ރޭޓަށް ވުރެ ތަންކޮޅެއް ބޮޑު އަގުގަ އެވެ. އެގޮތަށް އެންމެ ގިނައިން ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ގަންނަނީ ޓޫރިޒަމް ވިޔަފާރި ކުރާ ކުންފުނިތަކުންނެވެ.
އެކަމަކު ފަހުން މި އެނގުނީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ވިޔަފާރި ކުންފުނިތަކުން ވެސް ޑޮލަރު ގަންނަނީ މި އެސްއޯއެފުން ކަމެވެ. އޭގެ ތެރޭގައި ވިލާ ކުންފުނި، ޗަމްޕާ ކުންފުނި، ޖައުޝާ ކުންފުނި، އަމީން ކޮންސްޓްރަކްޝަން، ރެޑްވޭވް އަދި މެރީޑިއަމް ފަދަ މިރާއްޖޭގައި ދެވަނައެއް ނެތް ވިޔަފާރި ކުންފުނިތައް އެބަ ހިމެނެ އެވެ. އެ ފަދަ ކުންފުނިތަކުން މި އެސްއޯއެފުން ޑޮލަރު ގަނެފައި ހުރީ ސަތޭކައިން ހާހަކުން ނޫނެވެ. ލައްކައިންނާއި މިލިއަނުންނެވެ. އެހެންވީމަ ޓޫރިޒަމް އަދި އެނޫން ވެސް ބޮޑެތި ދިވެހި ކުންފުނިތަކުން ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ވިއްކަނީ މި އެސްއޯއެފުން ގަނެގެން ނޫންބާވައޭވެސް ހިތަށް އަރައެވެ. އެހެނީ މި އެސްއޯއެފަކީ ޑޮލަރު ނިކަން ތިޔާގި ތަނެކެވެ. އެމީހުން ބޭނުންވަނީ ދިވެހި ރުފިޔާ އެވެ. ކޮންމެ ދުވަހަކުމެ އެތައް މިލިއަން ދިވެހި ރުފިޔާއެއް ބޭނުންވެ އެވެ. ކީއްކުރާން ކަމެއް ނޭނގެ އެވެ. ހަމަ ގައިމުވެސް އެސްއޯއެފަކީ މިލިއަނުން މިލިއަނުން ދިވެހި ރުފިޔާ ދުވާލަކު ބޭނުންވާނެ ވިޔަފާރިއެއް ކުރާ ތަނެއް ނޫނެވެ. ފަހަރެއްގައި އެމީހުންގެ ވިޔަފާރިއަކީ އެމްއެމްޕީއާރްސީން އެތަނަށް ވައްދާ އެތައް މިލިއަން ޑޮލަރެއް ރުފިޔާއަށް ހަަދައިގެން ނެރެ މީހުންގެ ނަފުސު ގަތުމުގެ ކަޅު ބާޒާރުގައި ދައުރުކުރުން ކަމަށް ވެދާނެ އެވެ. އޭސީސީގެ ރިޕޯޓުން ނޭނގުނު ނަމަވެސް އެ ރިޕޯޓުގެ ކޮންމެ ފޮޅުވަތަކުން ވެސް އަޅުގަނޑަށް ފެންނަނީ މިގޮތަށެވެ.
އެސްއޯއެފުގެ ގަދަ ތަންކޮޅަކީ، އެމީހުން އެންމެ ޑޮލަރެއް ވެސް ބޭންކު ރޭޓަށް ވުރެ އެންމެ ރުފިޔާއެއް ބޮޑުކޮށް ވެސް ނުވިއްކާ ކަމެވެ. އަޅެ ބުނާނީވެސް ކީކޭހެއްޔެވެ! ކަޅު ބާޒާރަށް ނެރެން ބޭނުންވާ ރުފިޔާގެ ގިނަ ކަމުން ނުއަގުގައި ވެސް ޑޮލަރު ވިއްކާން ޖެހޭ ހާލަތަށް އެސްއޯއެފްގެ ހާލަތު އޮތީ ގޮސްފަ އެވެ. އެހާވެސް ގިނަ ރުފިޔާ އެސްއޯއެފްގެ ވަށައިގެން ތިބި "ވެރީން" ކޮންމެ ދުވަހަކު "ޖަރީމާގެ ދުނިޔެ" ހިންގާން ދައުރުކުރާން ޖެހެ އެވެ. ނުއަގުގައި އެތައް މިލިއަން ރުފިޔާއެއްގެ ޑޮލަރު ކޮންމެ ދުވަހަކު ވިއްކަނީ އެހެންވެ އެވެ. ހަމަ ގައިމުވެސް މި ނޫން އެއްވެސް ސަބަބެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި، އެކަމުގެ ތުހުމަތުގައި އަދީބު ހައްޔަރު ކުރުމާ އެކު ހުރިހާ ކަމެއް ބޮމެއްހެން ގޮވައި، އަދީބުގެ އެ ޒަމާން ނިމުނު އިރު، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އަދީބު އަތުގައި ކަމަށް މަޖިލިސް މެންބަރަކު އަޅުގަނޑު ކައިރީ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ކެބިނެޓުގައި ވެސް މެޖޯރިޓީ އަކީ އަދީބުގެ މީހުން ކަމަށް އެ މެންބަރު ވިދާޅުވި އެވެ. އެދުވަސްވަރު ގައުމު ހިންގަމުން ދިޔަ "ހަވާ ރާއްޖެ" ނިޒާމަށް ވިސްނައިލުމުން މީހަކު ނުބުންޏަސް އަޅުގަނޑަށް އެކަން ނިކަން ސާފެވެ. އަދި ކޮންމެ އަގެއްގައި ވެސް ޑޮލަރު ދޮވެ ދިވެހި ރުފިޔާއަށް ހަދާން ޖެހޭ ސަބަބު ވެސް ސާފެވެ. ސަރުކާރެއްގެ ތެރޭގައި ވަކި ފަރުދަކު އެހެން ސަރުކާރެއް ހިންގާ އިރު ލައްކަ ޑޮލަރު މާރުކުރާން ޖެހޭނެ އެވެ.
އަދީބު ހައްޔަރުކޮށް ޖަލަށްލީ ފަހުން އެއް ދުވަހަކު ސައި މޭޒެއްގައި އެއްކަލަ މަޖިލިސް މެންބަރު ވިދާޅުވި ވާހަކައަކުން އަޅުގަނޑު އަނބުރައި ނުގަތީ ކިރިޔާ އެވެ. "ބްރޯ، މިހާރު ދެން ކަންކަން ވަރަށް ގޯސް. މި މަހު އަދި އެޕާޓްމެންޓް ކުލިވެސް ނުދެއްކޭ. އަހަރުމެންގެ "އޭޓީއެމް" ބަންދު ވީމަ ވާގޮތް." ވާހަކައިގެ ތަފުސީލުން އެނގުނު ގޮތުގައި އެ "އޭޓީއެމް"އަކީ އަދީބެވެ.
ޑޮލަރު އަގު ހެޔޮކޮށް ބޭންކު ރޭޓުން ގަންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެސްޓީއޯ ތެޔޮ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހެޔޮ އަގުގައި މަޖިލިސް މެންބަރުންނަށް ނޫނީ އެ މެންބަރުން ބޭނުންވާ މީހުންނަށް ދިނުމުން އެމީހުން އަތޮޅުތެރޭ ރައްޔިތުން ހަނާވާ ވަރަށް އަގު ބޮޑުކޮށް ވިއްކައިގެން މުއްސަނދިވެފައި، ފަހުން ބުނަނީ އެއީ މަޖިލިސް މެންބަރުންނަށް ވީތީ ސަރުކާރުން ހޯދައިދިން ވިޔަފާރީގެ ހެޔޮ ފުރުސަތެއް ކަމަށެވެ. އެކަމުން އެސްޓީއޯ ވީ ބަނގުރޫޓެވެ. ރައްޔިތުންވީ ހަނައެވެ. މުއްސަނދި ވީ އެކަން ކުރި ބައެކެވެ. ދެން ފައިދާވީ އޭގެން ލިބޭ ފައިދާއިން ކަމިޝަން ގެންގޮސް އެ ހަވާލުކުރާ ކޮންމެވެސް ބަޔަކަށެވެ.
އެސްއޯއެފް ކަންތައްވެސް މި ވަނީ އެހެންނެވެ. އެންމެން ވެސް ގަތީ ޑޮލަރެވެ. ސައްހަ އަދި ރަނގަޅު ގޮތުގަ އެވެ. ރުފިޔާ ދީފަ އެވެ. އެކަމަކު އެތަނުން ޑޮލަރު ގަންނަން ލިބެނީ ވަކި ބަޔަކަށެވެ. ޑޮލަރު ގަންނަން ލިބޭކަން އެނގެނީވެސް ވަކި ބަޔަކަށެވެ. ގަންނާން ވީމަ ގުޅަން ޖެހޭ މީހާވެސް އެނގެނީ ވަކި ބަޔަކަށެވެ. އަދި އެ މީހުން އިއްތިފާގުން ނަމަވެސް ވެފައި މި އޮތީ ސިޔާސީ ވެށީގައި ނަން މަޝްހޫރު މީހުންނަށެވެ. ނޫނީ ނަން މަޝްހޫރު ކުންފުނިތަކަށެވެ. އަސްދަނޑީގައާއި ކަނދުފަތީގައި މަސްއަޅާހެން އޭގެން ގިނަ މީހުންގެ ވަށައިގެން އަދި ކުންފުނިތަކުގެ ވަށައިގެން "ސިޔާސީ މަސް"އަޅާފައި ހުރެ އެވެ. ޑޮލަރު ދޮވެވިގެން އެސްއޯއެފް ތެރެއިން ނިކުންނަ ރުފިޔާއަކީ އެ މަސްއައިނަށް ކާންދޭ އެން ކަމަށް ވެދާނެ އެވެ.
ކޮންމެއަކަސް، އެމްއެމްޕީއާރްސީގެ ރިޕޯޓު ނެރުމުން މިހާރުގެ ބައެއް ސިޔާސީން ވަރަށް ފަޚުރުވެރިވެ ގިރުވާނު ގޮޅަށް ޖަހައި "ކޮބާ މަގޭ ނަމެއް ނެތެއްނު"، "މިހާރު ޔަގީން ވެއްޖެއެއްނު ދޯ!" ފަދަ މޮޅު ބަސްތައް ބުންޏަސް އަޅުގަނޑު ބުނާން އޮތީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ ގޮތުން އޭސީސީން ނެރުނު ރިޕޯޓުން އަސްލު މައްސަލައިގެ އެންމެ 10 ޕަސެންޓުވެސް ނޭނގޭ ކަމަށެވެ. މިލިއަނުން މިލިއަނުން ނުއަގުގައި ދޮވުނުހާ ޑޮލަރުތަކަށް ލިބުނު ދިވެހި ރުފިޔާ ވަން ޖީބުތައް އެއީ މި މައްސަލައިގެ އަނެއް 90 ޕަސެންޓެވެ.
އެސްއޯއެފުން ލައްކައިން ނުވަތަ މިލިއަނުން ޑޮލަރު ގަތް މީހުންވެސް އެ ގަންނާންވީމަ ގުޅާން ޖެހެނީ އަދީބަށް ނުވަތަ އެސްއޯއެފްގެ ޑޮލަރު އެޖެންޓަކަށް ކަމަށް ވާނަމަ، އެއީވެސް މައްސަލައެއް ކަމަށް ގަބޫލުކުރަމެވެ. ސަބަބަކީ ޑޮލަރު ވިއްކުމުގެ ރަސްމީ ހުއްދަ އޮތް ތަނަކުން ޑޮލަރު ގަންނަ ނަމަ، ވަކި މީހަކަށް ގުޅައިގެން އެކަން ކުރާން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. އަދި ރާއްޖޭގެ އެންމެ ނަން މަޝްހޫރު ބޮޑެތި ވިޔަފާރިތަކުންނާއި ދިވެހި ދައުލަތުގެ ކުންފުނިތަކުން ވެސް ލައްކައިން ނޫނީ މިލިއަނުން ޑޮލަރު ގަނެފައިވާ އިރު، އެއީ ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ތަނެއްތޯ ވެސް ބަލާން ޖެހޭނެ އެވެ. އެއްކަލަ އެސްއޯއެފް ނޭނގި ވަކި ފަރުދެއްގެ އަތުން ޑޮލަރު ގަންނަ ނަމަ އެއްވެސް ވިޔަފާރިއެއް ނުކުރާ މީހަކަށް ބޭންކު ރޭޓުން ވިއްކަން މިލިއަނުން ޑޮލަރު ނުލިބޭނެކަން ވެސް އެނގެން ޖެހޭނެ އެވެ. ނުވަތަ އެނގޭނެ އެވެ. އަދި އެހެން އެކަން ކުރެވޭނީ ނުރަނގަޅު ކަންތައްގަނޑެއް އޭގެ އަޑީގައި އޮވެގެންކަން ވެސް އެނގޭނެ އެވެ. ސަބަބަކީ ބޭންކުތަކުން ދުވާލަކަށް ޑޮލަރު ވިއްކަނީ ވަކި ވަރަކަށެވެ. އޭގެން އޮންނަނީ ބަލި މީހަކަށް އެންމެ ޑޮލަރެއް ވެސް ލައްވައި ނުލައިފަ އެވެ. އެހެން އޮއްވައި ބޭންކު ރޭޓުން ވިއްކަން އަދީބަށް ނޫނީ އެސްއޯއެފްގެ އެޖެންޓުންގެ ތެރޭގައި ހިމެނޭ މީހަކަށް މިލިއަނުން ޑޮލަރު ލިބޭ ނަމަ އެއީ ސައްހަ ގޮތުގައި ކުރެވޭ މުއާމަލާތެއް ނޫންކަން ޑޮލަރު ގަނެފައި ހުރި ފަރާތްތަކަށް އެނގޭނެ އެވެ. ލިސްޓުގައި ހުރީ އެވަރު އެނގޭނެ މީހުންނާއި ކުންފުނިތަކުގެ ނަންތަކެވެ.
އެސްއޯއެފަކީ ހަމަ އަޖައިބެކެވެ. އެއްވެސް މީހަކު ދަންނަ ތަނެއް ނޫނެވެ. އެތަނާ މީހަކާ ގުޅުމެއް ވެސް ނެތެވެ. އެތަނުގެ ނަން ރައީސް ޔާމީންވެސް އެއްސެވީ ޚިޔާނާތުގެ ކަންތައްގަނޑަށްވުރެ މާފަހުންނެވެ. އޭސީސީގެ ރިޕޯޓުން އެނގޭ ގޮތުގައި ދެންވެސް ޑޮލަރު ގަނެފައި ހުރި ގިނަ މީހުންނަކަށް އެ މުއާމަލާތް ކުރެވެނީ ކޮން ތަނަކާ ކަމެއް ނޭނގެ އެވެ. ދެން ހަމަ މީހަކު ބުނީތީ ކޮންމެވެސް ނަމެއްގައި އެތައް މިލިއަން ރުފިޔާއެއް ދީފައި ނޫނީ ފަހުން ދޭ ގޮތަށް ނަމަވެސް މިލިއަނުން ޑޮލަރު ގަނެލަނީ އެވެ. އެސްއޯއެފް ނޭނގޭ މީހުން ރުފިޔާ ޗެކު ހެދީ އެސްއޯއެފްގެ ނަމުގައި ކަމަށް ވެސް ވެދާނެ އެވެ. އަދި އެމީހުން ގަން ޑޮލަރު ލިބުނީ އެސްއޯއެފް ޗެކަކުން ކަމަށް ވެސް ވެދާނެ އެވެ. މީ ހައްތާވެސް ނޭނގޭ އަދި ނުދަންނަ ކަންކަމެވެ. އެކަކުވެސް މީން އެއްވެސް ކަމެއް ނުދެނެހުއްޓެވެ. ނަމުގައި އެންމެންވެސް ކޮށްގެން މި އުޅެނީ ހުދު ބޯކިރުކޮޅެއް ފަދަ ސާފު ޑޮލަރުގެ މުއާމަލާތްތަކެވެ. އޭގެ ތެރެއިން ހުސްވީ ދިވެހި ދައުލަތުގެ ޚަޒާނާ އެވެ.
އެހެންވީމާ އެސްއޯއެފް މި ވީ ވަކި ބަޔަކަށް "ޑޮލަރު ބޭންކް އޮފް މޯލްޑިވްސް"އަށް ނޫން ހެއްޔެވެ؟