ހަ ސަތޭކަ އަކަފޫޓު ހަމަނުވާ ތަންކޮޅަކުން 100އަށް ވުރެ ގިނަ ބިދޭސީން އުފުރާލައިގެން، އޭގެ ތެރެއިން ފަސްދޮޅަހަކަށް މީހުން ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނުމާ އެކު އަޅުގަނޑުގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ހިތަށް އެރީ، މިއޮތީ ވާ ކަމެކޭ އެވެ. މުޅި މާލޭގައި ސާޗް އޮޕަރޭޝަނެއް ޖައްސައިފި ނަމަ ކިހާވަރެއް ވެދާނެ ބާއޭ އަޅުގަނޑުގެ ހިތަށް އެރި އެވެ.
މިއީ އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ކަމެއް ނޫނެވެ. މިއީ މީހަކަށް ނޭނގޭ ވާހަކަތަކެއް ވެސް ނޫނެވެ. ރާއްޖޭގައި ބިދޭސީންގެ ކަންކަން ބޮއްސުންލައިފައިވާ ކަމާއި ބިދޭސީންގެ މައްސަލަ ހައްދުން ނައްޓާފައިވާ ކަން އެއީ އެންމެންނަށް އެނގޭ ސިއްރެކެވެ. އެކަން އެހެން އެވީ ކީއްވެގެން ކަން ވެސް ހަމަ ރަނގަޅަށް އެންމެންނަށް، އަދި ސަރުކާރަށް ވެސް އެނގެ އެވެ. އެކަމަކު ގައުމީ ސަލާމަތަށް ފާޅުގައި ނުރައްކަލެއް ކުރިމަތި ވެފައި ނުވާތީ އާއި ސިޔާސީ ގޮތުން މާ ބޮޑު ޕްރެޝަރެއް ނެތީތީ އެންމެން ވެސް އަޅައިނުލައި ތިބެނީ އެވެ. އެކަމަކު، މި މައްސަލަ "ނިއުކުލިއާ ބޮމެއް"ހެން ގޮވާ ދުވަހު އެންމެން ވެސް ހަޅޭއްލަވާނީ ސަރުކާރާ ދިމާއަށެވެ! އެހެންވެ އޭގެ ކުރިން ފިޔަވަޅު އަޅަން ޖެހެ އެވެ.
ސަރުކާރުން މި މައްސަލައަށް ސީރިއަސް ފިޔަވަޅުތަކެއް އަނެއްކާ ވެސް އަޅައިފި އެވެ. އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބިދޭސީންގެ ކޯޓާ ދިނުމާއި ފީތައް ބަލައިގަތުމުގެ ހުރިހާ ބާރެއް ހޯމަ ދުވަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެހެންވެ، އިމިގްރޭޝަންގެ ތެރެއިން ހިންގަމުން އައި ކަމަށް ބުނާ ކޮރަޕްޝަން ނިމުމަކަށް އައީ ކަމަށް ބެލެވިދާނެ އެވެ. ގައިމު ވެސް އެއް ކަމެއް ޔަގީނެވެ. އެއީ ބިދޭސީން ގެނައުމުގައި އިމިގްރޭޝަންގެ ތެރެއިން އެތާނގެ ބައެއް މުވައްޒަފުން ނަގަމުން އައި ކަޓްތައް ނެގުން ނިމުމަކަށް އައީ އެވެ.
އެކަމަކު ޔަގީން ނުވާ ކަންކަން ވެސް އެބަ ހުއްޓެވެ! އެއީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން މި ވިޔަފާރީގެ ތެރޭގައި ޣަރަގުވެގެން ނުދާނެބާއޭ އެވެ! ބިދޭސީން އެތެރެކުރުމާއި އެ މީހުންގެ ކޯޓާ ވިއްކުމަކީ މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވެފައިވާ ކަމަކަށް ވާތީ، އަދި ސަރުކާރުގެ ތެރޭގައި އިންތިހާ އަށް ކޮރަޕްޝަން އޮތީތީ މިއީ ހަމަ ކުރެވިދާނެ ސުވާލެކެވެ.
މި މަސައްކަތުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބިދޭސީންގެ މައްސަލަތައް ހައްލު ކުރެވޭނެ އޮތީ އެންމެ ފަންޑިތަ އެކެވެ. އެއީ ސިފައިންނާ މިކަން ހަވާލުކުރުމެވެ. މިކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ދިއުމަކުން މި މައްސަލައަށް ނިމުމެއް، ހައްލެއް އައީ ކަމަކަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. އެކަމަކު ސިފައިންނަށް ކުރާ އިތުބާރާއި ރާއްޖޭގެ ކޮރަޕްޝަން އިންޑެކްސްގައި ސިފައިންގެ ނަން ލިޔެވިފައި ނުވާތީ، އަދި ހަމައެހެންމެ މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމަކަށް ވެސް ވާތީ މިކަން ކުރަން ހަވާލު ކުރުން އެންމެ އައުލާކަން ބޮޑީ ސިފައިންނާ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. ކޯޓާ ދިނުމާއި ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީން ހޯދުމާއި އެ މީހުން ފޮނުވަލުމުގެ ހުރިހާ ޒިންމާއެއް ސިފައިންގެ ހާއްސަ ބަޔަކާ ހަވާލުކޮށްފި ނަމަ މިކަން އިސާހިތަކު ނިމިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. ފައިސާ ނެގުމާއި ފައިސާގެ ހުރިހާ މުއާމަލާތްތައް މީރާގެ ދަށަށް ބަދަލު ކުރުމަކީ ސިފައިންނާ ހަވާލުކުރާ އިރު ކުރެވިދާނެ ކަމެކެވެ.
މި މައްސަލަ ހައްލުކުރުން ސިފައިންނާ ހަވާލުކުރާން ޖެހޭ ސަބަބަކީ ބިދޭސީންގެ ކަންކަން އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވާ ހިސާބަށް ކަންކަން ގޮސްފައި ވާތީ އެވެ. މި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދެއް އެނގޭނެ މީހަކު، އެނގޭނެ މުއައްސާއެއް ވެސް ނެތީތީ އެވެ. ބިދޭސީން ބައިވެރިގެން ހިންގަމުންދާ ކުށްތައް އާދަޔާ ޚިލާފަށް ގިނަވަމުން ދާތީ އެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތައް ވެސް ހިމެނޭތީ އެވެ. އެންމެ ފަހުން މިހާރު ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައާއި މުޒާހަރާތަކުގައި ދިވެހީންގެ ގޮތުގައި ނަފުސު ބަދަލުކޮށްގެން ބޭނުންކުރާ ޓޫލަކަށް ވެސް ބިދޭސީން ވެފައި ވާތީ އެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރަން އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކޮށްފި އެވެ. އެކަމަކު އެކަންވީ ނާކާމިޔާބެވެ. ނަތީޖާ އަކީ މުޅި ދުނިޔޭގައި ވެސް ބިދޭސީންނަށް އެއްވެސް ހަމައެއް، އުސޫލެއް، ގާނޫނެއް ވެސް ނުހިނގާ ބަޔަކު އުޅޭ ގައުމަކަށް ރާއްޖެ ވެގެން ދިއުމެވެ. ރާއްޖެ އެތެރެވުމަށް ފަހު ބިދޭސީ މަސައްކަތު މީހުން އެ މީހުންގެ ޕާސްޕޯޓް އެއްލާލައި ނުވަތަ ގެއްލުވާލައިގެން އެއްވެސް ރަސްމީ ޑޮކިއުމެންޓެއް ނެތި އުޅޭނެހާ ގޮތަކަށް އުޅުމުގެ ފުރުސަތު އޮތް ގައުމަކަށް ރާއްޖެ ވެގެން ދިއުމެވެ. އެކަމާ އަޅާލާ ރަސްމީ އެއްވެސް ބަޔަކު ނެތް ކަމެވެ. އަނެއް ހަގީގަތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެ ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް އެ މީހުންގެ އަތްދަށަށް މަޑުމަޑުން ބަދަލުވާން ފެށި ކަމެވެ. ބޮޑެތި ކޮންޓްރެކްޓްތައް އެ މީހުންނަށް ލިބި، އިގްތިސާދީ އަދި އިޖުތިމާއީ ބޮޑު ބަވާއަކަށް މިކަން ބަދަލުވެއްޖެ ކަމެވެ. ދެން މިކަން ހައްލު ނުކުރެވޭހާ އުނދަގޫ ވެސް ވެއްޖެ ކަމެވެ.
ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަކީ ވަގުތުން ވަގުތަށް ކުރަން ވެއްޖެ ކަމެކެވެ. އެކަމަކު މިކަން ކުރެވިދާނެތޯ މިއީ އެންމެން ވެސް އުފައްދާ ސުވާލެވެ. އެ މީހުން އަތުލައިގަންނަން ވެގެން އެންމެ ދުވަހަކު އޮޕަރޭޝަން ހިންގުމަށް ފަހު، ދެން އޭގެ ފަހުން ހަބަރެއް ނުވި އެވެ. މިއީ ކޮންމެ ފަހަރަކު ވެސް އެކަން ވާ ގޮތެވެ. އޭގެ ބަދަލުގައި މިހާރު ބޭނުން ވަނީ އެކަން ވަރުގަދަކޮށް ކުރެވޭނެ ވަރުގެ ނިޒާމީ ރަނގަޅު ބަދަލެކެވެ. އެކަން ކުރެވެން ދެން އޮތީ އެންމެ ފަހު މަރުހަލާގަ އެވެ! އެއީ ސިފައިން ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.