އެމްޑީޕީ

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން އެޕާޓީން އަންގައިފި

ޝަހީދާ އަބްދުﷲ ސައީދު

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން އެޕާޓީން އަންގައިފިއެވެ.

އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަތީފު ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ޖެހޭ ފޯމެޓް ކެންޑިޑޭޓުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 8:00ގެ ކުރީން މާލީ ބަޔާން ހުށަހަޅަން ކެންޑިޑޭޓުންނަށް އަންގާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝާން ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން އެންގީ، ކެނޑިޑޭޓުންނާ މެދު މިހާރު އޮތް ވަރަށް ވުރެ ވެސް އިތުބާރު ބޮޑު ކުރުމަށާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ކެމްޕެއިންގެ ހުރިހާ މަސައްކަތަކާއި ކެންޑިޑޭޓުންގެ ހުރިހާ ކަމެއް ވީހާވެސް ދެފުށް ފެންނަ ސީދާ ގޮތަށް އާންމުންނަށް ހާމަ ކުރުމަށް ކަމަށް އަފްޝަން ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރަން މިހާރު ވަނީ ނިންމާފައެވެ.