ކޮލަމް

އަޅުގަނޑުގެ ޕްރޮފެސަރު ބުނިހެން ގައުމު ތަރައްގީ ކުރުން!

މުހައްމަދު ބުޝްރީ

4

މީގެ އަހަރުތަކެއް ކުރިއެވެ. އަޅުގަނޑު ޕޯސްޓް ގްރެޖުއޭޓް ކޯހެއްގައި ޔުނިވަރސިޓީ އޮފް މޯލްޓާގައި ކިޔަވަމުން ދިޔަ ދުވަސް ވަރެވެ. ކޯހުގެ މައުލޫ އަކީ "އެޑިއުކޭޝަނަލް މެނޭޖްމެންޓް އިން ސްމޯލް ސްޓޭޓްސް" އެވެ. އެއްދުވަހެއްގެ ލެކްޗަރުގެ ތެރެއިން ޕްރޮފެސަރު ސުވާލެއް ކުރިއެވެ. ކުޑަ ގައުމެއްގެ އިގްތިސޯދަށް އެންމެ މުހިއްމު ކަމަކީ ކޮބައިތޯއެވެ. އަޅުގަނޑު އަތްމައްޗަށް ނަގާފައި ޖަވާބު ދިނީމެވެ. ކުޑަ ގައުމެއްގެ އިގްތިސޯދަށް އެންމެ މުހިއްމީ އެގައުމަކަށް ހިލޭ އެހީގެ ގޮތުގައާއި ލުއި ލޯނުގެ ގޮތުގައި އެހީތެރިވާނެ ބޮޑެތި ގައުމުތަކެއް އޮތުން ކަމުގައި އަޅުގަނޑު ބުނީމެވެ.

ޕްރޮފެސަރު ވަރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ: "ކުދި ގިނަ ގައުމުތައް ތަރައްގީ ނުވާ އެންމެ ބޮޑު އެއް ސަބަބަކީ ތިގޮތަށް ވިސްނުން ބެހެއްޓުން" އެވެ! އެދުވަހު ޕްރޮފެސަރު ބުނި ގޮތުގައި ގައުމު ކިތައްމެ ކުޑަޔަސް ތަރައްގީ ވާނީ އަމިއްލަ ފައި މައްޗަށް ތެދުވެ، އަމިއްލަ ވަންތަ ކަމާ އެކު، އަމިއްލަ މަސައްކަތުން ކުރިއަށް ދާން މަސައްކަތް ކޮށްގެންނެވެ. އަވަށްޓެރި ބޮޑެތި ގައުމުތަކުން ދިއްކޮށްލާ ހައިރާތަށް ބަރޯސާ ނުވެ ކުރިއަށް ގޮސްގެންނެވެ. ހެޔޮއެދޭ ގައުމުތަކުން ދޭ ހުރިހާ އެހީ އަކީ ގޯސް އެހީއެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަފަހަރު އެފަދަ އެހީ ތަކުގެ ފަހަތުގައި ފޮރުވިފައިވާ ދެފުއްކެހެރި ކަމާއި އަމިއްލަ އެދުން އެކުލެވިފައި ވުމަކީ ވަރަށް ކައިރި ކަމެކެވެ.

އަމިއްލަ ބުރަ މަސައްކަތުން، އެހެން ބިޔަ ގައުމެއްގެ ނުފޫޒު ތިމާމެންގެ ގައުމަށް ފޯރިޔަނުދީ ތަރައްގީ ވެފައިވާ އެންމެ މަޝްހޫރު ކުޑަ ގައުމަކީ ސިންގަޕޫރެވެ. ސިންގަޕޫރަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަން ޗައިނާއިންނާއި މެލޭޝިޔާއިން ކުރި، އަދި ކުރަމުންދާ ގިނަ މަސައްކަތްތަކުގެ މަޅީގައި ނުޖެހި، ވަރަށް ހިކުމަތްތެރިކަމާއި އެކު އެގައުމު ގެނެސް ދުނިޔޭގެ ކުރިއަރައި ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ލާފައިވަނީ ލީކުއާންޔޫ ފަދަ ވަރުގަދަ، ލީޑަރުންގެ ހިކުމަތު އަމަލީ އިންނެވެ.

މިއަދު މިދިވެހި ގައުމުން މިފެންނަ ގިނަ ސިޔާސީ ލީޑަރުންގެ ކިބައިގައި އެފަދަ ހިކުމަތުއަމަލީ ހުރިތަނެއް ނުފެނެއެވެ. ދިވެހީންގެ ގިނަ ބަޔަކަށް މިއަދު މިގައުމަކީ އެއްވެސް އާރެއް ބާރެއް ނެތް، ނިކަމެތި ތަނެއްގެ ގޮތުގައި ސިފަ ވެއްޖެއެވެ. އަވަށްޓެރި އިންޑިއާއިން އާދައިގެ ދެހެލިކޮޕްޓަރު ދީފައި، އެ ދެހެލިކޮޕްޓަރު ބަލަހައްޓަންށޭ ކިޔާފައި އިންޑިއާގެ 60 ސިފައިން ބޭތިއްބުމުން ދިވެހީންގެ ގިނަ ބަޔަކާއި ދިވެހި ސަރުކާރު މިތިބީ ހެވިދިލިފައެވެ. އިތުރު ޑޯނިއަރ މަތިންދާ ބޯޓަކާއި، އެބޯޓު ބަލަހައްޓާނެ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމުގެ ހުއްދަ ދޭންވެސް ދިވެހި ސަރުކާރާއި ދިވެހީންގެ ގިނަ ބަޔަކު ތައްޔާރެވެ. އިންޑިއާގެ މާސިންގާ ރާޑަރ ސިސްޓަމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓަންވެސް ދިވެހި ސަރުކާރު އޮތީ އާންބަސް ބުނާގޮތަށެވެ،

ދިވެހި ގައުމުގެ ދިފާއީ ވަޒީރު ދާދިފަހުންވަނީ މިގައުމުގެ އަގު ވެއްޔާ މޮޑެވޭފަދަ ދަށުދަރަޖައިގެ ވާހަކައެއް އިންޑިއާގެ ޓީވީސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުން ބޭނުންނަމަ ދިވެހިރާއްޖެއަށް އަރައި ދިވެހި ގައުމު ހިފައި އަޅުވެތި ކުރުމަކީ އިންޑިއާއަށް ނުހަނު ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް އިންޑިއާއިން އެކަން އެގޮތަށް ނުކުރާތީ ދިވެހީން އިންޑިއާއަށް ޝުކުރުވެރި ވާންޖެހޭނެ ކަމަށް ދޭހަވާ ގޮތަށް މާރިޔާ ދީދީ ވާހަކަ ދެއްކެވިއެވެ.

އެމް.އެން.ޑީ.އެފް ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވެފައިވަނީ އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމުން އިންޑިއާއަށް ހުރި ފައިދާއެއް ނެތެވެ. ހުރިހާ ވެސް ފައިދާއެއް ހުރީ ދިވެހީންނަށެވެ. އިންޑިއާގެ ރާޑަރު ސިސްޓަމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓުމުންވެސް ފައިދާ ވާނީ ރާއްޖެއަށް ކަމަށާއި އަދި ޑޯނިއަރ މަތިންދާ ބޯޓެއް އިންޑިއާއިން މިތަނުގައި ބޭއްވިއަސް ފައިދާވާނި ދިވެހީންނަށް ކަމަށް ވިދާޅުވިއެވެ. މިއީ ދުނިޔެއަށް ލޯހުޅުވިފައިވާ އެއްވެސް އިންސާނަކު ގަބޫލުކުރާނެ ޒާތުގެ ވާހަކައެއް ނޫނެވެ. އިންޑިއާއިން ދިވެހީންނަށް އެހާވަރަކުން އެހީވާން ބޭނުންނަމަ އެންމެ ފުރަތަމަވެސް އެއްބަސްވި ގޮތަށް އެ ދެ ހެލިކޮޕްޓަރ ދުއްވަން ދިވެހި ސިފައިން ތަމްރީނު ކޮށްފަ ދިވެހި ސިފައިންނާ އެތަކެތި ހަވާލު ކުރުމުން ނިމުނީއެވެ.

ނަމަވެސް، އޭގެ ބަދަލުގައި އެއިން ހެލިކޮޕްޓަރެއް އުދުއްސުން ކީއްކުރަން އެއިން އެއްޗެއްގައި ބީހިލުމުގެ ހުއްދަވެސް ދިވެހި ސިފައިންނަކަށް ނޯވެއެވެ. އިންޑިއާގެ ހެލިކޮޕްޓަރުން ދިވެހި ބަލިމީހުން އުފުލަނީއޭ ކިޔައިގެން މާރިޔާއާއި ޝަމާލް ޓްވީޓް ކޮށް، އިންޑިއާ ޕްރޮމޯޓް ކުރުމުން ދިވެހީންގެ ނާޒުކުކަން ހިތަށް އަރައި ދެރަވެސް ވެއެވެ. ދިވެހި ގައުމުގެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯރސް އެހެން ގައުމެއްގެ މިލިޓަރީ ޕްރޮމޯޓް ކުރުމުން ދިވެހީންގެ ހުރި ނާޒުކުކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. މިއީ ތުއްތު ކުއްޖެއްގެ އަމިއްލަ މަންމަ އެތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރަން އުޅޭ ފިރިހެނަކާ އެ މަންމަ ހިތާ ވެގެން، އެ ތުއްތު ކުއްޖާގެ ދިފާއުގައި ވާހަކަދެއްކުމުގެ ބަދަލުގައި، ޖިންސީ ގޯނާ ކުރަން އުޅޭ މީހާގެ ދިފާއުގައި ވާހަކަދެއްކުން ކަހަލަ ކަމެކެވެ.

މި ދިވެހި ގައުމު ދިފާއު ކުރުމުގެ ޒިއްމާ ހަވާލުކޮށްފައި ތިބި އެންމެ އިސް ދެމީހުން މިވަނީ މިގައުމު އަޅުވެތި ކުރުމުގެ ސިއްރު ޕްލޭނެއް ގެންގުޅޭކަމަށް ޝައްކު ކުރެވޭ އަވަށްޓެރި ގައުމެއްގެ ދިފާއުގައި ތެދުވެފައެވެ. މާރިޔާ އާއި ޝަމާލްއަކީ އިންޑިއާ ސިފައިންގެ ދެމީހުން ފަދައެވެ.

ދެން ހުންނެވީ އަޅުގަނޑުމެން ނުހަނު އުއްމީދާ އެކު ވޯޓުން ހޮވި ރައީސް ސޯލިހެވެ. މާ ހިކުމަތްތެރި ބޭފުޅެކެވެ. ހިކުމަތްތެރި ވީވީނުން ގައުމުގެ ރައްޔިތުން މިހާރު އެންމެ ކަންބޮޑުވާ ދެމައްސަލާގައި އެއްވެސް މައުނަވީ އެއްޗެއް ވިދާޅެއްނުވެއެވެ. އިންޑިއާއަކީ ރާއްޖޭގެ ގާތް އަވަށްޓެރިއެއް ކަމަށާއި އިންޑިއާއިން ރާއްޖެއަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއަސް ދިވެހީންގެ ގިނަ ބައެއްގެ ހިތުގައި އިންޑިއާގެ އަމަލުތަކާ މެދު އުފެދިފައިވާ ޝައްކާއި ވަހުމުގެ ސުވާލު ތަކަށް ޖަވާބެއް ނުލިބެއެވެ. އިންޑިއާ ބޭނުންނަމަ ދިވެހި ގައުމު ހިފިދާނެކަމަށް މާރިޔާ ވިދާޅުވުމުން ވަރަށް ގިނަބަޔަކު އެ ކަމާ ނުތަނަވަސް ވެގެން އުޅޭއިރު، އަދި ނޫސް ތަކާއި ސޯޝަލް މީޑިއާގައި އެންމެ ހޫނު މައުލޫއަކަށް މިވާހަކަ ވެގެން އުޅޭއިރުވެސް ހިކުމަތްތެރި ރައީސް ހަމަ ޗުއްޕެކޭވެސް ވިދާޅެއް ނުވެއެވެ.

"ހިތްތަކުގެ ރައީސް" އަކީވެސް ދުނިޔޭގަލެއްވި ހުރިހާ ކަމަކަށް ބަސް ވިދާޅުވާ "ތިމާވެށީގެ ރައީސް" އެވެ. ނަމަވެސް މާރިޔާ މިދެއްކެވި ފެންވަރު ދަށް ވާހަކައަށްް ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާއި، ހުދު މާރިޔާ ދީދީ ވެސް މިހާރު އެތިއްބެވީ މި "މީޑިއާގެ ތޫފާން" މައިތިރި ވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް ދިވެހި ގައުމާއި އިސްލާމް ދީންދެކެ ލޯބިވާ އެންމެ ދަރިއެއްގެ ހަށިގަނޑުގަ އެންމެ ނޭވާއެއް ހުއްޓާވެސް މި ވާހަކަ ނުހުއްޓޭނެކަން ކަށަވަރެވެ. ވަﷲ! މިއީ ޒާތީ ކަމެއް ނޫނެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ވެރިކަން ހޯދައިދޭން، މިހާރުގެ ސަރުކާރު ބަލިކަށި ކުރަން ދައްކާ ވާހަކައެއްވެސް ނޫނެވެ.

ރައީސް ނަޝީދަށްވެސް ވަރަށް ރިވެތި ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ދިވެހީންގެ ޝުއޫރުތަކަށް ވިސްނެވުމެއް ނެތި ހިތުހުރި ވާހަކައެއް ދައްކަވަމުން އިންޑިއާގެ އުގަށް ދިވެހި ގައުމު ވައްޓަމުން ވެރިކަން ކުރައްވަން ފެއްޓެވުމުން ދިވެހީން ނިކުމެ އެވެރިކަން ބަދަލު ކުރީއެވެ. ރައީސް ސޯލިހަށް މިހާރު ލިބިވަޑައިގެންފައިވަނީ ނަޝީދަށް ލިބިވަޑައިގަތް ވަރަށްވުރެެވެސް ރިވެތި ވެރިކަމެއް ކުރެއްވުމުގެ ފުރުސަތެވެ. ނަމަވެސް ނަޝީދުގެ ބަހަށް ހެއްލި ވަޑައިގެން، މާރިޔާ އާއި ޝާހިދުފަދަ ފަރާތްތައް ލައިގެން ދިވެހި ގައުމު ވަކި ބައްޓަމަކަށް ކޮށައި މަށަން ތިކުރައްވާ މަސައްކަތަކީ އާޚިރުގައި ރައީސް ސޯލިހުގެ ވެރިކަން ވެއްޓުމުގެ ފެށުން ކަމަށް ވެސް ވެދާނެއެވެ!

އިންޑިއާގެ މައްސަލަތައް ނަގައިގެން އަޅުގަނޑު މިގޮތަށް ތަކުރާރު ކޮށް، ތަކުރާރުކޮށް ލިޔުމުން ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އަޅުގަނޑަކީ ރައީސް ޔާމީން ނުވަތަ މަޖުލިސްގެ ރައީސް ގާސިމް އިބްރާހީމަށް ވެރިކަން ހޯދައި ދިނުމަށް، އެބޭފުޅުން އަތުން މަންފާ ހޯދައިގެން މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް މާތްﷲ ގަންދީ ހުވާކޮށްފައި، އަޅުގަނޑު ދިވެހި ގައުމުގެ ހައްގުގައި މިދަންނަވަނީ ރައީސް ޔާމީނަކީ އަޅުގަނޑު އެފަދަ ގޮތަކަށް ދަންނަ ބޭފުޅެއްވެސް ނޫނެވެ. ދުވަހަކު ސީދާކޮށްވެސް އަދި ފޯނުންވެސް ވާހަކަ ދެއްކި ބޭފުޅެއްވެސް ނޫނެވެ. ގާސިމަކީ ކޮންމެވެސް ވަރަކަށް ދަންނަ ބޭފުޅެއް ކަމުގައި ވިއަސް ދުވަހަކުވެސް ގާސިމްއާވެސް އެފަދަ ގުޅުމެއް ނޯންނާނެއެވެ. ވަކި އެއްޗެއް ހޯދައިގެން ވަކި އެއްޗެއް ލިޔެދީފައެއް ނޯންނާނެއެވެ. ލިޔާ އެއްޗެއް ލިޔަނީ އަޅުގަނޑަށް ފެންނަގޮތުގައި މިގައުމަށާއި މިގައުމުގެ ދީނަށް، އަދި ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތަކަށެވެ.

މިވަގުތަކީ ސިޔާސީވެ، ވަކި ވަކި ކުލަތަކާއި ވަކިވަކި ފިކުރުތަކުން އެއްބަޔަކު އަނެއްބަޔަކާ ޖެހިގަންނަންވީ ވަގުތެއް ނޫނެވެ. މިގައުމީ މައްސަލައަކީ ރައީސް ޔާމީންވެސް އަދި އެހެން ބޭފުޅަކުވެސް އަމިއްލަފުޅު ސިޔާސީ ކުރިއެރުމަށްޓަކައި ނާޖާއިޒު ފައިދާ ނަންގަވަންވީ މައްސަލައެއްވެސް ނޫނެވެ. މިއީ ގައުމީ މައްސަލައެކެވެ. މިއީ ހުރިހާ ފިކުރެއްގެ ހުރިހާ އެންމެންވެސް މިދިވެހި ގައުމާއި ދީނުގެ ހިމާޔަތުގައި، ފެއްސާއިރަތާއި ހުދުގެ މިދިދައިގެ ހުރުމަތުގައި ތެދުވެ އަދުއްވުންގެ ނުރައްކާތެރި ރޭވުންތަކުން ގައުމު ދިފާއު ކުރަންވީ ވަގުތެވެ. އަޅުގަނަޑަކީ އެއްވެސް ޕާރޓީއެއްގެ މީހެއްވެސް ނޫނެވެ. އެއްވެސް ސިޔާސީ ބޭފުޅެއްގެ އަޅެއްވެސް ނޫނެވެ. ބަޔަކު އަތުން އެއްޗެއް ހޯދައިގެން ބަޔަކު ބުނާގޮތަށް ލިޔާ މީހެއްވެސް ނޫނެވެ. މިއީ ހައްގު ތެދެވެ. އަޅުގަނޑަކީ ދިވެއްސެކެވެ. ދިވެހި ލޭ ހިނގާ މީހެކެވެ. އިސްލާމް ދީނަށް ލޯބިކުރާ މުސްލިމެކެވެ. ﷲ މިދިވެހި ގައުމު މިނިވަންކަންމަތީ ތާއަބަދު ލަހައްޓަވާށި. ﷲ މިދިވެހި ގައުމުގެ ދީނަކީ އިސްލާމް ދީންކަމުގައި ތާއަބަދު ލަހައްޓަވާށި. އަޅުގަނޑުގެ ޕްރޮފެސަރު ބުނިހެން ބޭރު ގައުމަކަށް އަޅުވެތި ނުވެ، ބޭރު ގައުމަކަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ސިންގަޕޫރު ފަދައިން ތަރައްގީ ވެވޭ ގައުމެއް ކަމުގައި ލައްވާށީ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟