އެމްޑީޕީ

ކެންސަލްކޮށްލި 10 ފޯމު އަލުން ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުން : އެމްޑީޕީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ކެންސަލްކޮށްލި 10 ފޯމު އަލުން ހުށަހެޅުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް އެޕާޓީން ބުނެފިއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު މިއަދު ވިދާޅުވީ އެ 10 ފޯމު ބަލައިނުގަތީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ކަމަށެވެ.

"މިހާރު ވާނީ ފޯމުތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ފަށާފައި. އަދި މައުލޫމާތު ފުރިހަމަވިހާ އަވަހަކަށް އަޅުގަނޑުމެން އަނެއްކާވެސް އެ ފޯމުތައް އީސީއަށް ހުށަހަޅާނަން،" އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ 86 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަނަށް މިދިޔަ ހަފުތާގައި ހުށަހަޅައިފައެވެ. އޭގެތެރެއިން ބަލައިގަނެފައިވަނީ 76 ފޯމު ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަނުން އިއްޔެ ބުނީ ޑޮކިއުމެންޓްތައް ހަމަކޮށް އެ ދިހަ ފޯމު އަލުން ހުށަހެޅުމުން އެ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ.