އިބްރާހިމް ޒަކީ
ދަށު ކޯޓުގައި އޮތް މައްސަލައެއް، ސުޕްރީމް ކޯޓަށް ނެގުމަކީ، ހައިކޯޓުގެ މަރުހަލާގެ ދިފާއު ރައްޔިތު މީހާއަށް ގެއްލިގެންދާ ކަމެއް ކަމަށާއި، އެއީ ގާނުއަސާސީ ބުނާގޮތް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، ކޮންމެ މައްސަލައެއްވެސް ތިން ފަހަރަށްބަލައި އެއަށް ގޮތެއް ނިންމުމަށް ގާނޫނުއަސާސީ ޖާގަދޭ ކަމަށެވެ.
ނަމަވެސް އެކަން އެހެން އޮއްވައި، ފަނޑިޔާރަކު އައިސް ފައިލްތައް ހިފައިގެން ގޮސް "މީ ތިމަންނާއަށް ފެންނަ ގޮތޭ ވިދާޅުވެ" ހުކުމް އިއްވުމަކީ ގާނޫނުއަސާސީ ބުނާގޮތް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އެބަ ޖާގަދޭ ކޮންމެ މައްސަލައެއްވެސް ތިން ފަހަރަށް ބަލައި، އެއަށް ގޮތެއް ނިންމުމަށް. އެކަން އެހެން އޮއްވައި އެއް މައްސަލަ އެއްފަހަރު ނުފެށެނީސް އަނެއް ފަނޑިޔާރަކު އައިސް އެ ފައިލްތައް ހިފައިގެން ގޮސް މީ ތިމަންނާއަށް ފެންނަ ގޮތޭ ވިދާޅުވެ ހުކުމް އިއްވެވީމަ އެއީ މިރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތެއް ވެސް ނޫން، އަދި ތަހުޒީބު އޮތްތަނެއްގައި މިކަން ކުރާ ގޮތެއްނޫން،" ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ހުށަހަޅާފައިވާ ދައުވާއަކާ ނުލައި އަދި ޕްރޮސެކިއުޓާ ޖެނެރަލް، ދައުލަތުގެ ދައުވާއެއް އުފުލާފައި ނެތީސް، ކަމެއްގެ މައްޗަށް ފަނޑިޔާރު މަނިކުފާނު ހުކުމް އިއްވުމަކީ ނެތް ކަމެއްގެ މައްޗަށް ހުކުމް އިއްވުން ކަމަށެވެ.
ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް އެމްޑީޕީން އެކުލަވާލާފައިވާ އެޖެންޑާ 19ގައި، ޝަރުއީ ދާއިރާގެ އެޑްމިނިސްޓްރޭޝަން އަކީ މިނިވަން ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަނއަޅާފައިވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ކޯޓުތައް ހިންގުމަކީ ފަނޑިޔާރުންގެ ކަމެއް ނޫން ކަމަށެވެ.
"ޖޭއެސްސީ ނުވަތަ ކޯޓްތައް ހިންގުން ފަނޑިޔާރު މަނިކުފާނަށް ޖެހިވަޑައިގަންނަވާނަމަ، ދިޔަ ދޮވި ހަރުކުރާށާއި އެތަނުގެ އެއާކޮނޑިޝަން ހަރުކުރާންށާ، އެތާ ފަންކާ ހިނގާތޯ ބަލާށާ، ފާހާނާތައް ހުރީ ތާހިރުކޮށްތޯ ބަލާށާ، ފޮތް ފަންސޫރު ގަލަން އެބަހުރިތޯ ބަލާށާ މި އެންމެ ކަންކަމަކީ ފަނޑިޔާރު މަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވަންވީ ކަންކަމެއްނޫން. މުވައްޒިފުންގެ މުސާރަ އަކީވެސް ފަނިޑާރު މަނިކުފާނު ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމެއްނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.